ކުރީގެ އަދަދާއި ގުޅޭ،

" މިހާރު އާސިފްއަށް ބަލައިލާފަ ހީވޭ މީހުން އެ ކިޔަނީ ހަމަ ތެދެކޭ. ވަރަށް ނައިސް ހެން ހީވަނީ." އާބިދު ބުންޏެވެ.

Ad
rt

ދާއިންއަށް އިނދެވުނީ ރައްދެއް ދޭން ވެސް ނޭނގިފައެވެ. އޭރު ވެސް އޭނާގެ ކުރިމަތިން އަރޫޝާގެ ހިނިތުންވެފައިވާ މޫނު ފެންނަމުން ދާ ކަހަލައެވެ. އާސިފްއާއެކު އޭނާ އެހާ އުފަލުން ހުންނަންޖެހޭ ސަބަބެއް ދާއިންއަކަށް ނުވިސްނުނެވެ. އަދި އެކަމާ ދާއިންއަށް އުނދަގޫ ވާން ޖެހުނު ސަބަބެއް ވެސް އޭނާއަކަށް ނޭނގުނެވެ.

"ރަނގަޅިއްޔާ ރަނގަޅުތާ." އާބިދާ ބައިވެރި ވުމުގެ ގޮތުން ދާއިން ބުނެލިއެވެ.

އާބިދުގެ ގޭ ދޮރުމައްޗަށް ސައިކަލް ހުއްޓާލި އިރު ދާއިންގެ މަންމަ އެގޭ ޖޯލިފަތީގައި އިނެވެ. މަންމަ ފެނި، ދާއިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" މަންމަދެކެ ރުޅި އައިސްގެން ތިހާ ގިނަ ދުވަހު ހުރެވޭނެ ކަމަކަށް މަންމަ ހިއެއް ނުކުރަން. " މަދީހާ ބުނެލިއެވެ.

އެ ވަގުތު ދާއިންއަށް ބަލައިލެވުނީ އާބިދުގެ މޫނަށެވެ. ދާއިންގެ ކޮނޑުގައި ޖަހާލަމުން އާބިދު އިޝާރާތް ކޮށްލީ މަންމައާއެކު ގެއަށް ދިޔުމަށެވެ.

"އަހަންނަކީ ދާއިންގެ އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ. އަދި އަހަރެންގެ މަންމައަށް ވެސް ދާއިންއާ އަހަރެންގެ ގުޅުން އޮޅިފައެއް ނޯންނާނެ. ދާއިން ބޭނުންވީމަ މި ގޭގައި އުޅޭފައި، ދާން ބޭނުންވީމަ ދެވޭނެ. މިއީ އެއްވެސް ހާލަތެއްގައި މަދީހާދައްތައާމެދު އަހަރެން އިހާނެތިކޮށް ހިތުމެއް ނޫން." އާބިދު އެހެން ބުނެ ހީލުމަށްފަހު ގެއަށް ވަނެވެ.

އާދޭހުގެ ނަޒަރަކުން މަދީހާ ދާއިންއަށް ބަލަމުން ދިޔައެވެ.

ބުރަކޮށް އޮފީހުގައި އުޅުމަށްފަހު އަރޫޝާ ގެއަށް އައީ ވަރުބަލިކަމާ އެކުއެވެ. ދޮރާށި ލައްޕާލުމަށްފަހު އޭނާ ގެއަށް ވަންނަން ހިނގައިގަތީ ފޯނާ ކުޅެމުން ހިނިތުންވެ ހުރެއެވެ.

"އާސިފަކީ އެހާ ރަނގަޅު މީހެއް ނޫން." ކުއްލިއަކަށް ދާއިންގެ އަޑު އިވުމުން އަރޫޝާ ސިހުނެވެ.

ޖޯލިފަތީގައި ދާއިން އިންތަން ފެނި އަރޫޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ވަގުތު އަރޫޝާއަށް ހިނިތުން ވެލެވުނެވެ.

"ކީއްވެ ތި ހެނީ؟އަހަންނަށް މި ދެވުނީ ނުބައި މައުލޫމާތެއްތަ؟" ދާއިން އެހިއެވެ.

އޭރުވެސް އަރޫޝާއަށް ހުރެވުނީ ހެވިފައެވެ. އޭނާ ގެއާ ދިމާލަށް ބަލައިލަމުން ދާއިންއާ ދިމާލަށް ހިނގައިގަތީ ނުހަނު ބާރަށެވެ. ދާއިން އިން ޖޯއްޔާ އެއް ޖޯލި ދޫކޮށް އޭނާ އިށީނެވެ. އަދި ޝައުގުވެރިކަމާއެކު ދާއިންގެ މޫނަށް ބަލަމުން ދިޔައެވެ.

"ކާކުތަ މި ގެ ދެއްކީ؟އަހަރެން ހީކުރީ ދިޔަ ގޮތުން ދެން ދުވަހަކު ވެސް މި ގެއަކަށް ނާންނާނެ ކަމަށް." އަރޫޝާ ސުވާލު ކުރީ ސަމާސާ ރާގެއްގައެވެ.

" އަހަރެން މި ހުރީ ސަމާސާ ކުރާ މޫޑަކު ނޫން. އަހަރެން ބުނި ޖުމްލަ އަޑު އިވުނުތަ؟" އޭރު ވެސް ދާއިން އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

"އާސިފޭ ކިޔާފަ ކީކޭތަ ބުނީ؟ " ހަނދާންކޮށްލަމުން އަރޫޝާ އެހިއެވެ.

"އަހަރެން ބުނީ އާސިފަކީ އެހާ ރަނގަޅު މީހެއް ނޫނޭ." ހިތްހަމަ ނުޖެހިފައި އިނދެ ދާއިން ބުނެލިއެވެ.

އެވަގުތު އަރޫޝާ ގާތަށް އިތުރަށް ހިނިއައެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ދާއިންއާ ސުވާލު ކުރަން ފެށިއެވެ.

"ދެން؟ އާސިފަކީ ކޮންމެ ކަހަލަ މީހަކަސް އަހަންނަށް ކީއްތަ؟ ކީއްވެ އަހަރެންގާތު އާސިފްގެ ވާހަކަ ތި ދައްކަނީ." އަރޫޝާ އެހިއެވެ.

"އަރޫއާ އެއް އޮފީހެއްގައި ވޯކް ކުރާތީ ސަމާލުކަމަށް މި ބުނެލީ. އެއީ މިރަށުގައި އެންމެ ގަދަޔަށް މަސްތުވާ އެއްޗެހި ބޭނުން ކުރި މީހާ. މިހާރު ރަނގަޅުވެ އިސްލާހު ވެގެން އައިސްގެންނޯ އުޅެނީ ކިޔާ. އެކަމަކު އަހަންނަށް ހީވަނީ އެއީ އޭނަ ވަޒީފާ ހޯދަން އަރުވައިގެން އުޅޭ އަޑެއްހެން." ދާއިން ބުންޏެވެ.

ދާއިންގެ ވާހަކަތަކަށް އަރޫޝާ ދިޔައީ ބޯ ޖަހަމުންނެވެ.

"އެހެންތަ؟ އެކަމަކު މިހާރު މަހެއްހާ ދުވަސް ކަންނޭނގެ މި ވަނީ އޭނައާއެކު ވޯކް ކުރާތާ. އަހަންނަކަށް ހިއެއް ނުވެ އެއީ ވިޔާނުދާ މީހެއް ހެންނެއް. ސިގިރެޓެއް ވެސް ނުބޮއި. މަސައްކަތަށް ވެސް ވަރަށް ފަރުވާތެރި. ވަރަށް ހެލްޕްފުލް މީހެއް. އަނެއްކާ އާސިފްއަކީ މިރަށުން އަހަންނަށް ލިބުނު އެންމެ ފުރަތަމަ ފްރެންޑް. " އަރޫޝާ ބުނެލިއެވެ.

އެ ވަގުތު ހައިރާންވެފައި ދާއިންއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އޭރު ވެސް އަރޫޝާ އިނީ ދާއިންގެ މޫނަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންނެވެ.

"އެހެންތަ؟ އެއްޗެކޭ ހީ ނުކުރައްޗޭ. އަހަރެން މިހެން މި ބުނީ ކުރިން އޭނަގެ ވިޔާނުދާ އުޅުން ފެނިފައި ހުރީމަ. އޯކޭ ދެން." އެހެން ބުނެ ދާއިން ކުއްލިއަކަށް ތެދުވެއްޖެއެވެ.

"މަންމަދެކެ ރުޅި އައިސްގެން ދެން ގެއިން ނިކުމެގެން ނުދައްޗޭ." އަރޫޝާ ބުންޏެވެ.

އަރޫޝާގެ އަޑަށް ދާއިން ހުއްޓުނު ނަމަވެސް ފަސްއެނބުރި ބަލައެއް ނުލައެވެ.

"މި ގޭގައި އަހަރެން ހުރެގެން އުފާވާނެ މީހަކު ނުހުންނާނެ." ދާއިން ބުނެލިއެވެ.

ޝައުގުވެރިކަމާއެކު އަރޫޝާއަށް އިނދެވުނީ ދާއިންއަށް ބަލާށެވެ.

ނަދީމްއާ ޒައިނާގެ ލޯބި ދުވަހުން ދުވަހަށް އަންނަނީ ވަރުގަދަ ވަމުންނެވެ. ޒައިނާއަކީ ނަދީމްގެ ހިތުގެ ކާނާއަށް ވެއްޖެއެވެ. އޭނާ އިންތިހާއަށް ޒައިނާދެކެ ލޯބިވާކަން އަބަދާއަބަދު ހާމަ ކުރަމުންދެއެވެ. ނަތީޖާއަކަށްވީ ޒައިނާގެ މައިންބަފައިން އޭނާއާމެދު އެތައް އުއްމީދުތަކެއް ކުރުމެވެ. އޭނާއަށް އިތުބާރުކޮށް އެ ދެ މީހުންގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުމެވެ.

"ޒައިނާ ދެކެ އެހާ ލޯބިވާ މީހަކު ދެން ނޭނގެ ލިބޭނެ ކަމެއް ވެސް. އަހަރެން މި ކިޔަނީ ކައިވެނި އަވަސް ކުރާށޭ. އެހާ ރަނގަޅު ކުއްޖަކު ލިބުނީމަ ދޫވިޔަ ދީގެން ނުވާނެ އެއްނު." ޒުހުދާ ވާހަކަ ދެއްކީ މަހުދީއާއެވެ.

"އަހަރެންގެ ވަރަށް ބޮޑު ޕްލޭނެއް އެބަ އޮތް. " މަހުދީ ބުންޏެވެ.

މަހުދީގެ ސީރިއަސް ރާގުން ޒުހުދާއަށް ޝައުގުވެރި ވެވުނެވެ. އަދި ސުވާލުގެ ނަޒަރަކުން އޭނާ މަހުދީއަށް ބަލަމުން ދިޔައެވެ.

" ނަދީމް ރަނގަޅޭ ތި ކިޔަނީ ކިހިނެއް؟ މި ޒަމާނުގައި ލޯބިވެޔޭ ކިޔައިގެން އަބަދު ދެ މީހުން އެކުގައި އުޅުނީމަ އެ ވީ ރަނގަޅު މީހަކަށްތަ؟ މިހާރުގެ ފިރެހެން ކުދިންނަށް އިތުބާރު ކުރަން ހެޔޮވެސް ނުވާނެ. އަހަރެމެން ވިސްނަންވީ އަހަރެމެންގެ ދަރިފުޅާމެދު އެކަނި. އަހަރެން ކޮންމެ ކަމެއް ވެސް ކުރާނީ ޒައިނާއަށް ފައިދާ ވާ ގޮތަށް." މަހުދީ ބުނެލިއެވެ.

އޭނާ ދައްކަމުންދާ ވާހަކަތައް ޒުހުދާއަކަށް އެއް ގޮތަކަށް ވެސް ނުވިސްނުނެވެ.

"ދެން ތި ބުނީ ނަދީމްއާ ޒައިނާ ކައިވެންޏެއް ނުކުރެވޭނެޔޭތަ؟ ހަމަ މަހުދީ ދޯ ބުނީ އިންޓީރިއާ ޑިޒައިން ކިޔަވާ ކުއްޖެއްވީމަ މަހުދީ ވަރަށް ސަޕޯޓޭ އެކަމަށް." ޒުހުދާ ހަނދާންކޮށްދިނެވެ.

މަހުދީ ޖަހާލީ ކުރު ހިނިގަނޑެކެވެ.

" ކައިވެންޏަށް އަހަރެން ނުގަބޫލެކޭ ނުބުނަމެއްނު. ޒުހުދާއަށް ވިސްނެން އަދި ވަރަށް ވަގުތު ނަގާނެ." މަހުދީ ބުންޏެވެ.

ގައިމަތީ ރަޖާ އަޅައި، މަހުދީ އޭނާއަށް ފުރަގަސްދިން އިރުވެސް ޒުހުދާ އިނީ ފުން ވިސްނުމެއްގައެވެ.

"އައްސަލާމްއަލައިކުމް." ޖޯލިފަތީގައި ފޯނާ ކުޅެން އިން ދާއިން ސިހުނީ ދޮރާށި ހުޅުވައި އެތެރެއަށް ވަތް އާސިފް ފެނުމުންނެވެ.

އާސިފްއަށް ދާއިން ފެނުމާއެކު ދާއިންއާ ދިމާލަށް ހިނގައިގަތީ ހެވިފައި ހުރެއެވެ.

"އަހަރެން ހީކުރީ ދާއިން މިހާރު ރަށުގައި ނޫޅެނީ ކަމަށް. އަހަރެން ރަށަށް ބަދަލުވި ފަހުން ދާއިން ނުވެސް ދެކެން. " ގާތް ރަހުމަތްތެރިއަކު ފަދައިން އާސިފް ވާހަކަ ދެއްކިއެވެ.

"ނޫނޭ. އަހަރެން ހަމަ މި ރަށުގައި މިއުޅެނީ. އާ...ސިފް ކީއްކުރަނީ މި ގޭގަ؟" ދާއިން ސުވާލު ކުރިއެވެ.

ދާއިން އިނީ އާސިފްގެ ޖަވާބަކަށް ކެތްމަދު ވެފައެވެ. އަރޫޝާއާ ދެމެދު ހާއްސަ ގުޅުމެއް އޮތްތޯ ބަލައިލާ ހިތް ވެފައެވެ.

"އަރޫ ފޯނު ނުނަގައިގެން މި އައީ. ގޭގައި ނޫޅެނީތަ؟" އާސިފް ބުނެލިއެވެ. އޭރު އޭނާގެ ދެ ލޯ އަމާޒުވެފައި ވަނީ ގޭގެ މައިދޮރަށެވެ.

"މިއަދަކީ ހޮނިހިރެއްނު. ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ނިކުންނަން ޖެހޭތަ؟" ދާއިންއަށް ސުވާލު ކުރެވުނެވެ.

ބޭއިހްތިޔާރުގައި ދާއިންގެ މޫޑު ބަދަލުވެއްޖެއެވެ. އޭނާގެ އަޑުގައިވެސް ހުރީ އެ ފަދަ ރުންކުރު ރާގެކެވެ.

"ނޫން. އޮފީސް ތަޅުދަނޑި ވީ އަރޫ އަތުގައި. އަހަރެން އިތުރުގަޑީގައި ކަމެއް ނިންމަން ނިކުންނަން ވެގެން. ދާއިން އަޅެ އޭނައަށް އަންގާލަދީބަލަ." އާސިފް އެދުނެވެ.

ނޫނެކޭ ބުނަން ނުކެރިގެން ދާއިން ތެދުވެގެން ދިޔައެވެ. އެ ވަގުތު އާސިފަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.

"އަރޫ އިނީ ސައިބޯން. އޭނަ ބުނީ ދެން އާސިފް އަތުގައި ތި ބާއްވާށޯ." ދާއިން ބުނެލީ ތަޅުދަނޑި ދިއްކޮށްލަމުންނެވެ.

އޮފީހަށް ދިޔަގޮތަށް އާސިފް އަނެއްކާ ވެސް އަރޫޝާއަށް ގުޅިއެވެ.

"އޭ. އަރޫ އާ ދާއިން، އަނެއްކާ ކަމެއްތަ؟" އާސިފް އެހިއެވެ.

އާސިފްގެ ސުވާލުން އަރޫޝާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"މިއަދު އަހަރެން ކީ ބަލައި ދިޔައީމެއްނު. ދާއިން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. އަރޫ ހޯދަން ދިޔަކަން އެނގުނު ހިސާބުން އޭނަގެ މޫޑު ބަދަލުވެއްޖެ. އަނެއްކާ ތި ދެ މީހުން ކަމެއް ހިންގަނީތަ؟" އާސިފް އަނެއްކާ ވެސް އެހިއެވެ.

"ނޫން އަހަރެމެން ދެ މީހުންގެ ނޯވެޔޭ ތި ހީކުރާ ކަހަލަ ގުޅުމެއް." އަރޫޝާ ޔަގީންކަން ދިނެވެ.

"ނޭނގޭނެއެއްނު. ދާއިން ކަހަލަ ހޭންޑްސަމް މީހެއްތާ އަރޫމެން ކަހަލަ ރީތި ކުދިން ބޭނުންވާނީ. އަހަރެމެން މި ތިބޭހެން ހިކި ހޯލި ކޮޅަކާ ދިމާލަކަށް ނުބަލާނެ ދޯ." އާސިފް ބުންޏެވެ.

އެ ވަގުތު އަރޫޝާ ބާރުބާރަށް ހީގަތެވެ.

"އާސިފް ދެން ދައްކާ ވާހަކަ." ހެމުން ހެމުން އަރޫޝާ އެހެން ބުނެލި ވަގުތަކީ ދާއިން އައިސް ކާގެއަށް ވަތް ވަގުތެވެ.

ދެން އޯކޭއޭ ބުނެ އަރޫޝާ އަވަހަށް ފޯނު ބޭއްވުމުން ދާއިން ގާތަށް ހިނިވެސް އަތުވެއްޖެއެވެ.

"އަހަރެން އައީމަ ކީއްވެ ތި ބޭއްވީ؟ ކުރިއަށް ގެންދޭ. އޮފީސް ލޯބި ދޯ؟" ސަމާސާ ގޮތަކަށް ދާއިން ބުންޏެވެ.

ދާއިންގެ ސަމާސާ އަރޫޝާއަކަށް ކަމަކު ނުދިޔައެވެ. ގޮނޑި ފަހަތަށް ދަމާލުމަށްފަހު އަރޫޝާ ތެދުވެ ދާއިންއަށް ބަލައިލިއެވެ.

"އަހަންނަކީ އެއްވެސް މީހަކާ ތި ހީކުރާ ކަހަލަ ގުޅުމެއް އޮތް މީހެއް ނޫން. އަހަރެން ހީކުރަން ދާއިން ވެސް އަހަންނަށް ތި ކަހަލަ ސަމާސާ ނުކުރާނެކަމަށް." އަރޫޝާ އެހެން ބުނެ ބާރުބާރަށް ނިކުމެގެން ދިޔައެވެ.

އަތުގައި އޮތް ފެން ފުޅި މޭޒުމަތީ ބެހެއްޓުމަށްފަހު ދާއިން އޭނާގެ ފަހަތުން ދިޔައީ ވަރަށް ބާރަށެވެ.

"އޭ. ހާދަ ސީރިއަސްވީ.." ދާއިން ބުންޏެވެ.

" އޮފީސް ލޯތްބޭ ތި ބުނީ ދާއިން ހީކުރީ އަހަރެން އޮފީހަށް ގޮސް އާސިފާއެކު ގަނޑެއް ގަންނަނީ ކަމަށްތަ؟ އަހަންނަކީ ތިހާ ދަށު ދަރަޖައިގެ މީހެއް ނޫނޭ. އެހެން ނޫނަސް އަހަންނަށް އެނގޭ އަހަރެންގެ ދައްތަ އާއި ބޭބެގެ އަގު ހިފަހައްޓަން. އެ މީހުން ލަދުގަންނަން ޖެހޭ ވަރުގެ އެއްވެސް ކަމެއް އަހަންނެއް ނުކުރާނެ." އަރޫޝާ ވާހަކަ ދެއްކިއެވެ.

ދާއިން ބުނާނެ އެއްޗެއް އަޑު އަހަން މަޑުކުރުމެއް ނެތި އަރޫޝާ ބާރުބާރަށް ނިކުމެގެން ދިޔައެވެ. އަރޫޝާ އެހާ ބޮޑަށް ހިތްހަމަ ނުޖެހިދާނެ ކަމަކަށް ފަހަރެއްގައި ވެސް ދާއިން ހިއެއް ނުކުރެއެވެ. ނަމަވެސް އަރޫޝާގެ ވާހަކަތަކުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ.

ބާރުބާރަށް އައިސް ޒައިނާ މަންމަގެ ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި މަހުދީއާއި ޒުހުދާ ތިއްބެވެ. އެ ދެ މީހުންގެ މޫނުމަތިން ފެންނަމުން ދާ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން ޒައިނާއަށް އެނގުނެވެ. ނުތަނަވަސްވެފައި ހުރެ ޒައިނާ މަންމައާއި ބައްޕަގެ މޫނަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

" ވަރަށް އަވަހަށް މި ކޮޓަރިއަށް އަންނަން މަންމަ ބުނީ ކީއްވެ؟ އަނެއްކާ ކަމެއް ވީތަ؟" ޒައިނާ ވާހަކަ ދެއްކީ ޒުހުދާއާއެވެ.

ޒުހުދާ ބަލައިލީ މަހުދީގެ މޫނަށެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން މަހުދީ އައިސް ޒައިނާގެ ބޮލުގައި ފިރުމާލިއެވެ. އޭރުވެސް ޒައިނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑު ވެފައެވެ.

"ބައްޕާ! ކިހިނެއްތޯ ވީ؟ މިހާރު އަޅުގަނޑު ބިރުގަންނަން ފަށައިފިއޭ." މަހުދީގެ އަތުގައި ހިފަމުން ޒައިނާ ބުންޏެވެ.

"އެއްވެސް ކަމެއް ނުވެ. ބިރު ގަންނަން ޖެހޭ ވަރުގެ ކަމެއް އަދި އަމުދުން ނުވެ. މި ބައްޕަ ދުނިޔޭގައި ހުރިހާ ހިނދަކު ދަރިފުޅުގެ ލޮލުން ކަރުނައެއް ވައްޓާލަންޖެހޭ ވަރުގެ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ވިޔަކަ ނުދޭނަން." މަހުދީ ބުންޏެވެ.

އިތުރަށް ސުވާލެއް ނުކޮށް ޒައިނާ މަހުދީގެ ދެ ލޮލަށް ބަލަމުން ދިޔައެވެ.

" އަންހެން ދަރިޔަކު ކައިވެނި ކުރުމުން، މައިންބަފައިންގެ މައްޗަށް އޮންނަ ބާރު އަހަރެމެންގެ އަތުން އެބަ ގެއްލޭ. އެ ހިސާބުން އެ ދަރިޔަކަށް ހުރިހާ އަމުރެއް ހިންގާނީ ވެސް އެ ދަރިއެއްގެ ހުރިހާ ޒިންމާއެއް ނަގާނީވެސް ފިރިމީހާ." މަހުދީ ބުންޏެވެ.

ބައްޕަގެ މައުޟޫ އަޑު އިވުމުން ޒައިނާ ކިތަންމެ ހައިރާންވީ ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ޝައުގުވެރި ވެފައެވެ.

"މިތާ އިށީނދެލައިގެން ހަމަޖެހިލަބަލަ. ބައްޕަ މި ދައްކާ ވާހަކަ ނިކަން ރަނގަޅަށް ދަރިފުޅު އަޑު އަހަން ވާނެ." މަހުދީ ބުންޏެވެ.

އެއަށްފަހު ޒައިނާގެ ދެ ކޮނޑުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.

"އަދިވެސް މަންމައާއި ބައްޕަ ދަރިފުޅު މި ގެންގުޅެނީ ތުއްތު ކުއްޖަކު ފަދައިން. ދަރިފުޅަށް ރާއްޖެއިން ކިޔަވައިދޭން މަންމަ ބޭނުންވާތީ ކިޔަވާ ނިމެންދެން ވެސް ތި ދެމައިން ރާއްޖޭގައި ބޭތިއްބީ. ދަރިފުޅު މީހަކާ އިނަސް އަހަރެމެންނާ ދުރުގައި އުޅުމަކީ ފަހަރެއްގައި ވެސް އަހަރެމެންނަށް ރުހެވޭނެ ކަމެއް ނޫން." މަހުދީ އެހެން ބުނެ މަޑުމަޑުން ލޮލުގެ ހިމަކޮޅުން ފާއްދާލި ކަރުނަތިކި ފުހެލިއެވެ.

"އަޅެ ބައްޕާ. އަޅުގަނޑު އަބަދުވެސް މަންމަ ގާތު ބުނަމޭ މެރީ ކޮށްގެން ހަމަ މި ގޭގައޭ އުޅޭނީ. ދެން ކީއްވެތޯ ބައްޕަ އެހާވަރަށް ވިސްނަވަނީ؟" ޒައިނާ ދެރަވެލާފައި ސުވާލު ކުރިއެވެ.

"މި ގޭގައެއް ނޫން. ރާއްޖެއިން ބޭރުގައި. އެމެރިކާގައި." މަހުދީ ވާހަކަ ދެއްކީ ލަސްލަހުންނެވެ.

"އެ...މެ...ރިކާ؟" މަންމަގެ މޫނަށް ބަލައިލަމުން ޒައިނާއަށް ބުނެވުނެވެ.

"ޔެސް. ދަރިފުޅު ތުއްތު އިރުއްސުރެ ބައްޕަ ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހަދާފައި މި ފަހަރު ރާއްޖެ މިއައީ. ރާއްޖެ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރަން ބޮޑު ގެ އެއްވެސް ގަނެފިން. އަހަރެމެންގެ މި ކުޑަކުޑަ އާއިލާ ދެން ދިރިއުޅޭނީ އެތާ." މަހުދީ ބުންޏެވެ.

މަހުދީގެ ވާހަކަތައް އަޑުއިވި، ޒައިނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ.

"ދަރިފުޅު ތި އިންނަނީ ގަބޫލު ކުރަން ދަތި ވެފައިތަ؟ ބައްޕަ މި ފަހަރު މި އައީ ވެސް މި ސަޕްރައިޒް ދޭ ހިތުން. ދެން އެމެރިކާއަށް ދާނީ ދަރިފުޅުމެން ގޮވައިގެން." އަނެއްކާ ވެސް މަހުދީ ވާހަކަ ދެއްކިއެވެ.

"އަޅުގަނޑު ކައިވެނި ކުރަނީ ދިވެއްސަކާ. ބައްޕައަށް ހީވޭތަ އޭނަ ބައްޕަމެން ބޭނުންވެ ލައްވާ ގޮތަށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކޮށްފާނެހެން؟" ޒައިނާ ސުވާލު ކުރިއެވެ.

އެ ވަގުތު މަހުދީއަށް ބަލައިލެވުނީ ޒުހުދާގެ މޫނަށެވެ. އެއަށްފަހު އޭނާ ކުރު ހިނިގަނޑެއް ޖަހައިލަމުން ދެ ކޮނޑު އުފުލައިލިއެވެ.

"ކީއްވެ ނުކުރަންވީ؟ ނަދީމްއަށް ވެސް މިއީ ކިހާ ރަނގަޅު ފުރުސަތެއް؟" މަހުދީ ބުންޏެވެ.

"އެކަމަކު... ނަދީމްގެ މައިންބަފައިން ދޫކޮށް އޭނަ ކިހިނެއް ދާނީ؟" ޒައިނާ އިސްޖަހާލަމުން ބުންޏެވެ.

" މާލޭގައި ދިރިއުޅުނަސް ނަދީމް ރަށަށް ދާނީ ޗުއްޓީތަކަށްދޯ. އެމެރިކާގައި އުޅުނަސް ހަމަ ޗުއްޓީއަށް ރާއްޖެ އާދެވޭނެ އެއްނު. " ޒުހުދާ ބުންޏެވެ.

އޭރު މަހުދީގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުންތެރިކަން ފާޅުވާން ފަށައިފިއެވެ.

" ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!" ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ.

ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)