ކުރީގެ އަދަދާއި ގުޅޭ،

"އަރޫ އުޅެނީ އަހަރެމެންގޭގައި ކަން އެނގުނަސް، ވެސް އޭނަ ބަލާނެ މަ ރުޅި އެރުވޭތޯ." ދުރަށް ބަލައިލަމުން ދާއިން ބުންޏެވެ.

Ad
rt

"ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟" އާބިދު ސުވާލު ކުރީ ނުހަނު އަވަހަށެވެ.

އޭރު ދާއިންގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ. އޭނާ ވަރަށް ފުންކޮށް ވިސްނަމުން ދާ ކަން އާބިދަށް ވެސް ފާހަގަ ކުރެވުނެވެ. އާބިދު އިންތިޒާރު ކުރަމުން ދިޔައީ ދާއިން ދޭން ޖަވާބަކަށެވެ.

"ދެން.. އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ދޯ؟ އެކަމަކު އަރޫއަށް އޭނަ އެއްވެސް އުނދަގުލެއް ކުރިއްޔާ އަހަންނަކަށް މަޑަކުން ނުހުރެވޭނެ." ދާއިން ވާހަކަ ދެއްކިއެވެ.

އެ ވަގުތު ލާނެތް ގޮތަކަށް އާބިދު ހިނިގަނޑެއް ޖަހާލިއެވެ.

"މަ އަޅުވާ ކީމަ، ކަލޭ ބުނި އަރޫއަށް އެއްވެސް ޝައުގެއް ނެތޭ. އެކަމަކު އަރޫއަށް ކަމެއް ވެދާނެ ކަމަށް ހީކޮށް، މީހާއަށް ވާ ވަރު މަށަށް އެބަ ފެނޭ." އާބިދު ބުންޏެވެ.

އެއާއެކު ނުރުހުންތެރިކަމާއެކު ދާއިން އާބިދުގެ މޫނަށް ބަލައިލިއެވެ. ކިތަންމެ މަޖާ ވެފައި އާބިދު ވާހަކަ ދެއްކި ނަމަވެސް، ދާއިންގެ މޫނުމަތިން އެއްވެސް ވަރެއްގެ ހަމަޖެހުމެއް ނުފެނުނެވެ. އޭނާ އަދިވެސް އިނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

"ޝައުގުވެރި ވެގެންނެއް ނޫނޭ މިއުޅެނީ. ކޮންމެ ގޮތެއް ވިޔަސް އަރޫއަކީ މިހާރު އަހަރެމެންގެ އާއިލާގެ މެމްބަރެއް. އޭނަގެ ރައްކާތެރިކަން އަހަރެމެން ޖެހޭނެ ކަށަވަރު ކުރަން ވެސް. އަހަރެންގެ ގޭގައި އުޅެނިކޮށް، އޭނައަށް ގެއްލުމެއް ލިބުނިއްޔާ އެކަމަށް ޒިންމާވާން ޖެހޭނީ ހަމަ އަހަރެމެންދޯ؟" އެއްފައްޗަކަށް ޖުމްލަތައް އަމުނާލުމަށްފަހު ދާއިން ތެދުވިއެވެ.

"އޭ! އޭ! ކޮންތާކަށް މިހާރު ދާން ތިއުޅެނީ؟ ކަމެއް ނުވަނީސް ގޯހެއް ނަހަދައްޗޭ." އާބިދު ތެދުވެ ތަންކޮޅެއް ބާރަށް ބުންޏެވެ.

އެއްވެސް ޖަވާބެއް ނުދީ ދާއިން ހިނގައިގަތް އިރުވެސް އާބިދު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީހަށް ދާން އަރޫޝާ ތައްޔާރުވަމުން ދިޔައެވެ. ފުރަތަމަ ދުވަހު ލާން އޭނާ ނެގީ މަޑު ފިޔާތޮށި ކުލައިގެ ހެދުމަކާއި ފުޅާ، ހުދު ހަރުވާޅެކެވެ. ފައިގެ ކަށިމައްޗާ ހަމައަށް އަރާ އަތް ދިގު އެ ހެދުމުގައި އޭނާ ފެންނަނީ ވަރަށް ސާދާ ގޮތަކަށެވެ. ބޮލުގެ މެދުން މަގެއް ފަޅާލުމަށްފަހު މުށި ކުލައިގެ ފަން އިސްތަށިގަނޑު ފަހަތަށް ދޫ ކޮށްލުމުން އޭނާގެ ރީތި މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެއެވެ.

ވިކްޓޯރިއާ ސީކްރެޓްގެ ބޮޑީސްޕްރޭ މުޅި ގަޔަށް ބުރުވާލުމަށްފަހު، ރޭގައި މަދީހާ އޭނާއަށް ހަދިޔާ ކުރި ރީތި އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު އަލަމާރީގައި ހަރުކޮށްފައި ހުރި ހިމަ،ދިގު ލޯގަނޑު ކުރިމަތީގައި ހުއްޓި، ހިނިތުންވެލިއެވެ.

"ކޮންމެވެސް އެކައްޗެއް މަދު..." އަރޫޝާއަށް ބުނެވުނެވެ.

އެ ވަގުތު ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ގޮސް މޭޒުމަތިން ރަތްކުލައިގެ ލިޕްސްޓިކް ކުޅި ނެގިއެވެ. މިއީ އޭނާ އެރަށަށް އައި ފަހުން ލިޕްސްޓިކް ޖެއްސި ފުރަތަމަ ފަހަރެވެ. މިހާރު އޭނާގެ ރީތިކަން އެތައް ގުނައަކަށް ފާޅުވަމުން ދާ ކަހަލައެވެ.

ފޯނުން ގަޑި ބަަލައިލުމަށްފަހު އަރޫޝާ ކޮޓަރިން ނިކުތީ ނުހަނު ބާރަށެވެ. ވަގުތަކީ ދާއިން ވެސް އޭނާގެ ކޮޓަރިން ނިކުތް ވަގުތެވެ. ދާއިން ފެނުމާއެކު ބޭއިހްތިޔާރުގައި އަރޫޝާއަށް ހުއްޓެވުނެވެ. އެތެރެއަށް ލެވުނު ފުންނޭވާ ބޭރު ކޮށްލަން ނޭނގި އިރުކޮަޅަކު އޭނާއަށް ހުރެވުނީ ދާއިން ބަލަން ހުރި ގޮތުންނެވެ.

އަރޫޝާގެ ރީތިކަމަށް ހިތާހިތުން ދާއިންއަށް ތައުރީފް ކުރެވެން ފެށުނެވެ. އޭނާ ބަލަން ހުއްޓާ އަރޫޝާ ނިކުންނަން ހިނގައިގަތެވެ އެ ވަގުތު ދާއިން ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައި އަރޫޝާގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ.

އޭރު އަރޫޝާގެ ދެލޯ ބޮޑު ވެއްޖެއެވެ. ލެއްޕިފައިވާ އޭނާގެ ދެ ތުންފަތް ހުޅުވުނެވެ. ހައިރާންކަމާއެކު އޭނާއަށް ބަލައިލެވުނީ ދާއިންގެ އަތަށެވެ. އެއާއެކު ދާއިން އަވަސް އަވަހަށް އަރޫޝާގެ އަތުން ދޫ ކޮށްލިއެވެ.

"ސޮ...ސޮރީ." ދާއިންއަށް ބުނެވުނީ އާގަންނަމުނެވެ.

"މީ...އަހަރެން..އޫމް...އެއްޗެއް ބުނެލަން ވެގެން." ހިތުގައިވާ އުނދަގޫތަކުން ދާއިންއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

ސުވާލުގެ ނަޒަރަކުން އަރޫޝާ އޭރުވެސް ދާއިންގެ މޫނަށް ބަލަމުން ދިޔައެވެ.

"އޮފީހުން...އެއްވެސް މީހެއްގެ އުނދަގުލެއް ވަންޏާ...އަހަރެން ގާތު ބުނައްޗޭ." ދާއިން އެދުނެވެ.

ދާއިން އެހެން ބުނުމުން އަރޫޝާގެ މޫނުމަތީގައިވާ ހައިރާންކަން ދިޔައީ އިތުރު ވެގެންނެވެ. އޭނާ ދެ އަތް އުރާލުމަށްފަހު ހަށިގަނޑު ސީދާ ކޮށްލިއެވެ.

"އަހަންނަށް މީހަކު އުނދަގޫ ކުރިއްޔާ ދާއިން ގޮސް އެ މީހެއްގެ ގައިގައި ތަޅައިގަންނާނަންތަ؟ ނޫނީ މަންމައާ ޒުވާބު ކުރާހެން އަޑުގަދަ ކޮށް ދަޖަލު ކުރާނީތަ؟ އޫމް؟" އަރޫޝާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.

އެއާއެކު އެއްވެސް ރައްދެއް ނުދީ ދާއިން ބަލައިލީ ދުރަށެވެ. އިތުރަށް މަޑުކުރުމެއް ނެތި އަރޫޝާ ވެސް ދޮރާ ދިމާލަށް ހިނގައިގަތެވެ.

" ދެން ކޮން ދުވަހަކުންތަ މަންމަމެން ގާތު އަހަރެންގެ ވާހަކަ ދައްކާނީ؟ އަހަރެން ވެސް ނަދީމްގެ މަންމަމެންނާ ގާތްކަން ބާއްވަން ބޭނުންވާނެ އެއްނު." ޒައިނާ ބުންޏެވެ.

ސުނާމީބިނާ މައިޒާން ހުންނަ ސަރަހައްދުގެ ތޮށިގަނޑު މަތީގައި ޒައިނާ އިނީ ނަދީމްގެ ކޮނޑުގައި ބޯ ޖައްސާލައިގެންނެވެ. އޭރު އޭނާގެ ބުޅި އިސްތަށިގަނޑު، ކޮންޓްރޯލެއް ނެތި ވަޔާ ހޫރެމުން ދެއެވެ.

" އަދިވެސް ބުނަން ނުކެރިގެން މި އުޅެނީ. މަންމަމެން ވެސް އަހަރެން ކިޔަވާ ނުނިމޭތީ ކަންނޭނގެ މި ކަހަލަ ވާހަކައެއް ނާހަން އެ ތިބީ. އެހެން ނޫނަސް ޒައިގެ ވާހަކަ ބުނާ ހިސާބުން މަންމަ އަބަދާއަބަދު އަހަންނަށް ނަސޭހަތް ދޭނީ. ބުނެ އެއްނު، މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެޔޭ." ނަދީމް ބުންޏެވެ.

ޒައިނާ ހިތްހަމައެއް ނުޖެހުނެވެ. ޓެސްޓް ނިންމާފައި ރަށަށް ގޮސް ޒައިނާއާ ނަދީމްގެ ގުޅުމުގެ ވާހަކަ މަންމަމެން ގާތު ބުނުމަށް ޒައިނާ ޝަރުތު ކުރިއެވެ.

"އޭރަށް ބުނާނަމޭ މި ބުނީނު. އަހަރެންގެ ނިންމުމަށް މަންމަމެން އިހުތިރާމް ކުރާނެ. ފަހަރެއްގައި އެނބުރި މާލެ އަންނައިރު ކައިވެންޏަށް އެ މީހުން ގޮވައިގެން ވެސް އަތުވެދާނެ އެއްނު." ސަމާސާ ރާގަކަށް ނަދީމް ބުންޏެވެ.

ނަދީމްގެ ވާހަކައިން މި ފަހަރު ޒައިނާއަށް ހެވިއްޖެއެވެ.

"ދެން ނަދީމް. ހަމަ އަސްލު އަހަރެން ބޭނުންވަނީ ވެސް ތި ގޮތޭ. ކައިވެނި ކުރާ ހިތުން އަހަރެންގެ ދެ ލޮލަށް ނިދި ވެސް ނާދެ. ތިހާ ޑީސަންޓް މީހަކު ގެއްލިދާނެތީ ހާދަ ބިރު ވެސް ގަނެޔޭ. އަޅެ ބުނެބަލަ ކޮލެޖަކު ވެސް ނޫޅޭތަ ނަދީމްއާ ހެދި އުޅޭ ކުއްޖަކު؟" ޒައިނާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

ނަދީމްއަށް ބާރަށް ހިނިގަނޑެއް ޖަހާލެވުނެވެ. ހެމުންހެމުން އޭނާ ޒައިނާގެ ކޮނޑަށް އަތް ވައްޓާލުމަށްފަހު އިތުރަށް ގާތް ކޮށްލިއެވެ.

"ނޭނގެ ނޫޅޭ ކަމެއް ވެސް. ގައިމު ވެސް އަހަރެން ވާހަކަ ދައްކާ އެއްވެސް އަންހެން ކުއްޖަކު ނޫޅޭނެ. އަހަރެންގެ އިޝާރާތެއް ނުވަންޏާ އަންހެން ކުދިންނަކަށް ނުކެރޭނެތާ އަހަންނާ ހަމައަށް އަންނާކަށް. އަޅެ ކަމަކާ އުޅެލަން ވެއްޖެ ކިތައް ކުދިން ވޭތޯ." ނަދީމް ބުންޏެވެ.

އެ ވަގުތު ޒައިނާ އަވަސް އަވަހަށް ނަދީމްގެ އަނގަމަތީގައި އަތް އެޅިއެވެ.

"ހޭ ނޫން. ތިހެން ނުބުނޭ. އަހަރެން މޮޔަ ވެދާނެ. ހިތް ހުއްޓި މަރު ވެސް ވެދާނެ. ނަދީމްއާއެކު އެހެން އަންހެން ކުއްޖަކު ދެކޭނެ ހިތްވަރެއް މި ދެ ލޮލަކު ނުހުންނާނެ. އޭގެ ކުރިން ދިރިހުއްޓާ އަހަރެން ވަޅުލިޔަސް މާ ރަނގަޅު ވާނެ." ޒައިނާގެ އަޑު ވެސް ތުރުތުރު ލާން ފެށިއެވެ.

"ޒައި... އަދި ތި ހިސާބަށް ދާކަށް ނުވެޔޭ. އެ ވަރުގެ ބޮޑު ލަނޑެއް އަހަރެން ކިހިނެއް ޒައިއަށް ދޭނީ؟ އަހަންނަކީ ދުވަހަކު ވެސް ބޭވަފާތެރި ވާނެ މީހެއް ނޫން. އަހަރެންގެ ހަޔާތުގެ ފުރަތަމަ އަދި ފަހުގެ ބައިވެރިޔަކީ ވެސް ހަމަ ތީ. ޒައިގެ މަގާމަށް އިތުރު އަންހެން ކުއްޖަކު ގެންނަން އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައޭ." ނަދީމް ބުންޏެވެ.

ނުހަނު ލޯބިން ނަދީމް ޒައިނާގެ މޫނަށް ބޮސްދިނުމާއެކު ޒައިނާއަށް ހިނިތުން ވެވުނެވެ. އޭރު ކަނޑުން ނަގާ ބޮޑެތި ރާޅުތަކުން ކޮންމެވެސް ވަރަކަށް އެ މީހުންގެ ގަޔަށް ލޮނު ވިއްސަން ފަށައިފިއެވެ.

"މި އޮތް މާސިންގާ ބޮޑު ކަނޑު ނިކަން ދެކިބަލަ! ކަނު އަނދިރީގައި ރާޅުތައް އެ ގޮތް މި ގޮތަށް އެ ހަނގުރާމަ ކުރަނީ އެއްވެސް މަންޒިލެއް، މިސްރާބެއް ނެތި. އެ ފަދައިން އަހަރެން ވީ ނަމަވެސް ނަދީމްގެ ލޯތްބަށްޓަކައި އަހަރެން ވެސް ފިދާ ވާނަން. ނަދީމްއަށްޓަކައި އަހަންނަށް ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ކެރޭނެ." ރޮވިފައި ހުރެ އަނެއްކާ ވެސް ޒައިނާ ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ޒައިއަށް ދެރަގޮތެއް ނަހަދާނަން." ނަދީމް އަޑަށް ބާރު ލައިފައި ބުންޏެވެ.

" ކައިވެނިކޮށްގެން އަހަރެމެން ދާނީ އަހަރެންގެ ރަށަށް. މާލޭގެ ހަލަބޮލި ދިރިއުޅުމަށްވުރެ، އެ ރަށުގެ ހިތްގައިމު ދިރިއުޅުން މާ އުފާވެރިވާނެ." ނަދީމް ބުނެލިއެވެ.

"އަހަރެން ބުނީމެއްނު މަންމަ ވަރަށް އެކަނިވާނެޔޭ. މަންމަ ދޫކޮށްފައި ދާން ވަރަށް ނުކެރޭނެ." ޖެހިލުންވެ އިނދެ ޒައިނާ ބުންޏެވެ.

"އޯހް.އަހަރެން ހަނދާން ނެތުނީއޭ. އެހެންވީމަ އަހަރެމެން އަސްލު ދިރިއުޅޭނީ މާލޭގައި. ދެން ލިބޭ ހުރިހާ ޗުއްޓީތަކެއްގައި ދެ މީހުން ދާނީ އަހަރެންގެ ރަށަށް. ތިއީ ފުދޭވަރެއްގެ ބޮޑު އުޒުރެއްވީމަ ތި ގޮތަށް މި ގަބޫލުވީ." ނަދީމް ޒައިނާގެ ކޮލުގައި ހިފާލަމުން ބުންޏެވެ.

އޮފީހުގައި ހޭދަ ކުރި ފުރަތަމަ ދުވަހުގެ ހިތްހަމަ ޖެހުމާއެކު އަރޫޝާ އައިސް ދޮރާށި ހުޅުވާލިއެވެ.

"އެހެން ވިއްޔާ ނިކުމެގެން ދޭބަލަ. އަހަރެމެން ކައިރީ އުޅޭ ހިތް ނުވެގެން އުޅޭ ކުއްޖެއްތީ. އެއްޗެކޭ ބުނާއިރަށް މި ގޭގައި އުޅޭ ހިތެއް ނުވެޔޭ ބުނާނެ. ދޭ ނިކުމެގެން." މަދީހާގެ ރުޅިވެރި އަޑު އިވި، އަރޫޝާގެ ހިތް ބިރުން ރޫރޫ އަޅަން ފެށި ކަހަލައެވެ.

ދޮރޯށީގައި ލެނގިލައިގެން، ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅަން ނުކެރިފައި އޭނާ ހުއްޓެވެ.

"އަހަންނަށް އެނގެޔޭ މަންމަ އުފާވާނީ އަހަރެން މި ގެއިން ދިޔައީމަކަން. އަބަދު ވެސް މަންމަ އުޅެނީ އަހަންނާ ހެދި އުނދަގޫ ވެގެން. އަހަންނަށް އެއްޗެއް ދޭން ޖެހިދާނެތީ ބޮޑު ވެގެން. އެކަމަކު ނަދީމްބެގެ ކޮންމެ ބޭނުމަކަށް މަންމަމެން ހާހުން ހާހުން ރުފިޔާ ފޮނުވައިދޭ." އަރޫޝާގެ ކަންފަތުގައި ޖެހުނީ ދާއިންގެ އަޑެވެ.

އެ އަޑުގައިވާ ރިހުން އަރޫޝާގެ ހިތަށް ފޯރާކަށް ސިކުންތެއް ވެސް ނުނެގިއެވެ. އޭނާއަށް ކުޑަކޮށް ކުރިއަށް ޖެހިލެވުނެވެ.

"ނަދީމަށް ކުރާ ހަރަދުގެ ވާހަކަ ދައްކަން ދާއިން ލަދެއް ނުގަނޭތަ؟ ނަދީމަކީ މާލޭގައި ލަޓޯފަޓޯ ވެގެން އެނބުރެން ގޮސް އުޅޭ ކުއްޖެއް ނޫނޭ. ދާއިން ތި އުޅޭހެން އެއް ގޭ ޖޯލިން، އަނެއް ފިހާރައިގެ ފިނިއަށިބުޑުން، ބަނދަރުމަތިން، ނަދީމް ތެޅެނީކީ ނޫނޭ." މަދީހާގެ އަޑު މަޑެއް ނުކުރިއެވެ. އަނެއްކާވެސް އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

" ތިއީ އޭގެ އިދިކޮޅު. ވަޒީފާއަކަށް ދަނީކީ ނޫން. މަސައްކަތެއް ކުރަނީކީ ނޫން. ކުރަން އެނގެނީކީ ވެސް ނޫން. ދާއިންއަށް އަމިއްލަ ފައިމައްޗަށް ތެދުވަން ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟ މި ރަށުން ވެސް ދައްކަބަލަ މައިންބަފައިން ހަރަދު ކޮށްގެން އުޅޭ ތި ވަރުގެ ދަރިޔަކު. ހަމަ ދާއިން އެކަނި ތި ފާޑަށް އުޅޭނީ. ދެން ބުނާހާ އިރަކަށް ހާހުން ދެ ހާހުން ފައިސާއެއް ނުލިބޭނެ." މަދީހާގެ ފަހު ޖުމްލަ އިތުރަށް ބާރު ކޮށްލިއެވެ.

" އަހަންނަށް އެއްޗެއް ދޭން ޖެހިދާނެތީ މަންމަ ހުންނާނީ އަބަދުވެސް ކަންބޮޑުވެފައި. އަހަންނަށް ހެވޭ އެންމެ ލާރިއެއް ނުދިނަސް. އަހަރެން ދެން މި ގެއަކަށް ނުވެސް އަންނާނަން. " ދާއިން ބުނެލި އަޑު އަރޫޝާއަށް އިވުނެވެ.

ޒުވާބުގެ އަޑު ކެނޑިއްޖެއެވެ. އިރުކޮޅަކު ހުރުމަށްފަހު ގެއަށް ވަންނަން އަރޫޝާ ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވަގުތު ކުޑަ ދަބަހެއް ކޮނޑުގައި އަޅުވައިގެން ގެއިން ނިކުތް ދާއިންއެވެ. ބާރު ހިނގުމުގައި އައިސް ދާއިން އިސް އުފުލައިލީ އަރޫޝާއާ އަރާ ހަމަވެފައެވެ. އޭރު ވެސް ދާއިންގެ މޫނުމަތިން ރުޅިވެރިކަމާއެކު ހިތާމައިގެ ކުލަވަރު ފާޅުވަމުން ދެއެވެ. ދޮރު ބުޑުގައި އަރޫޝާއަށް ހުރެވުނީ ފަރާތަކަށް ވެސް ޖެހިލަން ނޭނގިފައެވެ. ދާއިންއަށް ކުރަމުންދާ އަސަރުތައް ހުދު އޭނާއަށް އިހުސާސް ވަމުން ދާ ކަހަލައެވެ.

އަރޫޝާ ފެނުމާއެކު އޭނާއަށް އެ އަޑުތައް އިވުނުކަން ދާއިންއަށް ޔަގީން ކުރެވުނެވެ.

" މަންމައާ ޒުވާބުކޮށް އަޑުގަދަ ކުރާ އަޑު އިވިދާނެ. އެކަމަކު އެ ކަން އެހެން އެ ވަނީ ކީއްވެ ކަމެއް ފަހަރެއްގައި ވެސް އަރޫއަކަށް އިހުސާސެއް ނުކުރެވޭނެ. " ދާއިން ބުނެލިއެވެ.

އެއަށްފަހު އޭނާ ދުރަށް ބަލައިލުމާއެކު އަރޫޝާ އެއްފަރާތަކަށް ޖެހިލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ދާއިން ނިކުމެގެން ދިޔައިރު ވެސް އަރޫޝާއަށް ހުރެވުނީ ދާއިންގެ ޖުމްލައާމެދު ވިސްނާށެވެ. އެ ފިކުރުގައި ހުރެ އޭނާ ގެއަށް ވަނީ މާޔޫސްކަމާއެކުއެވެ.

" ދާއިން އެ ދިޔައީ ދައްތައާ ޒުވާބު ކޮށްކޮށްފައި. ޒުވާބު ކުރާ ކޮންމެ ފަހަރަކު ދާނެ ގެއިން ނިކުމެގެން. " ގެއަށް ވަތް އަރޫޝާ ފެނުމާއެކު މަދީހާ ބުނެލިއެވެ.

" ކޮންތާކު ދެން ދާއިން އުޅޭނީ؟" ސޯފާގައި އިށީންނަމުން އަރޫޝާ ސުވާލު ކުރިއެވެ.

"އޭނަ ދާނީ އާބިދު މެންގެއަށް. ދެ ދުވަހެއްވަރު ކޮށްފައި ރުޅި މަޑުވީމަ އަތުވެދާނެ. " މަދީހާ ބުނެލީ އާދައިގެ ގޮތަކަށެވެ.

ލުއި ގޮތަކަށް އަރޫޝާ ހިނިތުންވެލި ނަމަވެސް އޭނާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ.

" ދައްތަ މި ކިޔަނީ ރިސޯޓަކަށް ވިޔަސް ދާށޭ. އެ ގޮތަށް ކަމެއް ނުކޮށް ހުރެގެން އިންނާނެ މީހަކު ވެސް ނުވާނެ ދޯ. އެކަހަލަ ވާހަކަ ދައްކާތީ ރުޅި އެ އަންނަނީ." މަދިހާ ބުންޏެވެ.

އިތުރަށް ދާއިންގެ ވާހަކަ އަޑުއަހަން ބޭނުން ނުވާތީ، ފަހުން ރަނގަޅުވެދާނެ ކަމަށް ބުނެ، އަރޫޝާ ތެދުވެ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ދެ ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ދާއިން ގެއަކަށް ނައެވެ. އެކަމާ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ ދާއިންގެ ބައްޕަ ރިޒާއެވެ.

"އޭނަ އަންނަން ބޭނުން ނުވަންޏާ އަހަރެން ކީއްތަ ކުރާނީ؟" ރުންކުރު ގޮތަކަށް މަދީހާ ބުންޏެވެ.

"މަދީހާ މާ ވަރަކަށޭ އެ ސޮރަށް އެއްޗެހި ކިޔަނީ. އަހަންނަށް ވެސް ފެނެޔޭ ދާއިން އުޅޭ ގޮތް. އަހަރެން ތިވަރަކަށް ރުޅި ގަދައެއް ނުކުރަން. ރީތިކޮށް ނަސޭހަތް ދެނީ. ރުޅި އައިސް އެއްޗެހި ކިޔަންޏާ، މައިންބަފައިންނަށް ވިޔަސް ދަރިން ފޫހިވާނެ." ރިޒާ ބުނެލިއެވެ.

ރިޒާގެ ވާހަކަތަކަށް ތާއީދު ކުރުމުގެ ގޮތުން އަރޫޝާ ވެސް ހީލިއެވެ.

" ބަފައިންނަކީ ދަރިން ބެލުމުގެ އެއްވެސް ޒިންމާއެއް އޮންނަ ބައެއް ނޫން. ކޮންމެ ކަމެއް ވަރިހަމަ ބައެއް ތީ. ރިޒާ ލޯބިން ނަސޭހަތް ދީގެން ވެސް ދާއިން ވަޒީފާއަކަށް ދާނެ ގޮތެއް ނުވި އެއްނު." މަދީހާ ބުންޏެވެ.

" ދެން އެ ސޮރު ރުޅިއަރުވައިގެން ވަކި ވީ ފައިދާއެއް އެބަ އޮތްތަ؟ މިއަދު ދާތި އާބިދު މެންގެއަށް ދާއިން ބަލާ. ދަރިން ބޮޑެތި ވީމަ ތި ގޮތަށް ކަންތައް ކޮށްގެން އިސްލާހެއް ނުކުރެވޭނެ. މިހާރު އަހަރެމެން ވެސް މި މުސްކުޅިވަނީ. ތިބީ އެންމެ ދެ ދަރިން. އަހަރެމެން ދެކެ އެ ކުދިން ފޫހިވާ ގޮަތަށް ކަންތައް ކުރުމަކީ މަދީހާއަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަން ހަނދާން ބަހައްޓާތި." ރިޒާ ބުންޏެވެ.

ހިތްހަމަ ނުޖެހިފައި ހުރެ އޭނާ ނިކުމެގެން ދިޔައީ ސައިތަށި ވެސް ހުސް ނުކޮށެވެ. ޖެހިލުންވެ އިނދެ މަދީހާ އަރޫޝާއަށް ބަލައިލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ބޭބެ ބުނިހެން ދާއިން ބަލައިދޭ ދައްތާ. އެހެން ނޫނީ މާ މައްސަލަ ގޯސް ވެދާނެ. " މަދީހާގެ އަތުގައި އަތް ޖައްސާލަމުން އަރޫޝާ ބުނެލިއެވެ.

އާބިދުގެ ސައިކަލް ފަހަތުގައި ދާއިން ދިޔައީ ފެންޕްލާންޓް އޮފީހަށެވެ.

"ހިދުމަތަށް އެދޭ ފޯމެއް ނަގައިގެން މަ ނިކުންނާނަން. ދާއިން މި ތަނަށް ވަންނާނެ ކަމެއް ނެތް. އަނެއްކާ އާސިފަށް ކަލޭ ފެންނައިރަށް އެއްޗެކޭ ކިޔާފާނެ." އާބިދު ބުންޏެވެ.

އާބިދުގެ އެދުމަށް ދާއިން ބޭރުގައި މަޑުކުރިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އާބިދު ނިކުމެގެން އަންނަތަން ފެނުނެވެ. ހަމަ އެ ވަގުތެވެ. އޮފީހުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑުން އޭނާއަށް އާބިދާއެކު ދާދި ގާތުގައި އަރޫޝާ ހުއްޓާ ފެނިއްޖެއެވެ. އެ ދެ މީހުން ތިބީ ކޮންމެވެސް އޮލަ ވާހަކައެއްގައެވެ. އަރޫޝާގެ ހިނިތުންވުން ފެނި، އާބިދުއާ ގާތް ގުޅުމެއް އުފެދިފައިވާކަން ދާއިންއަށް ވަރަށް ބޮޑަށް ޔަގީން ކުރެވުނެވެ.

" އޭ ކަލޭ ކޯއްޗަކަށް ގެއްލިފައި ތި އިންނަނީ؟" އާބިދު ބުނެލީ ސައިކަލާ އަރާ ހަމަ ކޮށްފައެވެ.

އާބިދުގެ އަޑަށް ދާއިން ކަމެއް ނުވެޔޭ ބުނެ ސައިކަލް ފަހަތުގައި އިށީނެވެ.

" އާސިފް ވަރަށް ސަޅި ވެލައިގެން އިނީ. އެހެންތާ ވާނީ ރީތި އަންހެން ކުއްޖަކު އޮފީހުގައި އިނީމަ. އަރޫ އަރޫ ކިޔައިގެން ވަރަށް ވާހަކަ ދައްކާ އަޑު އިވޭ. ހީވަނީ އޭނަ އެތަނުން އަރޫޝާ ސެޓު ކުރާނެ ހެން. " އާބިދު ބުންޏެވެ.

އާބިދުގެ ޖުމްލަތަކުން ދާއިންއަށް އުނދަގޫ ވެއްޖެއެވެ.

" މިހާރު އާސިފްއަށް ބަލައިލާފަ ހީވޭ މީހުން އެ ކިޔަނީ ހަމަ ތެދެކޭ. ވަރަށް ނައިސް ހެން ހީވަނީ." އާބިދު ބުންޏެވެ.

ދާއިންއަށް އިނދެވުނީ ރައްދެއް ދޭން ވެސް ނޭނގިފައެވެ. އޭރު ވެސް އޭނާގެ ކުރިމަތިން އަރޫޝާގެ ހިނިތުންވެފައިވާ މޫނު ފެންނަމުން ދާ ކަހަލައެވެ. އާސިފްއާއެކު އޭނާ އެހާ އުފަލުން ހުންނަންޖެހޭ ސަބަބެއް ދާއިންއަކަށް ނުވިސްނުނެވެ. އަދި އެކަމާ ދާއިންއަށް އުނދަގޫ ވާން ޖެހުނު ސަބަބެއް ވެސް އޭނާއަކަށް ނޭނގުނެވެ.

(ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)