ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޮސްކޯގައި ބްރިކްސް މީޑިއާ މެނޭޖަރުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ހުކުރު ދުވަހުއެވެ.

Ad
rt

"ފަލަސްތީނުގެ މައްސަލައަށް އޮތް އަސާސީ ހައްލަކީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުން. ސޯވިއެޓް ޒަމާނުއްސުރެ ރަޝިޔާއިން ވަނީ މި ސްޓޭންޑް ނަގާފައި،" ޕުޓިން ވިދާޅުވިއެވެ.

އިސްރާއީލު-ފަލަސްތީނު ހަނގުރާމައިގައި މެދުވެރިވުމަށް މަސައްކަތްކުރުމަށް މެދުއިރުމަތީގެ ކުއާޓެޓް އަލުން އެކުލަވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މި ކުއާޓެޓްގައި ހިމެނެނީ އދ، އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ރަޝިޔާއެވެ.

"ކުއާޓެޓްގެ މަސައްކަތް ހުއްޓާލުމަކީ އެމެރިކާއިން ކުރި ކުށެއް، އޭރުން ހުރިހާ ފަރާތްތަކެއްގެ ޕޮޒިޝަން ކޯޑިނޭޓްކުރަން ފަސޭހަވީސް، އެމެރިކާއިން މުޅި ޕްރޮސެސް މޮނޮޕޮލައިޒްކޮށް، ފުރިހަމަ ޒިންމާ ނަގައިގެން، އެންމެ ފަހުން ފެއިލްވީ،" ޕުޓިން ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނުފައިބާނެކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގެ އިންސާނީ ހާލަތު ގޯސްވުމުން، އެމީހުންގެ ޙައްޤުތައް ދިފާޢުކުރަން ނުކުންނަ މީހުންގެ އަދަދު އިތުރުވާނެކަމަށް އިންޒާރުދެއްވިއެވެ.

އޮކްޓޯބަރު 22 އިން 24 އަށް ކަޒާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓްގައި އިސްރާއީލު-ފަލަސްތީނު ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ. އެއީ މިހާރުވެސް މުހިންމު ބައިނަލްއަޤްވާމީ މައްސަލައެއްގެ ގޮތުގައި އޮތް ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.