ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "މިލައުތުރު ހޭންޑް ބޯޅަ މުބާރާތް" ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕް މެޗުތައް ދެ ރަށެއްގައި ކުޅޭގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ގޮއިދޫ، ނޫމަރާ، ބިލެއްފަހި، ފޯކައިދޫ، އަދި ފީވަކެވެ.

Ad
rt

ގްރޫޕް ބީގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކޮމަންޑޫގައެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މާއުނގޫދޫ، ޅައިމަގުގެ އިތުރުން ފޭދޫއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެ ރޭ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއިއެކު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮމަންޑޫގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ހޭންޑް ބޯޅަ އެސޯސިއޭޝަންގެ ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ހަތް މިނެޓަށް ދެމިގެންދާ ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފޭދޫއެވެ.