ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް، ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް އެ މަރުކަޒަށް ފޯރުކުށްދިނުމުގެ އެއްބަސްވުމުގެ ސޮއިކޮށްފިއެވެ.
ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޚީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއާއި ސިއްހަތާއި ބެހޭ ވުޒާރާ ދެމެދު އެވެ.
މި އެއްބަސްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތޯރިޤު އިބްރާހިމްއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވެސް ބައިވެރިވެލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު ފެސިލިޓީގައި ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައި ނައްތާލުމަށް އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތަޢާރަފު ކުރެވޭނެއެވެ.
މީގެ އިތުރުން ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވިގެންދާއިރު، މިކަމުގެ ސަބަބުން ވެއްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރި ކުރެވޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދީފައިވާ އައި.ސީ.ޕީ އެމް.އެސް އަކީ ފެން، ފަސްގަނޑު ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައި ވެސް ހެވީ މެޓަލްސް) މަރކުއިރީ، ކެޑްމިއަމް، ލެޑް) ފަދަ ހެވީ މެޓަލްސް މާއްދާ ހުންނަ މިންވަރު ދެނެގަނެވޭއިރު، އިންޖީނުލީ އެއްގަމު އުޅަނދުތަކުގައި ބޭނުން ކުރާ ލެޑްއެސިޑް ބެޓެރި އާއި ބައެއް ކަހަލަ އިލެކްޓްރޯނިކްސް އާލަތްތަކުގައި ލެޑް ފަދަ ހެވީ މެޓަލްސް އެކުލެވެއެވެ.
މީގެ އިތުރުން ފުލޮރިޒެންޓް ބޮއްކާއި ބައެއް ބާވަތްތަކުގެ ކޮސްމެޓިކްސް ގައި މަރކުއިރީ އެކުލެވޭއިރު، މި މެޝިނުން ވަރަށް ދަށް މިންވަރުގައި ހުންނަ ހެވީމެޓަލްސްވެސް ދެނެގަނެވޭނެއެވެ. މި މެޝިންގެ އެހީގައި ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން އާންމު ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދޭނެއެވެ. މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރެވޭނެކަމަށް މޫސުމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި އެއްބަސްވުމުގެ ދަށުން މޫސުމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މި އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވެސް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު، ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫޢުގެ ދަށުން ގާއިމުކޮށް ހަވާލުކުރެވުނު ފެސިލިޓީއަކާއި މެޝިނެއްކަމަށް މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!