ކުރީގެ އަދަދާއި ގުޅޭ،

" ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!" ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ.

Ad
rt

ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އޭނާއާ މެދު އެ ފަދަ ހިތްދަތި ގޮތަކަށް ބައްޕަ ކަންތައް ކޮށްފާނެ ކަމަކަށް ފަހަރެއްގައި ވެސް ޒައިނާ ހިއެއް ނުކުރެއެވެ.

"ބަ..ބައްޕާ؟! " އެނދުން ތެދުވަމުން ހައިރާންކަމާއެކު ޒައިނާއަށް ގޮވާލެވުނެވެ.

"އަޅުގަނޑުގެ އުފަލާމެދު ބައްޕަ ނުވިސްނަވަނީތޯ؟" ޒައިނާ ބުންޏެވެ.

" ހައް... ދަރިފުޅުގެ އުފާ؟ ދަރިފުޅު ކޮންއިރަކު ތިހާ އަމިއްލަ އެދުން ބޮޑުވީ؟" ދެ ޖީބަށް އަތް ޖަހާލަމުން މަހުދީ އެހިއެވެ.

ޒައިނާއާ ދިމާލަށް އެނބުރި ހުރެ، މަހުދީ އޭނާގެ މޫނަށް ބަލަމުން ގެންދިޔައެވެ.

"މި ވީހާތަނަށް ދަރިފުޅުމެން ދެ މައިންނަށް އުނިވާ އެއްވެސް ކަމެއް އޮތްތަ؟ތި ދެމައިން އުފަލުގައި، ތަނަވަސްކަމުގައި ގެންގުޅެން މި ބައްޕަ ހާދަ މަސައްކަތެއް ކުރީމޭ. ތި ދެމައިންނާ ދުރުގައި ހުރެގެން ބައެއް ފަހަރު އަހަރަކު އެއް ފަހަރު ވެސް ރާއްޖެ އާދެވޭ. އެއީ މަންމައާ ބައްޕަ ދަރިފުޅަށްޓަކައި ވީ ގުރުބާނީއެއް ނޫންތަ؟" ބާރުބާރަށް މަހުދީ ބުންޏެވެ.

އޭރު ޒުހުދާއަށް ރޮވިއްޖެއެވެ. ޒައިނާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެއްކޮޅުން މަންމައާއި ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އެ މީހުން އޭނާއަށްޓަކައި އުފުލި ބުރަ އާއި ކުރި މަސައްކަތް އިހުސާސް ކޮށްދިނުމަށެވެ. އަނެއްކޮޅުން އޭނާގެ ހިތުގައި ނަދީމްއަށްޓަކައި ލޯބި އުތުރު އަރަމުން ދެއެވެ.

" އޭރު އޮތް ސަރުކާރާ ބައްޕަ ދެކޮޅު ވެގެން މި ރާއްޖޭގައި އެއްވެސް މަސައްކަތެއް ނުކުރެވުނީ. ކޮމްޕެނީއެއް ރެޖިސްޓްރީ ނުކުރެވުނުތާ ހުރިހާ ގޮތަކުން ވެސް ބައްޕަ ފިއްތާލީ. އެހެންވެ ރާއްޖެއިން ބޭރަށް ބައްޕަ ބަދަލުވީ މި މަންމަ ދަރިފުޅަށް ބަނޑުބޮޑު ޙާލު، ރޮއްވާފައި." މަހުދީގެ އަޑު މަޑެއް ނުވިއެވެ.

މަހުދީ އެހެން ބުނުމާއެކު ޒައިނާއަށް ބަލައިލެވުނީ ޒުހުދާއަށެވެ.

" އެއީ ތެދެއް ދަރިފުޅާ. އެ ދުވަހު ބައްޕަ މާލޭގައި ހުރި ނަމަ ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާފައި މިއަދު ވެސް ހުންނާނީ ޖަލުގައި ކަންނޭނގެ. އެހެން ވީ ނަމަ މި މަންމަ ކިހިނެއް ދަރިފުޅު ބަލާނީ؟" ޒުހުދާ ބުންޏެވެ.

މަންމައާއި ބައްޕަގެ އަސަރުގަދަ ވާހަކަތަކުން ޒައިނާގެ ހިތަށް ހަމަ ރަނގަޅަށް ވެސް ވަރަށް ތަދުވެއްޖެއެވެ. އެ ދެ މީހުން ރޮއްވާފައި ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ.

"އަޅުގަނޑަށް މައާފްކުރައްވާ. ބައްޕަމެން ހިތުގައި ޖެއްސުނީތީ ވަރަށް ދެރަވެއްޖެ." އިސްޖަހާލަމުން ޒައިނާ ބުންޏެވެ.

ބައްޕަގެ ދުލުން އެ ފަދަ ވާހަކަތަކެއް އަޑުއަހާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ. ޒައިނާ ގޮސް ޒުހުދާގެ ކޮނޑުގައި ބޯ އަޅާލަމުން ބައްދާލިއެވެ.

" މަންމާ! އަހަރެން ނަދީމްއާ ވާހަކަ ދައްކާނަން. އަހަންނަށް އަބަދުވެސް މުހިއްމުވާނީ އަހަރެންގެ މައިންބަފައިން." ދެ ލޯ މަރާލަމުން ޒައިނާ ބުންޏެވެ.

އޭރުވެސް މަހުދީ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިން ހާމަވެއެވެ.

"ސޮރީ!" އަރޫޝާއާ ޖެހިގެން ހުރި ޖޯލީގައި އިށީނދެލަމުން ދާއިން ބުންޏެވެ.

އަރޫޝާ ހޫމް އަޅުވައިލި ނަމަވެސް އޭނާ ދާއިންގެ މޫނަކަށް ނުބަލައެވެ. އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން، ކަންނެތް ވެފައި ކަހަލަ ގޮތަކަށް އޭނާ އޮތީއެވެ.

"ހޫއްސޭ. ރުޅި އައިސްދޯ؟" ދާއިން ގަޔާވެލާފައި އެހިއެވެ.

"ކޮން ހައިސިއްޔަތަކުން އަހަރެން ދާއިންދެކެ ރުޅި އަންނަންވީ؟" އަރޫޝާ އެހިއެވެ.

"ހޫމް.. ކޮން ހައިސިއްޔަތެއް ކަމެއް ނޭނގެ އަހަންނަކަށް ވެސް. ތިއީ އަހަރެންގެ އާއިލާ މެމްބަރެއްތަ؟ ނޫނީ ގާތް އެކުވެރިއެއްތަ؟" އަރޫޝާގެ މޫނަށް ބަލައިލަމުން ދާއިން އެހިއެވެ.

" އެއްވެސް މީހެއް ނޫން." އަރޫޝާ ބުންޏެވެ.

"އޯހް. އެއްވެސް މީހެއް ނޫން ދޯ؟ ތެދަށް ތި ބުނީ. އަހަރެންގެ މައިންބަފައިންނަކަށް ވެސް އަހަންނަކީ ހަމަ އެއްވެސް މީހަކަށް ނުވެ. މި ޒަމާނުގައި މީހުންނަށްވަނީ ވަޒީފާތަކަށް ދާ މީހުން. ނޫނީ ކިޔަވާ މީހުން." ދާއިން ބުންޏެވެ.

ދާއިންގެ މޫނަށް އަރޫޝާ ބަލައިލީ ދެނެވެ.

"ތި ދެ ކަމުން އެއްވެސް ކަމެއް ދާއިންއެއް ނުކުރަމެއްނު. އެހެންވީމަ ހަމަ އެއްވެސް މީހަކަށް ނުވެއެއްނު. ތިއީ ހަމަ އެއްވެސް މީހެއް ނޫނޭ" އަރޫޝާ ބުންޏެވެ. ސަމާސާ ރާގަކަށެވެ.

އަރޫޝާގެ ޖުމްލަތައް އަޑު އަހަން އިނދެ ދާއިން ދުރަށް ބަލައިލިއެވެ.

"ނަދީމްބެއަކީ ވަރަށް މޮޅު ކުއްޖެއް. އަބަދުވެސް ކުލާހުން އެއްވަނަ ލިބޭނެ. ކުޅިވަރެއް ކުޅުނަސް ނަދީމްބެއަށް ވުރެ މޮޅު އިތުރު ކުއްޖަކު ނުހުންނާނެ. އެކަމަކު އަހަންނަކީ އޭގެ އިދިކޮޅު. އެއްވެސް އެއްޗެއް އަހަންނަކަށް ދަހެއް ނުވެ. ކިތަންމެ ވަރަކަށް މަންމަ ކިޔަވައިދިނަސް ނުވެސް އެނގޭ. ނަތީޖާއަކަށް ވީ އަހަރެން މަޑުމަޑުން ކިޔެވުން މަތިން ފޫހިވުން. ކިޔަވާހިތެއް ނުވެ. ކިޔަވަން ބުންޏަސް ބޮލަށް އުނދަގޫވޭ. ރުޅިގަދަވޭ." ދާއިން ކިޔައިދިނެވެ.

ދާއިންގެ ވާހަކަތައް އަޑުއަހަން އަރޫޝާ ވަރަށް ޝައުގުވެރިވިއެވެ.

"ޓެސްޓެއް އޮތަސް އަހަރެން ފޮތެއް ނުކިޔަން. ނަދީމްބެ ފަތިހު ފޮތް ދަސްކުރަން ތެދުވެ އުޅޭނެ. ދެން މަންމަމެން އަބަދު އަހަރެމެން ދެ މީހުން އަޅާކިޔަން ފެށީ. އަހަންނާ ދިމާލަށް އަބަދު އެއްޗެހި ގޮވާނީ. އަހަންނަށް އެނގޭ އެއީ އަހަރެން މަންމަމެންގެ ބަސް ނާހާތީކަން. މަންމަމެން ބޭނުންވާ ކަހަލަ މޮޅު ކުއްޖަކަށް ނުވާތީކަން." ދާއިން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ބައްޕަ އަހަންނަށް ހިތްވަރެއް ދިނަސް މަންމަ ބުނާނެ ކަލޭގެ ބަސްނާހާ ދަރި ނާހާނޭ އަޑެއް. ތިއަށް ވުރެ މާ ރަނގަޅުވާނެޔޭ ނަދީމްއާ ވާހަކަ ދެއްކިއްޔާ. އެހެންވެ ފަހުންފަހުން އައިސް ގޭގައި ހުންނަ ހިތެއް ވެސް ނުވޭ. އަބަދު ބޭރުގައި އުޅުނީ. ސްކޫލަށް ވެސް ދަނީ ހިތަށް އެރިއްޔާ. މަންމަގެ ކަމަކީ އަބަދު އެއްޗެހި ގޮވުން. ކާން ނުދީ ވެސް ބަހައްޓާނެ." ދާއިން ބުންޏެވެ.

"ދެން ދާއިންގެ ނަދީމްބެ ހަމަ އެއްވެސް އެއްޗެއް ނުބުނޭތަ؟ މި ބުނީ ދާއިންއަށް ނަސޭހަތެއް ވެސް ނުދޭހޭ؟ އިހަށް ބުނެބަ! ނަދީމްބެ ދާއިންއަށް ވުރެ ކިތައް އަހަރު ދޮށީ؟" ހަށިގަނޑު ތެދުކޮށްލަމުން އަރޫޝާ އަހާލިއެވެ.

" ދެ އަހަރު ބޮޑު ވާނީ. ދެ މީހުން ވެސް ހުންނާނީ ދާދި އެއް ގޮތަކަށް. އިސްކޮޅު ވެސް. ކުލަ ވެސް. ތަފާތަކީ އުޅުމާއި މިޒާޖު. ނަދީމްބެ ވަރަށް ބަސް މަދުވާނެ. ބައެއް ފަހަރު ބުނެލާނެ މަންމަ ދެން ކޮއްކޮއަށް އެއްޗެހި ނުކިޔާށޭ. އެހެން ބުންޏަސް މަންމަ އަޑުއަހާނެތަ؟ އަރޫއަށް އެނގޭތަ؟ މިޒާޖަކީވެސް ބަދަލު ކުރެވޭ އެއްޗެކޭ. " ދާއިން އަރޫޝާއަށް ބަލައިލިއެވެ.

އަރޫޝާ އިނީ ދާއިންގެ މޫނަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެންނެވެ.

"އަރޫ ތި އިނީ އަހަރެންގެ ވާހަކަތައް އަޑުއަހާހިތުންތަ؟" ދާއިން އަހާލިއެވެ.

ހިނިތުންވެލަމުން އަރޫޝާ ބޯ ޖަހާލިއެވެ. އަދި މޫނުގައި އަތް ވިއްދާލައިގެން ދާއިންއަށް ބަލަން ފެށިއެވެ.

"އަޑުއަހާލުން ފިޔަވައި އިތުރު ކަމެއް ކޮށެއް ނުދެވޭނެ. އެކަމަކު އަހަރެންގެ ހިތުން މި އެއްޗެހި ބޭރު މި ކުރަނީ ހަމައެކަނި އަރޫ ކައިރީ.. ނޭނގެ ކީއްވެ ކަމެއް މިރޭ އަރޫއާ ޝެއާ ކުރާ ހިތްވީ." ދާއިން ބުންޏެވެ.

ދާއިންގެ ބޮލުގެ އިސްތަށިގަނޑުން ނިތްމައްޗަށް ފައިބައިފައިވާ އިސްތަށިތަކުގެ ތެރެއިން އޭނާގެ ދެ ލޯ ފެންނަނީ ކިރިޔާއެވެ. އެހެންވެ ދާއިންގެ މޫނުމަތީގެ ޝުއޫރުތައް ދެނެގަންނަން އަރޫޝާއަށް އިނީ އުނދަގޫވެފައެވެ.

"އަހަރެން މި އިނީ ހަމަ އަސްލުވެސް އަޑުއަހާ ހިތުންނޭ. ދެން ކިޔައިދީބަލަ." އަރޫޝާ ބުނެލިއެވެ.

އަރޫޝާއަށް ބޭއިހްތިޔާރުގައި އޭނާގެ ކޮނޑުން ދާއިންގެ ކޮނޑުގައި ޖަހާލެވުނެވެ. އެ ވަގުތު ދާއިންއަށް ހައިރާންކަމާއެކު އަރޫޝާގެ މޫނަށް ބަލައިލެވުނެވެ.

" ދެން މަޑުމަޑުން އަހަންނާ މަންމަގެ ގުޅުން ހީނަރުވީ. އަހަންނަށް ދޭން ޖެހޭ އެއްވެސް އަޅައިލުމެއް ސަމާލުކަމެއް ނުދޭ. ހުރިހާވެސް މީހަކީ ނަދީމްބެ. އަހަރެން އެއްވެސް އެއްޗެއް ބޭބެއާ ދިމާލަކަށް ނުބުނަން. އޭނަ އަހަންނަށް ނަސޭހަތްދޭން އުޅުނަސް އަހަރެން އަޅައެއް ނުލަން. އަހަންނަށް އެނގޭ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން ކިޔަވާ ހިތެއް ނުވާނެކަން." ދާއިން ކުރިއަށް ގެންދިޔައެވެ.

" ނަދީމްބެ މާލެ ދިޔައީމަ ބައްޕަ ގަތީ ބަގީއެއް. އަހަންނަށް ބޭނުންވާ ވަރަށް އަހަރެން ބަގީ ދުއްވައިގެން ލާރި ހޯދިން. އެކަމަކު މިހާރު އެ ވެސް އަތުލައިފިއެއްނު މަންމަ. މިހާރު ދެނީ މަހަކު އެއް ހާސް ރުފިޔާ. އަހަންނަކީ ސިގިރެޓް ބޯ މީހެއް ނޫން. ދެން އެހާ ލާރިއެއްވެސް ބޭނުމެއް ނުވެ." ދާއިން ކޮނޑު ހިއްލާލަމުން ބުނެލިއެވެ.

"ދެން ދާއިން ދިރިއުޅުމަކާމެދު ނުވިސްނަންތަ؟ ބައްޕަ ދޭ އެއް ހާސް ރުފިޔާއިން ދާއިންއަށް ވޭތަ؟ ފަހަކަށް ނުވިސްނަން؟" ހައިރާންވެފައި އަރޫޝާ އަހާލިއެވެ.

"ދިރިއުޅުމެއް؟ ހައް! އަހަރެން ކަހަލަ މީހަކަށް ދިރިއުޅުމެއް ލިބޭނެތަ؟ މި ރަށު ކުއްޖަކު އަހަންނަކާ ނުވެސް އިންނާނެ. އެހެންވެ އެއްނު އަދިވެސް ސިންގަލްކޮށް މި ހުރީ." މަޖާ ރާގަކަށް ދާއިން ބުންޏެވެ.

"ދާއިންއަށް މި ރަށުން ބިޓެއް ނުވެޔޭތަ ތި ބުނީ؟ އަހަރެން ނުކުރާނަން ގަބޫލެއް. ތިއީ މިރަށުން އަހަންނަށް ފެނުނު އެންމެ ރީ...ތި...." ބުނަން އުޅުނު ޖުމްލަ އަރޫޝާ އަވަސް އަވަހަށް ހުއްޓާލިއެވެ.

އޭރު އޭނާގެ މޫނުމަތިން ލަދުން ރަތް ވަނީއެވެ. ތުންފަތުގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. އޭނާ އިސްޖަހާލުމާއެކު ދާއިން ތަންކޮޅެއް ބާރަށް ހީގަތެވެ.

"އަހަރެންތަ ރީތީ؟ ތިއީ އާ ކަމެއް ނޫނޭ. އަހަރެން ރީއްޗޭ، ހޭންޑްސަމްއޭ އަންހެން ކުދިން ބުނެޔޭ. އެކަމަކު އަހަންނަށް ބިޓެއް ނުވަނީ އެއްވެސް ޕޭރެންޓަކު ބޭނުމެއް ނުވާނެ ދޯ އެ މީހުންގެ ދަރިން މި ކަހަލަ ނުކިޔަވާ ހުރި، ވަޒީފާއަކަށް ނުދާ، ތާކުންތާކު ނުޖެހޭ މީހަކާ ކައިވެނި ކުރުވާކަށް. އެއީ އަސްލު ސަބަބަކީ." ދާއިން ބުންޏެވެ.

"އަސްލު އަރޫއަށް ގަބޫލެއް ވެސް ނުކުރެވޭނެ އަހަރެން އަދި ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން. ނުވެސް ވިސްނަން" ދާއިން އިތުރު ކޮށްލިއެވެ.

"އެހެންތަ؟ ދެން މުޅި އުމުރު އެކަނިތަ ހޭދަ ކުރާނީ؟" އަރޫޝާ އަހާލިއެވެ.

"ހޫމް. އަދި އޮތީ އެ ގޮތަށް. އެކަމަކު އަހަންނަކީ އަހަރެންކަން ދަނެ، އަހަރެންގެ ގޮތުގައި ބަލައިގަނެގެން އަހަރެންގެ ލޯބި ބޭނުންވާ ކުއްޖަކަށް ހަމަ މަރުހަބާ ކިޔާނަން. " ދާއިން ބުންޏެވެ.

"އެހެންވީމަ ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ލާރި ހޯދަން ޖެހޭނީ ދާއިންގެ އަނބިމީހާތާ ދޯ." ހެމުން ހެމުން އަރޫޝާ ބުންޏެވެ.

"ނޫން. އެ ގޮތަށް އަހަންނާ ކައިވެނި ކުރާނީ ހަގީގަތުގައި ވެސް އަހަރެންދެކެ ލޯބިވާ ކުއްޖާ! އެހެންވީމަ އެ ކުއްޖަކަށްޓަކައި އަހަރެން ބަދަލުވާނެ. ބަދަލުވާން މަޖުބޫރުވެސް ވާނެ. ލޯބިވާ މީހާއަށް އަހަރެންގެ މިޒާޖުވެސް ބަދަލު ކުރެވޭނެ. އަހަރެން މިހާރު މި ގޮތަށް އުޅުނަސް އަހަންނަކީ ވަރަށް ވިސްނޭ މީހެއް." ދާއިން ބުނެލީ އަޑަށް ބާރުލައިފައެވެ.

ހިނިތުންވެފައި އަރޫޝާ އިނީ އިސްޖަހާލައިގެންނެވެ.

"މިހާރު އަރޫއަށް އަހަރެމެން ދެ މީހުން ވާހަކަ މި ދައްކާ ހައިސިއްޔަތު އެނގިއްޖެތަ؟" ދާއިން ބުންޏެވެ.

ސިހިފައި އަރޫޝާ ދާއިންގެ ބޫނަށް ބަލައިލުމާއެކު ދާއިން ކުޑަކޮށް ތެދުވެ އަރޫޝާގެ މޫނާ މޫނު ގާތްކޮށްލިއެވެ.

"ވަރަށް ގާތް... އެކުވެރިއެއް." ދާއިން ބުނެލީ ވަރަށް ސިއްރުންނެވެ.

އިތުރަށް މަޑުކުރުމެއްނެތި ދާއިން ތެދުވެގެން ގޮސް ގެއަށް ވަނެވެ. އޭރު ވެސް އަރޫޝާއަށް އިނދެވުނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާއާމެދު ދާއިން ދެކެނީ އާއިލާ މެމްބަރެއްގެ ގޮތުގައި ނޫންކަން އަރޫޝާއަށް އެނގުނެވެ. އޭނާއަށް އެކަމުން ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ. ބޮޑު ހިތްހަމަ ޖެހުމެކެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސްކަމުން މަދީހާއާއެކު އަރޫޝާ އުޅެނީ ބަދިގޭގައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ މިއަދާ ޖެހެންދެން ވެސް މަދީހާގެ ފަރާތުން އަރޫޝާއަށް ލިބެމުންދާ ލޯތްބާއި އަޅާލުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންވެ ދުވަހެއް ދުވަހަކަށް އަރޫޝާގެ ހިތުގައި މަދީހާއަށްޓަކައި ލޯތްބާއި އިހްތިރާމް ދަނީ ވަރުގަދަ ވަމުންނެވެ.

"އަޅުގަނޑުގެ މި މަހުގެ މުސާރަ ދައްތައަށް ދޭން ބޭނުން." އަރޫޝާ ބުނެލިއެވެ.

އޭރު މަދީހާ އުޅުނީ ކާން ހެދުމުގައި އަވަދި ނެތިއެވެ. އަރޫޝާގެ ޖުމްލައިން އޭނާ ދިޔައީ ސިހިގެންނެވެ.

"ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. އަރޫޝާ ފައިސާ ބޭނުން ނުވަންޏާ ވަޒީފާއަށް ނުގޮސް ގޭގައި ހުރޭ. އޭރުން ދައްތަ ވެސް ފޫހި ފިލާނެ އެއްނު." މަޖާ ރާގަކަށް މަދީހާ ބުންޏެވެ.

"ހަމަ އަސްލުވެސް ލޯބިންނޭ މި ބުނީ." އަރޫޝާ ބުނެލިއެވެ.

"ދައްތަވެސް ލޯބިންނޭ މި ބުނީ. ތި ބަހައްޓަބަލަ. ދެން މުސާރައިގެ ވާހަކަ ނުދައްކާތި. ބޭބެއަށް އަޑު އިވުނަސް ރުޅި އަންނާނެ. މިހާރު ކާން އަންނާނެ." މަދީހާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.

"ދާއިން މިއަދު ވަރަށް އުފަލުން ހުރި ދުވަހެއް. އެހެންޏާ އަހަރެން ފެނުނަސް ނުދައްކާނެ ވާހަކައެއް. ކުނިކަހަން އޮއްވާ މޫދަށް ދަމުން މަންމާއޭ ކިޔާ ގޮވާލި. އަދި ބުނި ބޯވައެއް ލިބުނިއްޔާ މަންމަމެންނަށް ގެންނާނަމޯ." މަދީހާ އުފާވެރި ރާގެއްގައި ބުންޏެވެ.

އެ ވަގުތު ރޭގެ މަތިން އަރޫޝާ ހަނދާންވިއެވެ.

"އޭނަ އެހާ ހިތްހަމަ ޖެހިފައި އެ ހުރީ ކީއްވެބާއޭ ދައްތަ ހިތަށް އަރަނީ. އަނެއްކާ އިންނާނެ މީހަކު ވީބާ؟" މަޖާ ވެލާފައި މަދީހާ ބުންޏެވެ.

"ދެން ބޯވާ ގެނައިތަ؟ އަހަރެން މިއަދު ދާއިން ނުވެސް ދެކެން." އަވަސް އަވަހަށް އަރޫޝާ ބުންޏެވެ.

"އާބިދު މެންގޭ ފުރިޖުގައި އޮންނާނެޔޯ ބުނީ." މަދީހާ ބުންޏެވެ.

އޭރު ދާއިންއާ ރިޒާ ކާ ބަޔަށް އައިސް ވަދެއްޖެއެވެ. އަރޫޝާ ފެނުމާއެކު ދާއިން އެއް ލޯ މަރާލިއެވެ. އަރޫޝާގެ ދެ ލޯ ދިޔައީ ބޮޑު ވެގެންނެވެ. މީހަކަށް ފެނި ދާނެތީ އޭނާ އަވަސް އަވަހަށް ދާއިންއަށް ފުރަގަސް ދިނެވެ. އަދި އައިސް އަލަމާރިން އެއްޗެއް ނަގާ ކަމަށް ހަދާލީ، ގަތް ލަދުންނެވެ.

"މިރޭ ކީއްވެތަ މާ މަޑުން ތި އިންނަނީ؟ ބައެއް ފަހަރު ހީވޭ ވަރަށް ދެރަވެފައި އިންނަހެން ވެސް. ބަސް ހުއްޓިފައި ތި އިންނަނީ ކީއްވެތަ؟" ނަދީމް އެހިއެވެ.

ނަދީމްއާ ޒައިނާ ތިބީ ދޮންވެލި ފަސްގަނޑުމަތީގައެވެ. އެ މީހުން ބައްދަލް ކުރަން ކޮންމެ ރެޔަކު ވެސް ދަނީ މީހުން މަދު ސަރަހައްދަކަށެވެ. ޒައިނާ އިނީ ނަދީމްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ޒައިނާ އެއްވެސް ވަރަކަށް މިރޭ ވާހަކަ ނުދައްކާތީ އޭނާގެ ސަމާލުކަން ހޯދުމަށްޓަކައި ޒައިނާގެ މަޑު އަތްތިލައަށް އިރުއިރުކޮޅުން ނަދީމް ފިތާލައެވެ.

"އަހަރެން ދެކެ ނަދީމް ވަރަށް ލޯބިވޭތަ؟" ކުރަކިވެފައިވާ އަޑަކުން ޒައިނާ ސުވާލު ކުރިއެވެ.

"ތީ ދެން އަހާ ކަހަލަ ވާހަކައެއްތަ؟ އަހަރެން ނުބުންޏަސް ޒައިއަށް އެނގޭނެ އަހަރެން ޒައިދެކެ ލޯބިވާ ވަރު." ނަދީމް އެހެން ބުނެ އޭނާގެ އަތުގެ ތެރޭގައި އޮތް ޒައިނާގެ އަތަށް ބޮސްދިނެވެ.

"އަހަންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަންތަ؟" އަނެއްކާވެސް ޒައިނާ އެހިއެވެ.

ނަދީމް ތުންތަޅުވާލުމަށްފަހު ތަންކޮޅެއް ބާރަށް އާނއެކޭ ބުނެލިއެވެ.

"ނަދީމްގެ ހަޔާތަށް އަހަރެން ފިޔަވައި އިތުރު އަންހެން ކުއްޖަކު އަތުވެދާނެތަ؟" ނަދީމްގެ ކޮނޑުމަތިން ބޯ ހިއްލާލަމުން ޒައިނާ ސުވާލު ކުރިއެވެ.

އެ ވަގުތު ނަދީމް ދެ ފަރާތަށް ބޯ ހޫރާލަމުން ހޭން ފެށިއެވެ.

"މިހާ ގިނަ ދުވަހު އެއްކޮށް އުޅޭއިރު މިއަދު ތި ސުވާލުތައް ތި ކުރަނިއްޔޯ؟ އަހަރެން ހީކުރީ ޒައިއަށް މިހާރު އަހަރެން ދަސްވެ ބާވެއްޖެކަމަށް. އެކަމަކު އަދި މި ފޮތުގެ އެންމެ ސަފުހާއެއް ވެސް ޒައިއަކަށް ދަހެއް ނުވެއެއްނު. " ނަދީމް ބުނެލިއެވެ.

އޭނާ ޒައިނާގެ ގައިގައި ހިފައި ގާތް ކޮށްލިއެވެ. އަނެއްކާވެސް ދެ މީހުންގެ ދެ މެދަށް ހިމޭންކަން ވެރިވެއްޖެއެވެ.

"ބުނެބަލަ ޒައި. މިރޭ ހީވަނީ ސުވާލު މުބާރާތެއް ހެން. އަދި މުޅިން ވެސް ކުރަނީ ބޭކާރު ސުވާލު. ތަންކޮޅެއް އޮއްޓަރު ހުރި ސުވާލެއް ކޮށްބަލަ!" ޒައިނާގެ ބޮލުގައި ބޯ ޖައްސާލަމުން ނަދީމް ސުވާލު ކުރީ މަޖާވެފައެވެ.

"ކައިވެންޏަށްފަހު އަހަންނާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކޮށްފާނަންތަ؟" އަވަސް އަވަހަށް ޒައިނާ އެހިއެވެ.

"ތި ކުރީ އޮއްޓަރު ހުރި ސުވާލެއް؟" ނަދީމް އެހެން ބުނެ ބާރަށް ހީގަތެވެ.

"ސީރިއަސް ސުވާލެއް މި ކުރީ." ޒައިނާ ބުންޏެވެ.

"އެމެރިކާއޭ! " ނަދީމް އަނެއްކާވެސް ހޭން ފެށިއެވެ.

ޒައިނާ ދައްކަން އުޅޭ ވާހަކައިގައި ހުރި ވޭން، ނަދީމަށް އަދި އިހުސާސް ވެސް ނުވާނެކަން ޒައިނާއަށް އެނގެއެވެ. ޒައިނާ ތެދުވެ ގައިން ވެލި ފޮޅާލުމަށްފަހު ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. ޒައިނާއަށް ބަލަން އިނދެ ނަދީމް ވެސް ތެދުވެއްޖެއެވެ. އަދި ޒައިނާގެ ފަހަތުން ބާރު ބާރަށް ދިޔައެވެ. ޒައިނާ ގޮސް ހުއްޓުނީ ގޮނޑުދަށުގައެވެ. އޭރު ހަނދުގެ ރިހި އަލިން މޫދުން ދަޅަ އަރަމުންދެއެވެ. ޒައިނާގެ ނަޒަރު ހުއްޓިފައިވަނީ މަޑު އޮއިވަރެއްގައި ކަންނެތްކަމާއެކު ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކާ ދިމާލަށެވެ.

"އަހަރެން ސަކަރާތެއް ނުޖަހަން. ސަމާސާއެއް ވެސް ނުކުރަން." ޒައިނާ ވާހަކަ ދެއްކީ ތުރުތުރު އަޅާ އަޑަކުންނެވެ.

"ދެން؟ ތަންކޮޅެއް ސާފުކޮށް ބުނެބަލަ." ޒައިނާއާ ދާދި ގާތުގައި ހުއްޓުމަށްފަހު ނަދީމް ދެ ޖީބަށް އަތް ޖަހާލަމުން އެހިއެވެ.

ޒައިނާ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ބައްޕަ ދެއްކި ހުރިހާ ވާހަކައެއް ނަދީމްއާ އޭނާ ހިއްސާކުރިއެވެ.

މަޑުމަޑުން ޒައިނާ ނަދީމްގެ އަތުގެ މުލައްދަނޑީގައި ހިފާލުމަށްފަހު އޭނާގެ ގައިގައި ލެނގިލިއެވެ. އޭރުވެސް ނަދީމް ހުރީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ.

" ދެން... ދެން އެންމެ ފަހުން ބައްޕަ... ބައްޕަ ބުނީ އަހަންނާއެކު ނަދީމް ނުދަންޏާ އަހަންނަށް ޖެހޭނީ... އަހަރެމެންގެ ދެ މީހުންގެ ކައިވެނި... ހަނދާން ނައްތާލާށޯ." ޒައިނާ ޖުމްލަ ދޫކޮށްލީ ދެ ލޯ މަރައިލަމުންނެވެ.

" ކީކޭ؟" ވައި އަޑުން ނަދީމްއަށް ބުނެވުނެވެ. ގަބޫލުކުރަން ދަތިވެ ހުރެއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)