ދާއިންގެ ނަޒަރު އަމާޒު ވެފައި ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެހިނދު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އޭނާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރުވެސް ދާއިން ހުރީ އަރޫޝާއަށް ބަލަހައްޓައިގެންނެވެ. ދާއިން އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު، ފަހަތަށް ޖެހެމުން ގޮސް ފަސްދިނެވެ.
"ދައްތާ. އަނެއްކާ ދާއިން އަހަރެން ދެކެ ރުޅިއެއް ނާންނާނެތަ؟ އެކަމާ އަހަރެން ވަރަށް ބިރުގަނޭ." އަރޫޝާ ސުވާލު ކުރިއެވެ.
"އަޅައިނުލާ ބަހައްޓާ. ރުޅި އައިސްގެން އެއްޗެއް ބުންޏަސް ދައްތަ ގާތު ބުނާތި!" މަދީހާ ބުންޏެވެ.
އަޅައިނުލާށޭ މަދީހާ ބުންޏަސް އަރޫޝާގެ ހިތުގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިއްޖެއެވެ. އޭނާއާ މެދު ދާއިން ދެކޭނެ ގޮތަކާމެދު ވިސްނެންވެސް ފެށިއެވެ. ސައި ހަދަން ހުރި އިރު ވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެ ފަދަ ހިޔާލު ތަކެކެވެ.
"މި ރަށުގައި ފެންޕްލާންޓް އިންސްޓޯލްކޮށްގެން މިހާރު ވަޒީފާތަކަށް ހުޅުވާލައިފިއެއްނު." ރިޒާ ބުނެލިއެވެ.
ބޭރުން އައި ގޮތަށް އޭނާ އިށީނީ ކާމޭޒު ކައިރީގައެވެ. އޭރު އަރޫޝާ އާއި މަދީހާ ވެސް އިނީ ސައިބޯށެވެ.
"ފަތިސް ނަމާދަށް ދިޔަ މީހާއަށް އަދި ކިރިޔާ ދޯ ގެއަށް ތި އާދެވުނީ؟ ރަށު ތެރޭގައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލަން ތަންތަނަށް ދުވަނީ ކީއްކުރަންތަ؟" މަދީހާ ބުންޏެވެ.
ދާއިންއާ ޖެހުނު މައްސަލައިން މަދީހާ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. މަދީހާގެ ރާގު ހުރި ގޮތުން ރިޒާއަށް ވެސް އެކަން ފާހަގަ ކުރެވުނެވެ.
"އަހަރެން ނަމާދަށް ދިޔައިރު ދާއިން އޮތް ޖޯލިފަތީގައި ނިދާފަ. އެކަމާތަ މަދީހާ ހިތްހަމަ ނުޖެހިގެން ތިއުޅެނީ؟" ރިޒާ އެހިއެވެ.
"ދެން އެ ވާހަކަ އާ ކުރާނެ ކަމެއް ނެތް. ތި ވަޒީފާތަކުގެ ވާހަކަ ގޮސް ދާއިން ގާތު ދައްކައިގެން އޭނަ ތާކަށް ވެއްދޭތޯ ބަލާ!" ހަރުކަށި ރާގަކަށް މަދީހާ ބުންޏެވެ.
"އެ ތާކު ނެތް ދާއިންއަށް ޝަރުތު ހަމަވާނެ އެއްވެސް ވަޒީފާއެއް. އެއްވެސް އެއްޗަކުން ފާސް ނުވާ މީހަކަށް ކޮންތާކުންތަ ވަޒީފާ ދޭނީ؟" ރިޒާ ބުންޏެވެ.
ވަޒީފާގެ ވާހަކަތައް ދެއްކުމުން އަރޫޝާ ވަރަށް ބޮޑަށް ގަޔާ ވެއްޖެއެވެ. އެހެންވެ، ރިޒާއާއި މަދީހާގެ ވާހަކަތައް ހުއްޓާނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ އިނެވެ.
"ބޭބޭ. ކޮންކަހަލަ ވަޒީފާތަކެއް ހުރީ؟ އަހަރެން ބޭނުން ވަޒީފާއަށް ދާން. " އަރޫޝާ ބުންޏެވެ.
އޭނާގެ ޖުމްލައިން ރިޒާއާއި މަދީހާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
"ހަމަ ތެދަށް މި ބުނީ. އަހަރެން ވަރަށް ބޭނުން މަސައްކަތެއް ކުރަން. ލާރި ހޯދަން ބޭނުން. އަހަރެން ވަރަށް ރަނގަޅަށް ފާސްވެސް ވި. ބޭބެ އަހަންނަށް މިކަންތައް ބަލައިދޭން ވީނު؟" އަރޫޝާ އެދުނެވެ.
އަރޫޝާގެ އާދޭހުގެ ރާގުން އޭނާ ވަޒީފާއެއް ބޭނުންވާ ވަރު މަދީހާއަށް ވެސް އެނގުނެވެ. އަރޫޝާ ވަޒީފާއަށް ދިޔުމަކުން މަދީހާ އަދި ރިޒާގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އެ މީހުން ކަންބޮޑުވަނީ އަރޫޝާއަކީ އެ މީހުން ހަވާލުވެފައިވާ އަމާނާތަކަށް ވީ އިރު އޭނާއަށް އެއްވެސް މީހެއްގެ ފަރާތުން ގެއްލުމެއް ލިބިދާނެތީއެވެ.
"އެކަމާ ހާސްނުވޭ ބޭބޭ. އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ބޭބެއާ ދައްތައަށް އެއްޗެއް ދެވޭ ދުވަހަކީ އަހަރެން ވަރަށް ދެކެން ބޭނުންވާނެ ދުވަހެއް. މިއަދު އަހަރެންގެ މައިންބަފައިންނަކީވެސް..." އަރޫޝާއަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އަރޫޝާގެ ވާހަކަ މެދުކަނޑާލީ މަދީހާއެވެ.
"ދައްތަމެންނަށް އެއްޗެހި ދޭން ނުވިސްނަބަލަ.. މިއަދު އަރޫޝާގެ ބަލަދުވެރިންނަކީ އަހަރެމެންނޭ." މަދީހާ ބުންޏެވެ.
އަރޫޝާ ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. އެހެންވެ، އަރޫޝާގެ އެދުމުގެ މަތިން އޭނާއަށް އެހީތެރިވެދޭނެ ކަމުގައި ރިޒާ ބުންޏެވެ. އަރޫޝާއަށް އެ ވަގުތު ހިތްހަމަ ޖެހުމުގެ ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މިރޭ ވެސް އަރޫޝާ އޮތީ ބޭރު ޖޯލީގައެވެ. އޭރު ގަޑިން 12 ޖަހާ ބޮޑު ވެއްޖެއެވެ. އުޑުމަތީގައި ދަތުރު ކުރަމުންދާ ތަރިތަކަށް ބަލަހައްޓައިގެން އަރޫޝާ އޮތީ ފޮނި ހުވަފެންތަކެއްގައެވެ. ވަޒީފާ ލިބިއްޖެނަމަ އިތުރަށް ކިޔަވަން އޭނާ ބޭނުންވެއެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު އޭނާ ދެކުނު ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވެއެވެ.
ހިޔާލުތަކުގައި އޮއްވާ ކުއްލިއަކަށް އަރޫޝާ ސިހުނީ ދޮރާށި ހުޅުވުނު އަޑަށެވެ. ބާރުބާރަށް އެތެރެއަށް ވަތް ދާއިން އޭރު ވެސް ހުރީ ފޯނާ ކުޅޭށެވެ. އިސްޖަހައިގެން ހުރެ އޭނާ މިސްރާބު ޖެހީ ސީދާ ޖޯލިފައްޗާ ދިމާލަށެވެ. އެހެންވެ، އަރޫޝާ ފުންމައިގެން ތެދުވެ، ފައިވާނަށް އެރިއެވެ.
އެ ވަގުތު ސިހިފައި ދާއިން އިސް އުފުލައިލިއެވެ. އޭނާއަށް އަރޫޝާ ފެނުމުން ހުރި ފިޔަވަޅުމަތީ މަޑުކޮށްލިއެވެ. ނަމަވެސް މަޑުކުރުމެއް ނެތި އަރޫޝާ ހިނގައިގަތީ ގެއަށް ވަންނާށެވެ.
"އަހަންނަކީ ރުޅިގަދަ މީހަކަށް ވީމަތަ އަހަރެން ފެންނަ އިރަށް ބިރުން ފިލަނީ؟" ދާއިން ބުންޏެވެ.
ދާއިންގެ އަޑު އިވުމާއެކު، ކުރިޔަށް އެޅި ފިޔަވަޅުމަތީ ހުއްޓެން އަރޫޝާގެ ހިތް މަޖުބޫރު ކުރުވި ކަހަލައެވެ.
"ހީ ވެދާނެ އަހަންނަކީ ވަރަށް ނުބައި މީހެކޭ." އަނެއްކާވެސް ދާއިން ބުންޏެވެ.
އަރޫޝާއަށް ހިންދިރުވާލެވުނެވެ.
"މަންމައާ ދިމާލަށް ބާރަށް އެއްޗެހި ކިޔާނެތަ ރަނގަޅު މީހަކު؟" އަރޫޝާ އެހެން ބުނެލީ ފުރަގަސްދީގެން ހުރެއެވެ.
ދާއިން އެއްޗެއް ބުނުމުގެ ކުރިން އޭނާ އަނެއްކާ ވެސް ބާރަށް ހިނގައިގަތެވެ. އަރޫޝާ އެ ބުނި ޖުމްލައިން ދާއިން ހަމަ ހަގީގަތުގައި ވެސް ހިތުގައި ޖެހުނެވެ. މަޑުމަޑުން ގޮސް އޭނާ ޖޯލިފަތީގައި އިށީނދެލި އިރު ވެސް ލޯ އަމާޒު ވެފައި ހުރީ ގެއާ ދިމާލަށެވެ. އޭރު އަރޫޝާ ގޮސް ގެއަށް ވަދެއްޖެއެވެ.
ބާރުބާރަށް ހިނގާފައި ގޮސް ނަދީމް ބޭރަށް ނިކުތް އިރު ޒައިނާގެ ކާރު އެ ގޭ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ކާރުގެ ތެރެއަށް ނަދީމް ދެމި ގަތީ ނުހަނު އަވަހަށެވެ. އޭރު ޒައިނާގެ މޫނުމަތީގައި ވެސް ހުރީ ކޮންމެވެސް ވަރަކަށް ހާސްކަމުގެ ކުލަވަރެވެ.
"ބައްޕަ އައީ މިއަދުތަ؟" ނަދީމް ސުވާލު ކުރިއެވެ.
"ނޫނޭ. ރޭގަ ބައްޕަ ދުރުވެއްޖެ. ނަދީމްގެ ވާހަކަތައް މަންމަ ދެއްކީ ބައްޕަ ގާތު. ވަރަށް އަވަހަށް ބައްދަލް ކުރަން ބޭނުންވާ ވާހަކަ ބުނީމަ މި އައީ. " ޒައިނާ ބުންޏެވެ.
"އަދި ދުވަހަކު ވެސް ޒައިގެ ބައްޕަ ނުދެކެން. އަހަރެން ވަރަށް ޖެހިލުންވޭ މި ގޮތަށް ގޮސް ބައްދަލް ކުރަން. އަހަންނަށް އެނގޭ ޒައި ވެސް ބައްޕައަށް ވަރަށް އިހްތިރާމް ކުރާކަން. މި ބުނީ ކޮންމެވެސް ވަރަކަށް ބައްޕަދެކެ ޖެހިލުންވާ ވާހަކަ." ނަދީމް ބުންޏެވެ.
އެ ވަގުތު ޒައިނާ ބޯ ޖަހާލިއެވެ.
"ބައްޕަ އަބަދު ވެސް އުޅުއްވާނީ ބޭރު ގައުމުތަކުގައި. އެހާ ގިނަގިނައިން ރާއްޖެ ނުވެސް ދުރުވާނެ. ކުރީގަ މަންމައާ އަހަރެން ގެންދާނެ ޗުއްޓީ ތަކުގައި. އެކި ފަހަރު އެކި ގައުމުތަކުގައި އުޅުއްވާނީ. މި ދެ އަހަރު ވަރަށް ބިޒީކޮށް އުޅުއްވާތީ އަދި ދެ ތިން ފަހަރު އެ ދުރުވީ ވެސް. " ޒައިނާ ބުންޏެވެ.
އޭރު ޒައިނާގެ ގެއާ ހަމައަށް ވެސް އާދެވިއްޖެއެވެ.
"ބައްޕައާ ވާހަކަ ދައްކާއިރު މާތް ބަހުން ވާހަކަ ދައްކައްޗޭ. ބޭކާރު ވާހަކަ ނުދައްކާތި. މަޖާ ވެގެން ކަމަކާ ބައްޕަ ހޭންފެށިއްޔާ ނޫނީ ނަދީމް ނުހޭތި. ނަދީމްއަށް ހެދޭ އެންމެ މިސްޓޭކަކުން ވެސް އަހަރެމެން ދެ މީހުން ރުޅި ވާން ޖެހިދާނެ." ޒައިނާ ބުންޏެވެ.
ޒައިނާގެ ވާހަކަ ތަކުން ނަދީމްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ކާރުން ފައިބައިގެން ދިޔައީ ދާ ހިތަކުން ނޫނެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލް ކުރަން ދިޔަ ދުވަހަށް ވުރެ މިއަދު އެބަ ބިރުގަނޭ." ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާއަށް ހެވިއްޖެއެވެ. ލިފްޓަށް އަރަމުން ވެސް، ބައްޕަގެ ކުރިމަތީގައި އަމަލު ކުރަން ޖެހޭނެ ގޮތާމެދު ޒައިނާ ދިޔައީ ނަދީމަށް އިރުޝާދު ދެމުންނެވެ.
ޒައިނާ އާއި ނަދީމް ސޯފާގައި އިރުކޮޅަކު ތިއްބެވެ. ކުއްލިއަކަށް ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށް ނަދީމް ދިޔައީ ސިހިގެންނެވެ. ނިކުމެގެން އައީ ދިގު، ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ހުދު ތުނބުޅިއެއް ލައިފައި ހުރި އިރު ބޮލުގައި އެންމެ އިސްތައްޓެއް ވެސް ނެތެވެ. އޭނާއަށް ބަލައިލުމުން ވެސް ހައިބަތު ބޮޑު މީހެއްގެ ވައްތަރު ޖަހައެވެ.
ބައްޕަ ފެނުމާއެކު ޒައިނާ ނަދީމްގެ ގައިގައި ކޮއްޓާލިއެވެ. ކޮޅަށް ތެދުވަން ނަދީމް ހަނދާން ވީ ދެނެވެ. އޭނާ އަވަސް އަވަހަށް ތެދުވެ، ޒައިނާގެ ބައްޕައާ ސަލާމްކޮށްލަން އަތް އުފުލައިލިއެވެ.
"ނޯ ބްރޯ! ޖަސްޓް ގިވްމީ އަ ބިގް ހަގް." ޒައިނާގެ ބައްޕަ މަހުދީ ބުންޏެވެ.
އޭނާ ބާރުބާރަށް ނަދީމްގެ ގައިގައި ބައްދާލުމަށްފަހު ބުރަކަށީގައި ދެ ތިން ފަހަރު ޖަހާލިއެވެ. އެކަން ވެގެން ދިޔައީ ޒައިނާގެ ހިތަށް ފިނިކަމެއް ލިއްބައިދިން ކަމަކަށެވެ.
"ހޫމް. އިށީނދޭ. ކޮން ނަމެކޭތަ ބުނީ؟ ނަދީމް ދޯ؟ ކޮން ދުވަހަކުން ކައިވެނި ކުރަން ނިންމައިގެން ތި އުޅެނީ؟" މަހުދީ ސުވާލު ކުރިއެވެ.
ފުރަތަމަ ސުވާލުން ވެސް ނަދީމްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަށް ޒައިނާގެ މޫނަށް ބެލުން ނޫން ކަމެއް ނުކުރެވުނެވެ. މޫނުމައްޗަށް ރުޅިވެރިކަން ގެނެސް އިނދެ ޒައިނާ އިޝާރާތް ކުރަމުން ދިޔައީ ނަދީމް އެއްޗެއް ބުނޭތޯއެވެ.
" އަޅު..އަޅުގަނޑު ކިޔަވާ ނިމިގެން." ނަދީމްގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ.
"ކޯއްޗެއް ކިޔަވަނީ؟" މަހުދީ އެހިއެވެ.
" އެއީ. ބެޗްލަރ އޮފް އާޓްސް އިން އިންޓީރިއާ ޑިޒައިން. މި އަހަރު ނިމޭނެ." އަވަސް އަވަހަށް ނަދީމް ބުންޏެވެ.
އޭނާގެ ޖުމްލަ ނިމުމާއެކު އަތް ޖަހާލަމުން މަހުދީ ކޮޅަށް ތެދުވެއްޖެެއެވެ.
"އޯހް ސަޅި. ވަރަށް ސަޅި. ތިއީ ހަމަ އަހަރެމެންގެ ޒައިނާއަށް އެންމެ އެކަށީގެންވާ މީހާ." މަހުދީ ބުންޏެވެ.
އޭނާ އެހާ ބޮޑަށް އުފާވާންޖެހޭ ސަބަބެއް ނަދީމަކަށް ނުވިސްނުނެވެ. ނަދީމްގެ އިތުރުން ޒައިނާ ވެސް އިނީ ހައިރާން ވެފައެވެ.
"އަހަންނަކީ ބޭރު ކުންފުނިތަކުގައި މަސައްކަތް ކުރާ މީހެއް. ކުންފުނިތަކުގެ ވެރިންނާ އަހަރެންގެ ގުޅުން ވަރަށް ގާތް ވާނެ. އެނގޭތަ އަހަރެން މި މަސައްކަތް ކުރަނީ ކޮންކަހަލަ ކުންފުނި ތަކެއްގައިކަން؟ " މަހުދީ އެހިއެވެ.
ސޯފާގައި ލެނގިލުމަށްފަހު އޭނާ އިނީ ސީދާ ނަދީމްގެ މޫނަށް ބަލަހައްޓައިގެންނެވެ. ނޭނގެއޭ ބުނުމުގެ ގޮތުން ނަދީމް ދެ ފަރާތަށް ބޯ ހޫރާލިއެވެ.
"ހައުސިން ޔުނިޓްތައް އަޅަން ހަވާލު ވެގެން އުޅޭ ބޮޑެތި ބޮޑެތި ކުންފުނިތަކުގަ. އެ ތަންތަނުގައި އެތައް ސަތޭކަ ޑިޒައިނަރުން އުޅޭނެ. އެނގޭތަ އެ މީހުންނަށް ދޭ ފައިސާގެ އަދަދު؟" އަނެއްކާވެސް މަހުދީ ސުވާލު ކުރިއެވެ.
މި ފަހަރު ވެސް ނަދީމް ދެ ފަރާތަށް ބޯ ހޫރާލިއެވެ.
"ފަންސާސް ހާސް އެމެރިކާ ޑޮލަރު. ހަމަ އެންމެ ފްލޯއެއް ޑިޒައިން ކޮށްގެން އެ ވަރު އެބަ ނަގާ." މަހުދީ ބުންޏެވެ.
އޭނާގެ ވާހަކަތަކުގެ މިސްރާބު ދާ ގޮތުން ޒައިނާ ވެސް އިނީ ހާސްކަން މަތީގައެވެ. އެހާ ތަފްސީލްކޮށް މީގެ ކުރިން ދުވަހަކު ވެސް ބައްޕަގެ މަސައްކަތުގެ ވާހަކަތައް ދައްކާފައި ނުވާއިރު ނަދީމް ގާތު އެ ވާހަކަތައް ދައްކަން ޖެހުނު ސަބަބެއް ބަލަން ޒައިނާ ބޭނުން ވިއެވެ.
"ރާއްޖެއިން ބޭރުގައި އެ ވަރު ދިނަސް ރާއްޖޭގައި އެހާ ވަރަކަށް ފައިސާއެއް ނުލިބެ އެއް ނޫންތޯ ބައްޕާ." ޒައިނާ ބުނެލިއެވެ.
"ބައްޕަ އަދި ދަރިފުޅާ ވާހަކައެއް ނުދައްކަމެއްނު. ބައްޕަ ވާހަކަ މި ދައްކަނީ ނަދީމްއާ." މަހުދީ ބުނެލީ ތަންކޮޅެއް ބާރަށެވެ.
"ޒައިނާއާ ކައިވެނި ކުރުމަށް އަހަރެން ރުހިއްޖައިން. ކައިވެނި ކުރާނެ ތާރީހެއް ދެ ކުދިން ނިންމާލާ. އިތުރަށް ދެން ދައްކާނެ ވާހަކައެއް ވެސް ނެތެއްނު. " މަހުދީ ބުންޏެވެ. ހިނިގަނޑެއް ޖަހާލަމުންނެވެ.
"ބައްޕަގެ މީޓިން ނިމުނިއްޔާ އަޅުގަނޑުމެން ދެން ދަނީ." ހިނިތުންވަމުން ޒައިނާ ތެދުވިއެވެ.
"އަނހަ. ނަދީމް ދަނީތަ؟ މަންމައަށް އޮތީ ނިދިފައޭ. ކައިގެން ދާން ވީނު." ކުއްލިއަކަށް ޒައިނާގެ މަންމަ ޒުހުދާ އައިސް ހުއްޓެމުން ބުނެލިއެވެ.
"ނޫން މަންމާ. މިރޭ މިއުޅެނީ ބޭރަށް ކާން ދާން ކަމަށް." ޒައިނާ ބުނެލިއެވެ.
ނަދީމްގެ ކުރިން ޒައިނާ ހިނގައިގަތުމުން ފަހަތުން ނަދީމް ވެސް ދިޔައެވެ. އޭރުވެސް މަހުދީ އިނީ ނަދީމަށް ބަލަހައްޓައިގެން ފުން ވިސްނުމެއްގައެވެ.
އަތުގައި އޮތް ސިޓީ އުރައަށް ބަލަމުންބަލަމުން ރިޒާ ގެއަށް ވަނީ ބާރުބާރަށް މަދީހާއަށް ގޮވަމުންނެވެ. އެ އަޑަށް ސިޓިންރޫމް ސޯފާގައި ނިދާފައި އޮތް ދާއިންއަށް ވެސް ހޭލެވުނެވެ.
"ހާދަ ބާރަކަށް ތި ގޮވަނީ؟ މަ މިއުޅެނީ ބަދިގޭގައޭ." ސިޓިންރޫމަށް ނިކުންނަމުން މަދީހާ ބުންޏެވެ.
"އަލްހަމްދުލިﷲ. އަރޫޝާއަށް އެ ވަޒީފާ ހަމަ ޖެހިއްޖެ. ދެންމެ މަގުމަތިން އޮފީހު މީހަކު އަހަރެންގެ އަތަށް ސިޓީ ދިނީ. " އުފާވެރި ރާގެއްގައި ރިޒާ ބުންޏެވެ.
"ނާހަމަ ތެދެއްތަ؟ އެ މަންޖެ ހާދަ އުފާވާނެޔޭ. ވަރަށް ގިނަ ކުދިން ނެގިތަ؟" މަދީހާ އަހައިލީ ސިޓީ އުރައިގައި ހިފަމުންނެވެ.
" ނޫން ހަތަރު މީހުންނޯ ނެގީ. ޓެކްނިކަލް ބައިގައި ދެ މީހުން. ދެން އޮފީސް ބަޔަށް މި ހޮވުނީ އަރޫޝާއާ ނޯތުގޭ އާސިފް. " ރިޒާ ބުންޏެވެ.
އާސިފްގެ ނަން ބުނެލި އަޑަށް ދާއިންއަށް ލޯ ހުޅުވާލެވުނެވެ. އަދި މަޑުމަޑުން އާސިފްގެ ނަން ވެސް ކިޔައިލެވުނެވެ.
" އެ ސޮރު މިހާރު އުޅެނީ މިރަށުގައިތަ؟ އަޑު އެހިން ރިހިބިލިޓޭޝަނަށް ގެންދިޔަ ވާހަކަ." މަދީހާއަށް ބުނެވުނެވެ.
"އާނ. އެތަނަށް ގެންދިޔަ ފަހުން ރަނގަޅު ވެގެން އައީ. އެއީ ކިހާ ވަރަކަށް ޑްރަގު ނެގި ކުއްޖެއް. ރަނގަޅުވީމަ ތާ މިސްކިތުން ފެންނާނީ. ދެން ތި ވާހަކައެއް ނޫނޭ. އަރޫޝާއަށް ގޮވާބަލަ." ރިޒާ ބުންޏެވެ.
ރިޒާއާއި މަދީހާ، އަރޫޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމާއެކު ދާއިން އަވަސް އަވަހަށް ތެދުވެއްޖެއެވެ. އަދި ސޯފާ މަތީގައި އޮތް ހުދު ކުލައިގެ ޓީޝާޓް ނަގައި ގަޔަށް މަހާލުމަށްފަހު ބާރު ބާރަށް ބޭރަށް ނިކުތެވެ.
"އޭ އާސިފް ރަނގަޅު ވެގެންތަ އެ އައީ؟ އޭނަ ސަލާމަތް ވީތަ؟" ދާއިން ސުވާލު ކުރީ އާބިދުއާއެވެ. އާބިދަކީ ދާއިންގެ އެންމެ ގާތް އެކުވެރިޔާއެވެ.
"ހޫމް. މަށަށް ވެސް މިއަދު އޭނަ ފެނިއްޖެ ބޮޑު ސައިކަލެއްގަ ދަނިކޮށް. ވަރަށް ގައްޑާ ވެގެން އުޅެނީ. ރަނގަޅު ވެގެންނޭ އައީ މީހުން ކިޔަނީ. އެކަމަކު އޭނައަށް ބަލާފައެއް ނުޖަހާ ރަނގަޅު ފާޑެއް." އާބިދު ބުންޏެވެ.
އާބިދު ވާހަކަ ދައްކަމުން ދިޔައިރު ވެސް ދާއިން އިނީ ކަމަކަށް ވިސްނަން ގެއްލި ހުސްވެފައެވެ. އެ މޫނުމަތީގައިވާ ކަންބޮޑުވުމާއި ނުތަނަވަސް ކަމުގެ އަސަރުތައް އާބިދަށް ދެނެގަނެވުނެވެ.
"ދާއިން އަދިވެސް އޭނަ ދެކެ ބިރުގަންނަނީތަ؟ އެއީ މާ ކުރީގެ ކަމެއްނު. ސްކޫލް ދައުރުގައި ވެފައި ހުންނަ ކަންތައްތައް މިހާރު އޭނަ ހަނދާންވެސް ނުހުންނާނެ." ދާއިންގެ ކޮނޑުގައި ޖަހާލަމުން އާބިދު ބުންޏެވެ.
"އޭނަ ބިޓު އޭރު ދާއިންއާ ހެދި ހޭބަލި ވުން އެއީ ދާއިންގެ މައްސަލައެއް ވެސް ނޫނެއްނު. މިހާރު އެ ކުއްޖާ އުޅެނީ މީހަކާ އިނދެގެން އެހެން ރަށެއްގަ. ދަރިން ވެސް ނޭނގެ ނެތް ކަމެއް." އާބިދު އިތުރު ކޮށްލިއެވެ.
"ސްކޫލް ނިންމި ފަހުން ވެސް، އެ މައްސަލައިގައި އާސިފް މަ ގައިގައި ތަޅައިވެސް ގަތޭ. އޭރު އެ މަންޖެ މިރަށަކު ނުވެސް ނެތް. އެ މީހުން ކަޓާފަ ތިބީ." ދާއިން ބުންޏެވެ.
"ދެން ކޮބައިހޭ މިހާރު މައްސަލައަކީ؟ " އާބިދު ސުވާލު ކުރީ ތަންކޮޅެއް ބާރަށެވެ.
"މައްސަލަ ވަރަށް ގޯސް ވެދާނެ ކަމަށް ހީވެގެން ބިރުގަންނަނީ. އާސިފާއެކު ދެން އެ އޮފީހަށް ހޮވުނީ އަރޫ." އިސްއުފުލާލަމުން ދާއިން ބުންޏެވެ.
އެ އާއެކު އާބިދަށް ވެސް އުނދަގޫވި ކަހަލައެވެ.
"އަރޫ އޭ؟ އަސްލުތަ؟ ތި އާސިފާއެކު އެތާ އިންނަން ހެޔޮ ވެސް ނުވާނެ. އަސްލު ހަމަ އޭނަ އަދިވެސް ޔޫޒް ނުކުރާ ކަމެއް ނޭނގެ. އެހެން ނޫނަސް އެއީ އަންހެން ކުދިންނާ ހެދި މޮޔަ ވެފައި ހުންނަ މީހެއް." އާބިދު ބުންޏެވެ.
"އަރޫ އުޅެނީ އަހަރެމެންގޭގައި ކަން އެނގުނަސް، ވެސް އޭނަ ބަލާނެ މަ ރުޅި އެރުވޭތޯ." ދުރަށް ބަލައިލަމުން ދާއިން ބުންޏެވެ.
"ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟" އާބިދު ސުވާލު ކުރީ ނުހަނު އަވަހަށެވެ.
އޭރު ދާއިންގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!