ކުރީގެ އަދަދާއި ގުޅޭ،

" ކީކޭ؟" ވައި އަޑުން ނަދީމްއަށް ބުނެވުނެވެ.

Ad
rt

" ޒައި އަހަންނަށް ދޮގެއް ނަހަދަން ދޯ؟ އަހަރެން ތަޅުވަނީތަ؟" ނަދީމް ސުވާލު ކުރީ ޖެހިލުންވެ ހުރެއެވެ.

ޒައިނާ އިސްޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދެން... ޒައި ބޭނުންވަނީ ކޮން ގޮތެއް؟" އަނެއްކާ ވެސް ނަދީމް ކުރީ ސުވާލެކެވެ.

އެ ސުވާލު އޭނާ ކުރާނެކަން ޒައިނާއަށް މާ ކުރިން ވެސް އެނގެއެވެ. އެހެންވެ، ޒައިނާ ބޭނުންވީ އޭނާގެ ނިންމުން ލަސްނުކޮށް ކިޔައިދޭށެވެ.

" މަންމަގެ ފަހަތުން ދިޔުން ނޫން ގޮތެއް އަހަންނަކަށް ނޯންނާނެ. އަހަރެންގެ ނިންމުމަކީ އެއީ." މަޑުމަޑުން ޒައިނާ ބުންޏެވެ.

އެ ވަގުތު ނަދީމް ޗޮކެއް ކަނޑައިލިއެވެ. ނަދީމް ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. އޭނާ ހިތްހަމަ ނުޖެހުނުކަން ޒައިނާ އެ ވަގުތު އިހުސާސް ވިއެވެ.

" އަހަރެން އަދިވެސް ހިތަށް އަރަނީ ޒައި، އަހަންނަށް ސަމާސާ ކުރަނިއްޔޭ." ނަދީމް ބުނެލީ މަޑުމަޑުންނެވެ.

އެ ޖުމްލަ އަޑު އިވިފައި ޒައިނާގެ ހިތަށް އިތުރަށް ވީ ތަދެވެ. އެހެންކަމުން އޭނާއަށް ދޫ ހަރަކާތް ކޮށްލެވުނީ ވެސް ކުޑަ އިރުކޮޅެއް ފަހުންނެވެ.

" ޕްލީޒް ނަދީމް. އަހަރެން ދުވަހަކު ވެސް ނަދީމްއަށް މިކަހަލަ ސަމާސާއެއް ނުކުރަމެއްނު. އަހަރެން މިރޭ މި އައީ ވަރަށް ހިތްވަރު ކޮށްގެން. ކެތްތެރިކަމާއެކު މި ވާހަކަތައް ކިޔައިދެވޭތޯ. ކިޔައިދެވުނަސް މިއީ އަހަންނަށް ކުރަން ފަސޭހަ ކަމެއް ނޫނޭ ނަދީމް. " ޒައިނާއަށް ރޮވުނެވެ.

ނަދީމް އެނބުރިލުމަށްފަހު ޒައިނާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.

" އެހެންވިއްޔާ ބުނެބަލަ. ދެންމެ ތި ބުނީ ހަމަ ޒައި ބޭނުންވާ ގޮތްތަ؟ އަހަރެން ދޫކޮށްފައި މާ ދުރަށް ދާންތަ ބޭނުންވަނީ؟ " ނަދީމް އެހިއެވެ.

ރޮއިރޮއި ހުރި ޒައިނާއަށް ދެ ލޯ މަރާލެވުނެވެ. އޭރު ވެސް އޭނާގެ އެސްފިޔަތައް ކަރުނައިން ތެމެމުން ދެއެވެ.

" އަހަރެން މި ދައްކަނީ އަހަރެން ބޭނުންވާ ގޮތުގެ ވާހަކައެއް ނޫނޭ ނަދީމް. އަހަރެންގެ މައިންބަފައިން ކުރުވި މަޖުބޫރެއްގެ ވާހަކަ. އަހަންނަށް އެ ނޫން ގޮތެއް ނެތޭ ނަދީމް. އަހަންނަށް ޖެހޭނީ އެ މީހުންނާއެކު ދާން. " ޒައިނާ ބުނެލީ ގިސްލަމުންނެވެ.

ވަގުތުން ނަދީމް ޒައިނާއާ ދުރަށް ޖެހިލިއެވެ. އެ އާއެކު ހައިރާންވެ ހުރެ ޒައިނާ، ނަދީމްއަށް ބަލަން ފެށިއެވެ. ނަދީމް ބުނާނެ އެއްޗެއް ނޭނގޭ ހާލު އޭނާގެ ހިތް ބިރުން ތެޅެމުންދެއެވެ.

"ޕްލީޒް ޒައި. މަންމައަށް ވިސްނައިދީބަލަ. ބުނެބަލަ އަހަރެމެން ދެ މީހުން ވަކިވާކަށް ބޭނުމެއް ނުވެޔޭ. ބުނޭ ޒައި ވެސް ބޭނުންވަނީ ރާއްޖޭގައި ދިރިއުޅޭށޭ. ޒައިގެ އުފަލަށް ވިސްނަންޏާ އެ ގޮތަކަށް އެ މީހުން ކަންތަކެއް ނުކުރާނެ." ނަދީމް ރުޅި އަންނަގޮތް ވެއްޖެއެވެ.

ނަދީމްގެ ޖުމްލަތަކުން އޭނާގެ ނިންމުން ޒައިނާއަށް ދެނެގަނެވުނެވެ.

" ތި ބުނީ... ތިބުނީ ނަދީމް ބޭނުންވަނީ ރާއްޖޭގައި މަޑުކުރާށޭ ތަ؟" އިތުރަށް ޔަގީންކޮށްލުމަށް ޒައިނާ ސުވާލު ކުރިއެވެ.

" ޒައި ބުނީމެއްނު ކިތަންމެ ގަދަ ކަނޑެއްގައި މަރާ ހަނގުރާމަ ކުރަން ޖެހުނަސް އަހަންނަށްޓަކައި ޒައިއަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެޔޭ. ބުނީމެއްނު." ބާރުބާރަށް އައިސް ޒައިނާގެ ދެ ކޮނޑުގައި ހިފަމުން ނަދީމް ބުނެލިއެވެ.

ކަޅި ޖަހައިނުލައި ޒައިނާއަށް ހުރެވުނީ ނަދީމްއަށް ބަލާށެވެ. އޭރުވެސް އެ ދެ ލޮލުން ކަރުނައިގެ ވިދުމެއް ނުކެނޑެއެވެ.

" އަހަންނަށްޓަކައި ފިދާ ވާނަމޭ ވެސް ބުނީމެއްނު..." އިތުރަށް ޒައިނާ އޭނާއާ ގާތް ކޮށްލަމުން ނަދީމް ބުންޏެވެ.

ޒައިނާ އިސްޖަހާލިއެވެ. އަދި މަޑުމަޑުން ނަދީމްގެ މޭގައި ބޯ ޖައްސާލިއެވެ. އޭރު ވެސް މަޑުމަޑުން އޭނާއަށް ގިސްލެވެއެވެ.

" ތި ހުރިހާ ވާހަކަތަކެއް ތި ދައްކަނީ އަހަރެން ހަނދާން ނެތިފައި ހުރި ކަމަށްތަ؟ ނަދީމް! އަހަރެން އެއްވެސް އެއްޗެއް ހަނދާނެއް ނުނެތެޔޭ. އަދިވެސް އަހަރެން ބުނަން ބޭނުންވަނީ ނަދީމްއާ ނުލައި އަހަންނަށް އުފަލުގައި އެންމެ ސިކުންތަކު ވެސް ނުހުރެވޭނެޔޭ. އެކަމަކު... މިހާރު އަހަންނަށް އެނގިއްޖެ އަހަންނާއެކު ދާން ނަދީމް ބޭނުން ނުވާކަން." ޒައިނާ ބުންޏެވެ.

އެ ޖުމްލަތައް އަޑުއަހާފައި ނަދީމް ތެޅިގަތެވެ. އޭނާ ވަގުތުން ޒައިނާ ދުރަށް ޖައްސާލިއެވެ.

" އެހެންވީމަ... އެހެންވީމަ ޒައި ތި ހުރީ އެމެރިކާއަށް ދާން ނިންމައިގެންތަ؟" ހާސްވެފައި ހުރެ ނަދީމް އެހިއެވެ.

ޒައިނާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

" އަހަރެން ވީ ކަހަލަ އެތައް ވައުދުތަކެއް ނަދީމް ވެސް ވީމެއްނު. ކީއްވެ އަހަންނާއެކު ދާން ބޭނުން ނުވަނީ؟ އަހަންނަށް ކުރިމަތިވެފައި މިވާ މަޖުބޫރީ ގަބޫލު ނުކުރަނީ ކީއްވެ؟ ކީއްވެ އަހަރެންގެ ހިތާމަތައް ނަދީމްއަށް އިހުސާސް ނުކުރެވެނީ؟ ނަދީމް އަހަރެންދެކެ ވާ ލޯބި، އެހާ ވަރުގަދަ ނުވީ ކީއްވެ؟" ޒައިނާ ބުންޏެވެ.

އެ އަޑުގައިވާ ތުރުތުރުލުމާއި ހިތްދަތިކަމުގެ އަސަރުތައް ނަދީމްގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ހަމައަށް ވެސް ފޯރައިފިއެވެ. ރޮއިރޮއި ދުޅަވެފައިވާ ޒައިނާގެ މޫނަށް ބަލަހައްޓައިގެން ނަދީމްއަށް އަދިވެސް ހުރެވެނީއެވެ. އެންމެ ލޯބިވާ މީހާ، ގެއްލެން އުޅޭ ކަމުގެ ބިރު ހީވެ، އޭނާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ހަގީގަތުގައި ޒައިނާ ދެންމެ ކުރި ސުވާލު ތަކުގެ ޖަވާބު، ދޭނެ ގޮތް ހުދު ނަދީމްއަށް ވެސް ހުރީ އޮޅިފައެވެ.

" އަހަރެން... އަހަރެން ކީކޭ ބުނާނީ؟ ކައިވެންޏާ މެދު އެހާ ފޮނި އުއްމީދުތަކެއް ކުރަމުން ދަނިކޮށް ކިހިނެއް މި ވީ؟ " ނަދީމް ބުނެލިއެވެ.

" ކޮންމެ ހާލެއްގައި ވެސް އަހަރެން ޒައި ބޭނުން... " އަނެއްކާ ވެސް ނަދީމް ވާހަކަ ދެއްކިއެވެ.

އެއާއެކު ޒައިނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ބޭއިހްތިޔާރުގައި އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.

"އެކަމަކު..." ނަދީމް ބުންޏެވެ.

އަނެއްކާވެސް ޒައިނާގެ މޫނުމަތީގެ ކުލަވަރުތައް މުޅިން ބަދަލު ވެއްޖެއެވެ.

" ކޮން އެކަމަކު އެއް. ޕްލީޒް! ނުބުނާތި.. އިތުރަށް އެންމެ ލަފްޒެއް ވެސް ނުބުނާތި. އަހަރެމެން ދެ މީހުން ދުރުވާނެ އެންމެ ބަހަނާއެއް ވެސް ނުދައްކާތި. އަހަރެން ވެސް ނަދީމް ވަރަށް ބޭނުން..." ޒައިނާ އެހެން ބުނެ، ބާރުބާރަށް ނަދީމްގެ ގައިގައި ބައްދައިގަތެވެ.

ޒައިނާގެ ބުރަކަށީގައި އަތް ޖައްސާލަން ދެ އަތް އުފުލައިލެވުނު ނަމަވެސް، އެ ހަށިގަނޑުގައި އަތް ޖައްސާލާނެ ހިތްވަރެއް ނަދީމްއަކަށް ނުލިބުނެވެ. ހައިރާންވެފައި ޒައިނާ ނަދީމްއަށް ބަލައިލިއެވެ. ޒައިނާ އެ ގޮތަށް އެ ބަލަނީ ކީއްވެ ކަން ނަދީމްއަށް އެނގެއެވެ. އެހެންވެ އޭނާ ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ.

" ސޮރީ ޒަައި! އަހަންނަށް އެމެރިކާއަށް ދިރިއުޅުން ބަދަލެއް ނުކުރެވޭނެ. ޒައި، ޒައިގެ މައިންބަފައިންނަށްޓަކައި އެ މީހުންނާއެކު ދާ ފަދައިން އަހަރެން ވެސް އަހަރެންގެ މައިންބަފައިންނަށްޓަކައި އެ މަގު ހިޔާރުކުރަން ނިންމައިފިން. " ނަދީމް ބުންޏެވެ.

އެ ވަގުތު ޒައިނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާއަށް ނަދީމް ކުށްވެރި ކުރެވެން ނެތްކަން އެނގެއެވެ. ނަދީމްއަށް ވެސް ޒައިނާ ކުށްވެރި ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

" އެންމެ ރަނގަޅު ގޮތަކީ ދެ މީހުން މިކަން ގަބޫލު ކުރުން. " އަނެއްކާވެސް ވާހަކަ ދެއްކީ ނަދީމެވެ.

" ފަސޭހަތަ؟ " ޒައިނާއަށް ބުނެވުނެވެ.

" ހީވޭތަ؟" ޒައިނާއާ ގާތަށް ކުރިއަށް ޖެހިލަމުން ނަދީމްއަށް ސުވާލު ކުރެވުނެވެ.

ޒައިނާ އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ. އެ އާއެކު ޒައިނާގެ ދެ އަތުގައި ހިފައި ގެނެސް ނަދީމްގެ މެޔާލައި ބޮނޑިކޮށްލެވުނެވެ. މިއީ އެންމެ ފަހުގެ ބައްދަލްވުންކަން އެނގޭތީ ދެ ހިތް ބާރަށް ރޮމުން ދިޔަ ކަހަލައެވެ.

"އަހަންނާ ނުލާ އުޅެން ދަސްކުރައްޗޭ!" ނަދީމް ބުންޏެވެ.

އޭނާގެ އެ ޖުމްލައަކީ ޒައިނާއަށް އަޑުއަހަން ފަސޭހަ ޖުމްލައަކަށް ނުވިއެވެ. އިތުރަށް ޒައިނާއަށް ގިސްލެވެން ފެށުނީއެވެ.

" އެކޮޅަށް ގޮސް ރަނގަޅު މީހަކާ އިނދެގެން ރީތި ދިރިއުޅުމެއް އުޅެއްޗޭ!" އަނެއްކާވެސް ނަދީމް ބުންޏެވެ.

އެއާއެކު ޒައިނާ ކުއްލިއަކަށް ދުރަށް ޖެހުނެވެ.

" ދެ މީހުން ވަކިވާއިރު ތިއީތަ އަހަންނަށް ދޭން އެނގުނު އެންމެ ރަނގަޅު ނަސޭހަތަކީ؟ އަހަންނާއެކު އެމެރިކާއަށް ނުދާ ގޮތަށް މިރޭ ނަދީމް ނިންމި ހިސާބުން، އަހަރެން ވެސް މިހުރީ ގޮތެއް ނިންމައިގެންނޭ! ދުވަހަކުވެސް މީހަކާ ނީންނަން އަހަރެން ނިންމީ! އެކަމަކު.... އަހަންނަށް ހީވަނީ ނަދީމް ވަރަށް އަވަހަށް މީހަކާ އިންނާނެހެން. " ޒައިނާ ވާހަކަ ދެއްކީ ރޮމުންނެވެ. އަދި އެހާމެ ބާރަށެވެ.

އޭނާ ފަހަތަށް ޖެހެމުން ގޮސް ބާރުބާރަށް ދުއްވައިގަތެވެ. ފަހަތުން ދުއްވައި ގަންނަމުން ނަދީމް ގޮވަގޮވައި ހުއްޓާ، ކާރެއް ހުއްޓުވައި، އެއަށް އަރައިގެން އޭނާ ގޮއްސިއެވެ. ނަދީމްއަށް ދެ ލޯ މަރައިލެވުނެވެ. ހިތުގެ ބޮޑުބައެއް އުނިވެގެން ދިޔަކަހަލަ ތޫނު ތަދެއް އޭނާއަށް އިހުސާސް ކުރެވުނެވެ. ފެންކަޅިވެ ދެ ލޯ ފުރެން ފެށުމުން ނަދީމް ދެ އަތުން މޫނު ފުހެލިއެވެ.

ކޮމްޕިޔުޓަރ ކައިރީ އަރޫޝާ އިން އިރު އޭނާގެ ކުރިމަތީގައި ހުރި މޭޒު ކައިރީ އާސިފް އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އަރޫޝާގެ ދެ ލޮލަށެވެ. އާސިފް ބަލަން އިން ކަން އަރޫޝާއަށް އެނގުމާއެކު އޭނާއަށް އުނދަގޫ ވާން ފެށިއެވެ. އެހެންވެ، އަވަސް އަވަހަށް ފޯނު ނަގައި ފޯނާ ކުޅެން ފެށީ އާސިފްއަށް މޫނު ފޮރުވަން ބޭނުން ވެގެންނެވެ.

"އަރޫ ބްރޭކަށް ނުދަންތަ؟" އަރޫޝާގެ ކަންފަތުގައި ޖެހުނީ އާސިފްގެ އަޑެވެ.

އޭރު އާސިފް އައިސް ހުރީ އޭނާގެ މޭޒު ކައިރީގައެވެ. އިސް އުފުލައިލަމުން އަރޫޝާ ބޯ ޖަހާލިއެވެ.

"ހިނގާބަލަ އަހަންނާއެކު ކޮފީއަކަށް ދާން." އާސިފް އެދުނެވެ.

"އަހަންނަކަށް ނުކެރޭނެ ބޭރަށް ދާކަށް. އަހަންނަކީ މިރަށަށް އަދިވެސް ބީރައްޓެއްސެއް." އަރޫޝާ އިންކާރު ކުރިއެވެ.

"ގައިމުވެސް މިހާރު މިރަށުގައި އަރޫ ނޭނގޭނެ މީހަކު ނުހުންނާނެ. ދެން އާދެބަލަ ދާން. މިތާ ކައިރީގައި ހުރި ރެސްޓޯރެންޓަށޭ ދާނީ. އެހެން ނޫނަސް އަހަރެމެންނަކީ މިހާރު ވޯކް ބަޑީޒް ދޯ. އޮފީސްތަކުގެ މީހުން ކޮފީއަށް ދިޔުމަކީ މި ރަށުގައި ވެސް ވަރަށް އާއްމު ކަމެއް." އާސިފް ބުންޏެވެ.

އާސިފްގެ އާދޭހަށް އަރޫޝާ ތެދުވީ ޖެހިލުންވެ ހުރެއެވެ. ދެ މީހުން އެކުގައި ހިނގައިގަތީ ޖެހިގެން ހުރި ގޯޅީގައި ހުންނަ ސީވިއު ރެސްޓޯރެންޓަށް ދިޔުމަށެވެ.

"އަހަންނަށް ލަވާޒާ ބްލެކެއް. އަރޫ ގެންނާނީ ފްރެޝް އެއްޗެއްދޯ. މިތާ ވަރަށް މީރު ވާނެ ޕައިން އެޕަލް ޖޫސް." އާސިފް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

އާދަޔާ ހިލާފަށް އަރޫޝާއަށް އެކަން ފާހަގަ ވެސް ކުރެވުނެވެ. އާސިފްގެ އެދުމަށް އޭނާ ތާޒާ މޭވާ ޖޫހަކަށް އޯޑަރު ދިނުމަށްފަހު ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

"އޭ! އާސިއްޕެ. ސެޓު ކުރީތަ؟" އަޑު އައީ ފަހަތު މޭޒުންނެވެ.

އާސިފް ލާނެތް ގޮތަކަށް ހެވިފައި އިން ނަމަވެސް އަރޫޝާގެ މޭގަނޑު އޭރު ނެގިނެގިފައި ޖެހެއެވެ.

"ކޮބާ! އެހެންވެޔޭ އަހަރެން ނާންނަން އުޅުނީ..." އަރޫޝާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.

" އެ މީހުންނާއެކު ކޮފީތަކަށް އަންނަން ތި ކަހަލަ ރީތި ކުއްޖަކު ނުވާތީ އެ މީހުން ޖޭ ވަނީ. އަޅައިނުލާ. " އާސިފް ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.

ހިތްހަމަ ނުޖެހިފައި ހުރެ، އަރޫޝާ އާސިފްއަށް ބަލައިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އާބިދުއާއެކު އެތެރެއަށް ވަދެގެން އަންނަ ދާއިންއެވެ. އެ ވަގުތު އަރޫޝާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ ކަހަލައެވެ.

" ދޮންކަލޯ ތި ކޮފީ މިއަދު ނުވާނެ ހިއްޗެއް ވެސް. " އަނެއްކާވެސް އެހެން މީހަކު ދިމާކޮށްލިއެވެ.

އިސްޖަހައިގެން އިން އަރޫޝާ ވަގުވަގަށް ބަލައިލި ވަގުތަކީ ދާއިން ވެސް އޭނާއަށް ބަލައިލި ވަގުތެވެ. އޭރު ދާއިންގެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު ކެކިއަރައެވެ. އާސިފްގެ ފަހަތުގައި ހުރި މޭޒުގައި ދާއިންމެން ތިބި އިރު ދާއިން އިނީ އަރޫޝާއަށް ކުރިމަތި ލައިގެންނެވެ.

އަރޫޝާއަށް ބަލައިލެވުމާއެކު އޭނާ މޫނުމަތީގެ ހަރަކާތުން އާސިފާއެކު ކީއްކުރަނީތޯ އެހިއެވެ. ދާއިން ހިތްހަމަ ނުޖެހިފައި އިންކަން އަރޫޝާއަށް ފާހަގަ ކުރެވުމުން އޭނާ އަނެއްކާވެސް އިސްޖަހާލިއެވެ.

"ހިނގާ ދާން. އަހަރެން ވަރަށް ފޫހިވޭ މިތާ ވަރަށް ފިރެހެނުން ވެސް ގިނަ އެއްނު." ހިތްހަމަ ނުޖެހިފައި އަރޫޝާ ބުނެލިއެވެ.

"އާސިއްޕެ އަހަރެމެންނަށް ކައިވެނީގެ ދައުވަތު ދެއްޗޭ. " އިތުރު މީހަކު ގޮވާލިއެވެ.

އެ އަޑާއެކު ވަގުތުން އަރޫޝާ ތެދުވިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ނިކުމެގެން ދިޔައެވެ. އާސިފްވެސް ފުންމައިގެން ތެދުވިއެވެ.

"ކަލޭމެން ދިމާ ކުރިޔަސް ހައްދެއް އޮންނަން ޖެހޭނެ." ރުޅިވެރި ރާގަކަށް އާސިފް ބުންޏެވެ.

ބާރުބާރަށް އޭނާ ދިޔައިރު އެ ތަނުގައި ދާއިން އިންކަމެއް އޭނާއަަކަށް ނޭނގެއެވެ. އޭރު ދާއިންވެސް އިނީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

އާސިފް އައިސް އޮފީހަށް ވަތްއިރު އަރޫޝާ އިނީ މޭޒުގައި ބޯ އަޅާލައިގެންނެވެ. އޭނާ ގޮސް މޭޒު ކައިރީ ހުއްޓި މޭޒުގައި ކުޑަކޮށް ޖަހާލިއެވެ. އަރޫޝާ ބޯ ހިއްލާލުމާއެކު އޭނާގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތައް އާސިފްއަށް ފެނުނެވެ. ވަގުތުން އާސިފްއަށް ޗޮކެއް ކަނޑާލެވުނެވެ.

" އެއީ ދެން އެހާ ވަރުގެ ކަމެއް ނޫނެއްނު. އަހަރެންގެ ރައްޓެހިންވީމަ އެ މީހުން ދިމާކުރީ. ބޮޑު ކަމަކަށް ނަހަދަބަލަ." އާސިފް ބުންޏެވެ.

އާސިފްގެ ވާހަކަތަކުން އަރޫޝާ ގާތަށް އިތުރަށް ރުޅި އަތުވެއްޖެއެވެ.

" ކަމަކަށް ނަހަދާށޭ؟ އާސިފްއަށް އެއީ މަޖާ ކަމަކަށް ވިޔަސް، އަހަރެން ބޭނުމެއް ނޫން އެހާ ދަށުދަރަޖައަކަށް ވެއްޓޭކަށެއް. އަހަންނަކީ މީހުންނާ ރައްޓެހިވެގެން ކެފޭތަކަށް ކޮފީ ބޯން ދުވާ މީހެއް ނޫން. މި ރަށުގައި ޕާސަނަލީ އަހަރެން ދަންނަ މީހުންނެއް ނުތިބޭނެ. މިއީ އަހަރެންގެ ރަށެއް ނޫނެއްނު. މި ރަށު މީހުން އަހަރެން ޖަޖު ކުރާނީ މިހެން ފެންނަ މަންޒަރު ތަކުން." އަރޫޝާ ބުންޏެވެ.

ދެ ޖީބަށް އަތް ޖަހާލަމުން އާސިފްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" ދެން އަހަރެން ދުވަހަކު ވެސް އާސިފްއާއެކު ތަނަކަށް ނުދާނަން." ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު އަރޫޝާ ތެދުވިއެވެ.

ކޮނޑުގައި ދަބަސް އަޅުވާލަމުން އޭނާ ބާރުބާރަށް އޮފީހުން ނިކުތީ އާސިފްއަށް ބަލައިވެސް ނުލައެވެ.

މަޣްރިބް ނަމާދު ކޮށްގެން މަދީހާ ސިޓިންރޫމަށް ނިކުތީ އަރޫޝާ ފެނޭތޯއެވެ. އޮފީހުން އައި ގޮތަށް އޭނާ ނުފެންނާތީ މަދީހާ ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. ސޯފާގައި އިން ދާއިން ފެނި މަދީހާ ވާހަކަ ދައްކަން ފެށިއެވެ.

" ނަމާދު ކޮށްގެންތަ ތި އިންނަނީ؟" މަދީހާ އެހިއެވެ.

" ހޫމް." ދާއިން ހޫމް އަޅުވާލިއެވެ.

އިތުރު އެއްޗެއް ނުބުނެ ޒުހުދާ އަރޫޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ދާއިން އިނީ ވަގު ލޮލަކުން މަދީހާއަށް ބަލާށެވެ. އޭނާ އެތާ އެ އިނީ ވެސް އަރޫޝާގެ ހަބަރެއް ނުވެގެންނެވެ. ފޯނު ނަންބަރު އޮތްނަމަ މިހާރު އޭނާ ގުޅަންވެސް ގުޅީހެވެ.

މަދީހާ ގޮވައިލުމާއެކު އަރޫޝާ ދޮރު ހުޅުވައިފިއެވެ.

" އެހެންވިއްޔާ އާދޭ އެއްޗެއް ކައިގެން ބޭސް ކާން. މިހާރު މާ ގިނައިރު ވެއްޖެ ތިހެން އޮންނަނީ! އާދޭ އާދޭ!" މަދީހާ އެހެން ބުނެ ހިނގައިގަތެވެ.

" ބޮލުގައި ރިއްސިއަސް ބުނީމައެއްނު އެނގޭނީ. އަބަދު މި ކިޔަނީ ކިރިޔާ ކަމެއް ވިޔަސް ބުނާށޭ." މަދީހާ ދިޔައީ ކުދި ކިޔަމުން ބަދިގެ ބަޔާ ދިމާލަށެވެ.

އޭނާގެ ވާހަކައިން އަރޫޝާ ބަލީކަން ދާއިންއަށް އެނގުނެވެ. އޭނާ ނިކުންނަން ދެން ދާއިން ސޯފާގައި މަޑުކޮށްގެން އިނެވެ.

ކޮޓަރިން ނިކުމެގެން އައި އަރޫޝާއަށް ދާއިން ފެނުމާއެކު، މަޑުޖެހުނެވެ. ދާއިން ބަލަމުން ދިޔައީ ސީދާ އަރޫޝާގެ ދެ ލޮލަށެވެ.

" އަހަރެން މިރޭ ބޭރުގައި އިންތިޒާރު ކުރާނަން. އެކެއް ޖަހާއިރު! އަންނާތި! " ތެދުވެގެން އައިސް ދާއިން އެހެން ބުނެ، އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.

އަރޫޝާގެ ހިތަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ދުވަހަކުވެސް އޭނާއަށް ނުވާ އިހުސާސްތަކެއް ކުރަން ފަށައިފިއެވެ. މުޅި މީހާ ވެސް ފިނިވެއްޖެއެވެ. ބޮލުގެ ރިހުން ވެސް ފިލައިގެން ދިޔަ ކަހަލައެވެ. އެ ވަގުތު ކުއްލިއަކަށް އަނެއްކާވެސް މަދީހާ ގޮވާލި އަޑަށް އޭނާ އަވަސް އަވަހަށް ބަދިގެ ބަޔާ ދިމާލަށް ހިނގައިގަތެވެ.

އަރޫޝާ ހުރީ ކޮޓަރިތެރޭ ހިނގާލަހިނގާލައެވެ. އެހެން ރޭރެޔާ ހިލާފަށް މިރޭ ވަރަށް ވަގުތު ދިގުހެން ވެސް އޭނާއަށް ހީވެއެވެ. އިރުއިރު ކޮޅުން ފޯނުން ގަޑި ވެސް ބެލެނީއެވެ. ހިތުގެ ހިނގުން އަވަސްވެ، ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވަނީއެވެ.

" އަހަންނަށް ކީއްތަ މި ވަނީ؟ ދެން ދާއިން ކީއްކުރަންތަ މިރޭ ބައްދަލް ކުރަން އެ ބުނީ؟ އަޅެ އަހަރެން ކީއްވެތަ މިހާ ވަރަށް ބިރު މި ގަންނަނީ؟ " އަރޫޝާއަށް ވާހަކަ ދެއްކުނީ އަމިއްލަ ނަފްސާއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ފޯން އެލާމް ވުމުންނެވެ. ނިދި ދާނެ ކަމަށް އޭނާ ހުރީ އެކެއް ޖަހާއިރަށް ފޯނު އެލާމްވެސް ކޮށްގެންނެވެ. އަވަސް އަވަހަށް އެލާމް އޮފް ކޮށްލުމަށްފަހު އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ.

ހާސް ހިތަކައިގެން ހުރެ، މަޑުމަޑުން ގެއިން ނިކުމެ ޖޯލިފައްޗާ ދިމާލަށް އޭނާ ބަލައިލީ ދާއިން އިންތޯއެވެ. ލިބުނު ހައިރާންކަމާއެކު އެ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)