ދޮށީ އުމުރު މީހެއްގެ ކޭސްކާޑެއް ވަގަށްނަގައި އެ ކާޑުން ފައިސާ ވަގަށް ނެގި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލީގެ ދޮށީ އުމުރު މީހެއްގެ ކޭސްކާޑުން މާމެންދޫގައި ހުންނަ އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް 23 އޮކްޓޯބަރު 2024 ގައި ހުށަހެޅުނު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކާޑު ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާމެންދޫ އިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިންނެވެ.
އެ މީހުން ހައްޔަރުކޮށް ފުލުހުން ވަނީ އެ ލޯންޗް ބަލާފާސްކޮށްފައެވެ. މި ބަލާފާސްކުރުމުގެ ތެރެއިން ކޭސްކާޑު ބޭނުންކޮށްގެން އެމީހުން ނަގާފައިވާ 25000 ރުފިޔާގެ ތެރެއިން 23000 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، އެ ދެމީހުންނަކީ
މުހައްމަދު ޝާއިން ޝަމީޒް (22އ)، ލައިފް/ގއ.ވިލިނގިލި
ހަމްދޫން ޚަލީލް (24އ)، ނޯތު ހެވަން/ލ. ގަން (ތުނޑި)
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!