ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން ރަޝިޔާގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަން ކަށަވަރުކޮށްދީފިއެވެ.
ރަޝިޔާގެ ރައީސް މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވީ ދެކުނު ކޮރެއާގެ އިންޓެލިޖެންސް ސަރވިސްއިން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކާ ގުޅޭގޮތުންނެވެ. އެ ފޮޓޯތަކުގައި ރަޝިޔާގެ ސަރަހައްދުގައި އުތުރު ކޮރެއާގެ ސިފައިން ތިބިތަން ފެންނަ ކަމަށް ބުނެފައިވެއެވެ.
"ފޮޓޯތަކަކީ ވަރަށް މުހިންމު އެއްޗެއް. ފޮޓޯތަކެއް ހުރިނަމަ، އެއިން އެއްޗެއް ދައްކުވައިދޭނެ،" ޕުޓިން ބުރާސްފަތި ދުވަހު ބޭރުގެ ނޫސްވެރިންނަށް ވިދާޅުވިއެވެ.
ޕުޓިން އަދި އިޝާރާތްކުރެއްވީ ދެ ގައުމުގެ މެދުގައި އަލަށް ސޮއިކުރެވުނު ސަލާމަތީ މުއާހަދާއަށެވެ. މި މުއާހަދާގައި ދެ ގައުމު އެކުގައި ދިފާއުކުރުމުގެ މާއްދާއެއް ހިމެނެއެވެ.
"ޑީޕީއާރްކޭއާ އެކު އަޅުގަނޑުމެންގެ ގުޅުމާ ބެހޭގޮތުން ދަންނަވާނަމަ، މުއާހަދާ މިއަދު ތަސްދީގުކުރެވިއްޖެ. އޭގައި 4 ވަނަ މާއްދާ އެބައޮތް. އުތުރު ކޮރެއާގެ ވެރިކަމުން މި އެއްބަސްވުމަށް ވަރަށް ސީރިއަސްކޮށް ރިއާޔަތްކުރާނެކަމާމެދު އަޅުގަނޑުމެން ދުވަހަކުވެސް ޝައްކެއް ނުކުރަން،" ޕުޓިން ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ބުދަ ދުވަހު ވަނީ ރަޝިޔާގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސިފައިން ޔޫކްރެއިންގައި ހަނގުރާމަކުރަން ތައްޔާރުވަމުންދާނަމަ އެއީ "ވަރަށް، ވަރަށް ސީރިއަސް" ކަމެއް ކަމަށް ވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ އިންޓެލިޖެންސް ސަރވިސްއިން ފާއިތުވި ހަފުތާގައި ދެއްކި ސެޓެލައިޓް ފޮޓޯތަކުގައި ރަޝިޔާގެ އިރުމަތީ ކޮޅުގައި ހުރި ތަމްރީނު ސަރަހައްދެއްގައި އުތުރު ކޮރެއާގެ ސިފައިން ތިބިތަން ފެންނަ ކަމަށް ބުނެފައިވެއެވެ.
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ބުނެފައިވަނީ އުތުރު ކޮރެއާގެ 12,000 އާ ހަމައަށް މީހުން ފޮނުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި ޚާއްޞަ އޮޕަރޭޝަންތަކުގެ ބާރުތައްވެސް ހިމެނޭ ކަމަށާއި، ގިނަ މީހުން ޑިސެމްބަރު މަހުގެ ނިޔަލަށް ރަޝިއާއަށް ފޮނުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!