ކުރީގެ އަދަދާއި ގުޅޭ،

ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން ދިޔަ ދޮރާއްޓަށް ބަލަން އޭނާއަށް ހުރެވުނީ ކަންބޮޑުވެފައެވެ.

Ad
rt

އަރޫޝާ ގެއަށް ވަތްއިރު އިޝާ ނަމާދު ބަންގީގެ އަޑު ގުގުމަމުން ދެއެވެ. އޭރު މަދީހާވެސް އުޅެނީ ކޮޓަރީގައި ކަމުން އަވަސް އަވަހަށް އަރޫޝާ ވެސް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ކާ މޭޒު ކައިރީގައި ތިބީ މަދީހާ އާއި ރިޒާގެ އިތުރުން އަރޫޝާއެވެ. އަރޫޝާ އައި އިރުގައި ވެސް އެ ދެމީހުންގެ ދެ މެދުގައި ދެކެވެމުން ދަނީ ދާއިންގެ ވާހަކައެވެ.

"ދެން ނޭނގެ މިރޭ ގެއަށް ވަންނާނެ ކަމެއް ވެސް." މަދީހާ ބުންޏެވެ.

"އޭނަ ރުޅި އައްޔާ އުޅޭ ގޮތް މަދީހާއަށް ވެސް އެނގެއެއްނު. އެހެންވެ އަހަރެން ބުނަނީ ދާއިންގެ ކުރިމަތީގައި މާ ކަންތައްތައް ބޮޑު ނުކުރާށޭ." ރިޒާ ބުންޏެވެ.

ރިޒާ އެހެން ބުނި ނަމަވެސް މަދީހާ ހުރީ ރުޅި މަޑު ކުރާ ގޮތަކަށް ނޫނެވެ. އޭރު އޭނާގެ މޫނުމަތިން ވެސް އެކަން ފާޅުވަމުން ދެއެވެ.

"ރިޒާަ އަބަދުވެސް ދޫ ދޭތީ އޭ އޭނަ ބޭނުންހާ ގޮތަކަށް ކަންތައް ކުރަނީ. ބަލައްޗޭ މާދަމާ ބުނާނެ ބަގީ ތަޅުދަނޑި ދޭށޭ. ނުދޭނަން ދެނެއް. ދޮންބެގޭގައި އުޅޭ ބޭރުމީހާއާ ބަގީ ހަވާލު ކުރަންވީ. އޭރުން ބަގީ ދަތުރު ތަކަށް ލިބޭ ލާރި އަހަރެމެންނަށް ލިބޭނެ އެއްނު." މަދީހާ ބުންޏެވެ.

މަދީހާގެ ވާހަކަތައް އަޑުއަހަން އިނދެ ރިޒާ ދެ ފަރާތަށް ބޯ ހޫރަން ފެށިއެވެ.

"އަޅެ ހަމަ ވިސްނާފައިތަ ތި ގޮތަށް ތި ނިންމީ؟ ބަގީ ދަތުރު ތަކަށް ލިބޭ ލާރި އަހަރެމެން ނެގީމަ، ދެން ދާއިންއަށް ހަރަދު ކުރަނީ ވަކި ކޮންބައެއް؟ހަމަ އަހަރެމެން ދޯ؟ މިހާރު އޭނަ އެ އުޅެނީ ބަގީއަށް ލިބޭ ލާރިން. އޭނަ ލާރި ބޭނުން ވަންޏާ ދަތުރު ހޯދައިގެން ވެސް އެ ދުއްވާނެތާ. ވަޒީފާއަކަށް ދާ މީހެއް ނޫން." ރިޒާ ބުންޏެވެ.

"ހަމަ ރިޒާ ހައްދާ ގޮތުން އެހެން އެ ވަނީ. ދެން ގައިމު ޖެހޭނީ ވަޒީފާއަކަށް ދާކަށްނު. މިހާރު އެ ހުރީ ބޮޑުވެފައި. ރަށުގައި ވަޒީފާއެއް ނެތިއްޔާ ރަށުން ބޭރަށް ގޮސްގެން ވެސް ލާރި ހޯދުމަކީ އެ ދަރިއެއްގެ އަމިއްލަ ކަމެއް." ރުންކުރު ގޮތަކަށް އެހެން ބުނެ މަދީހާ ތެދުވެއްޖެއެވެ.

އެ ވަގުތު އަވަސް އަވަހަށް އަރޫޝާ ވެސް ތެދުވިއެވެ. އަދި މޭޒުމަތީގައި ހުރި ތަށިތައް ނެގުމުގައި މަދީހާއަށް އެހީވެދޭން ފެށިއެވެ.

"ރަށަށް އައިސް ދާއިންގެ ކަންތައްތަކާ ބޯ ގާނަން ހަދައިގެން ދަރިފުޅާވެސް އަދި ރަނގަޅަށް ވާހަކަ ދައްކައި ނުލެވިގެން މިއުޅެނީ. ހިނގާބަލަ ދައްތައާއެކު ކޮޓަރިއަށް ގޮސްލަން." ނުހަނު ލޯތްބާއެކު މަދީހާ ބުންޏެވެ.

މަދީހާގެ ފަހަތުން އަރޫޝާ ގޮސް ކޮޓަރިއަށް ވަދެ، އެނދުމަތީ އިށީނދެލިއެވެ. އެ ވަގުތު އަލަމާރި ދޮޅު ހުޅުވާލުމަށްފަހު މަދީހާ ނެގީ އޭނާގެ ވޮލެޓެވެ. އެއް ހާސް ރުފިޔާ ނަގައި އަރޫޝާގެ އަތަށް ދިއްކޮށްލަމުން އޭނާ ވާހަކަ ދައްކަން ފެށީ އޯގާތެރިކަމާއެކުގައެވެ.

"ދައްތަގެ މައިންބަފައިންވެސް ދައްތަ ވަރަށް ކުޑައިރު ނިޔާވެއްޖެ. އުޅެން ޖެހުނު ހާލު ހިތަށް އެރިޔަސް އަދިވެސް ވަރަށް އަސަރު ކުރޭ. އުމުރުން ސޯޅަ އަހަރުގައި ދާއިންގެ ބައްޕައާ ކައިވެނި ކުރަން ޖެހުނީ ވެސް އެ ނިކަމެތިކަމުން ސަލާމަތް ވޭތޯ." މަދީހާ ބުންޏެވެ.

"މިއީ..ކޮން..ކޮން ލާރިއެއް؟" އަރޫޝާ އެހިއެވެ.

އަރޫޝާގެ އަތު ތެރެއަށް ފަސްސަތޭކައިގެ ދެ ނޫޓު ކޮއްޕާލަމުން މަދީހާ ހިނިތުން ވެލިއެވެ.

"އެއްޗެއް ގަންނަން ބޭނުންވާ ކޮންމެ ފަހަރަކު ދައްތަމެން ގާތު ބުނަން ނުކެރިދާނެ. އަހަރެންގެ އަންހެން ދަރިޔަކު ނުހުރޭ. އެކަމަކު އަންހެނަކު ބިކަވެ، ނިކަމެތި ވެއްޖެނަމަ އެ މީހަކަށް އަހަރެންގެ ހިތް ހަމްދަރުދީއާ ލޯބިން ފުރިގެން ދާނެ. އަރޫޝާއަކީ ރިޒާގެ ގާތް ރައްޓެއްސެއްގެ ދަރިޔަކަށް ވީތީއެއް ނޫން އަހަރެން އަރޫޝާއާމެދު ހަމްދަރުދީ ވަނީ. ތިހާ ޅަ އުމުރުގައި މައިންބަފައިންގެ ލޯބިން މަހުރޫމްވެގެން އުޅޭނެ ޙާލާމެދު އަހަންނަށް ވިސްނެނީ. އެހީއާއި މަދަދު ބޭނުންވާނެ ވަރު އިހްސާސް ކުރެވެނީ." މަދީހާ ބުންޏެވެ.

އޭރު އަރޫޝާގެ ދެ ލޮލުން ފެންތައް ފައިބަން ފަށައިފިއެވެ. އޭނާއަށް ބޭއިހްތިޔާރުގައި މަދީހާގެ ގައިގައި ބައްދައިގަނެވުނެވެ.

"އެތައް ޒަމާނަކަށްފަހު އަހަންނަށް މަންމަގެ ލޯބި ލިބެން އުޅޭ ކަހަލަ އިހްސާސެއް ކުރެވިއްޖެ. ހަނދާން ހުންނަން ފެށީއްސުރެ އަހަންނަށް ލޯބި ލިބުނީ ހަމައެކަނި ބައްޕަގެ ފަރާތުން. މިއަދު އަހަންނަށް އަހަރެންގެ މަންމަ އަލުން ލިބިއްޖެ." އަރޫޝާއަށް ރޮވިއްޖެއެވެ.

އެނދުމަތީގައި އޮތް މަދީހާގެ ފޯނު ރިންގުވާން ފެށުމުން އަރޫޝާ ދުރަށް ޖެހިލިއެވެ. ހިނިތުން ވެލުމަށްފަހު މަދީހާ އަވަސް އަވަހަށް އަރޫޝާގެ މޫނަށް ބަލައިލިއެވެ.

"އެ ގުޅަނީ ދައްތަގެ ދޮށީ ދަރި." މަދީހާ ބުންޏެވެ.

ލޮލުން ކަރުނަ ފުހެލަމުން އަރީޝާ ހީލިއެވެ.

"ބައްޕަގެ ރައްޓެހި ބޭބެ ނިޔާވެގެން އެ ރަށަށް ދިޔައީމަ އިއްޔެ މަންމައަށް ނުގުޅުނީ. ކިހިނެއްތަ ދަރިފުޅު؟"މަދީހާ ބުންޏެވެ.

"އެ ބޭބެ ގެ ދަރިފުޅު އަރޫޝާ ގޮވައިގެން މަންމަމެން މިއައީ. އަންހެން ކުއްޖަކު އެކަނި ބަހައްޓާކަށް ނުވާނެއެއްނު. އެ އާއިލާގެ އިތުރު ބަޔަކު އެ ރަށަކު ނުވެސް އުޅޭ ކަންނޭނގެ. މަންމަމެން އެކޮއި ގެންނާތީ ހުއްޓުވާކަށް އެއްވެސް މީހަކު ނާދެ." މަދީހާ ވާހަކަ ދެއްކީ އަރޫޝާގެ ބޮލުގައި ފިރުމަމުންނެވެ.

އިސްޖަހާލައިގެން އިނދެ އަރޫޝާ، އެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ.

"ދަރިފުޅު ދެން ކޯހުން ޗުއްޓީއެއް ވެސް ނުލިބެނީތަ؟ މިހާރު މަންމަމެންނަށް ދަރިފުޅު ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެޔޭ." މަދީހާ އަނެއްކާ ވެސް ބުންޏެވެ.

ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު މަދީހާ ފޯނު ބޭއްވި އިރު އޭނާގެ މޫނުމަތި ހުރީ އުޖާލާ ވެފައެވެ. ފުޅާ ހިނިތުންވުމެއްގައި އިނދެ މަދީހާ އަރޫޝާއަށް ބަލައިލިއެވެ.

"ނަދީީމަކީ ވަރަށް ހަރުދަނާ ކުއްޖެއް. އަހަރެމެން އެންމެންނާމެދު ވެސް ނަދީމް ވިސްނާނެ. ދާއިން އުޅޭ ގޮތުން އޭނަ ވަރަށް ހިތާމަ ކުރާނެ. ބުނާނެ ކޮއްކޮއަށް ވިސްނައިދޭން އުޅެގެން އަބަދުވެސް ކޮއްކޮ އަންނާނީ ރުޅިއޭ. ތެދެއް އެ ބުނީ. މަގޭ ދާއިންއަކީ ވަރަށް ތަފާތު ކުއްޖެއް. ވަރަށް ރުޅި ގަދަވެފައި ގޮތް ދޫ ނުކުރާނެ. ކުރަން ބޭނުންވާ ކޮންމެ ކަމެއް ވަގުތުން ކުރާނެ. ބޭނުންވާ ކޮންމެ އެއްޗެއް އެ ވަގުތެއްގައި ހޯދައި ނުދެވުނަސް ރުޅި ގަދަ ވާނެ. ކީއްކުރާނީ؟ މަށަށް ލިބިފައި މި ހުރީ ވަރަށް ތަފާތު ދެ މިޒާޖެއްގެ ދެ ދަރިން. " މަދީހާ ބުންޏެވެ.

ހިނިތުންވެލުން ފިޔަވައި އިތުރަށް އެއްޗެއް ބުނާކަށް އަރޫޝާއަކަށް ނުކެރުނެވެ.

"މި ގޭތެރޭގައި ދާއިންއާ ދައްތަމެން އަޑުގަދަ ކޮށްލިޔަސް އަރޫޝާ އެއްޗެއް ހިތަށް ނާރުވައްޗޭ. އެއީ އެންމެ ކުޑައިރުއްސުރެވެސް ދާއިންގެ މިޒާޖު. އެ ދިޔައީ އެއްނު މިރޭ ވެސް ރުޅި އައިސްގެން. ދެން ގެއަށް އަންނާނެ އިރެއް ވެސް، އަންނާނެ ކަމެއް ވެސް ނޭނގެ. ރައްޓެއްސެއްގެ ގޭގައި ނިދާފައި ވެސް އޮވެދާނެ. ކިހިނެއް އެވަރުގެ ދަރިއެއްގެ ފަހަތުން އަހަރެމެން ދުވާނީ ދޯ؟" މަދީހާ ބުނެލިއެވެ.

ހެވިފައި އިނދެ އަރޫޝާ ބޯ ޖަހާލިއެވެ.

ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ގަޑިއެއްހާ އިރު ވަންދެން ސައިކަލް ދުއްވި އިރު ވެސް ޒައިނާގެ ހިތެއް ނުފުރުނެވެ. އޭރު ގަޑިން ބާރަ ޖަހާ ބޮޑު ވެއްޖެއެވެ. ނަދީމްގެ ބުރަކަށީގައި ތަތްވެ އިނދެ އޭނާ އެދެމުން ދިޔައީ އަދިވެސް އިތުރަށް ދުއްވުމަށެވެ.

"އެކަމަކު ޒައީ. އަހަރެން މިހާރު އުނަގަނޑުގައި ރިއްސަން ފަށައިފި. އަދި މާލެ ދާންވެސް ނަގާނެ ވިއްސަކަށް މިނިޓް." ނަދީމް ބުންޏެވެ.

ނަދީމް އެއްބަސް ނުވުމުން ޒައިނާ ހިތްހަމަ ނުޖެހިއްޖެއެވެ. އަވަސް އަވަހަށް އޭނާ ނަދީމްއާ ދުރަށް ޖެހިލުމަށްފަހު ދުރަށް ބަލައިލިއެވެ. ޒައިނާގެ ފަރާތުން ރައްދެއް ނުލިބުމުން ސައިކަލްގެ ލޯގަނޑުން ނަދީމް ޒައިނާގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ޒައިނާ ނުރުހިއްޖެކަން ނަދީމަށް ޔަގީން ކުރެވުނެވެ. ނަމަވެސް މިރޭ އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

"މާދަމާ ޓެސްޓް އޮންނާތީ އަހަރެން ބޭނުން ފަތިހު ފޮތް ކިޔަން ތެދުވަން ވެސް. މިހާރު ވެސް މާ ލަސްވެއްޖެ." ނަދީމް ބުންޏެވެ.

ޓެސްޓްގެ ވާހަކަ ދެއްކުމުން ޒައިނާ ރުޅި މަޑުވެދާނެޔޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އަދިވެސް ޒައިނާ އިނީ ތުން ދަމާފައެވެ.

"ދެން މާދަމާ ރޭ އަންނާނީ ތަންކޮޅެއް ކުރިން. މިހެން މާ ގިނައިރު ދުއްވުމަށް ވުރެ އަހަރެން މާ ހިތްހަމަ ޖެހޭ ކުޑަ އިރުކޮޅެއްގައި ދުއްވާލާފައި ކޮފީއެއް ބޯލަން ތަނަކަށް ވަނަސް. އޭރުން އަހަންނަށް ޒައިގެ ލޯބިލޯބި މޫނު ފެންނާނެ އެއްނު." ނަދީމް ސަމާސާ ކޮށްލިއެވެ.

އޭނާ އަނެއްކާ ވެސް ލޯގަނޑުން ޒައިނާގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވާން ފަށައިފިއެވެ.

"އެހެން ބުނީމަ ހަމަ ހެވިއްޖެދޯ. އަސްލުވެސް މިހެން ދުއްވާއިރު މުޅިން ވެސް ފެންނަނީ އެހެން ސައިކަލް ތަކުގައި ތިބޭ ބިޓުންކޮޅު. ޒައި ތި އިންނަނީ އަހަރެންގެ ފަހަތުގައެއްނު. ދެން މަށަށް ކޮން ހިތްހަމަ ޖެހުމެއްތަ ލިބޭނީ؟" މަޖާވެފައި ނަދީމް ވާހަކަ ދެއްކިއެވެ.

" އޭ ބިޓުންނަށް ނުބަލައްޗޭ. އަހަރެންގެ ހިތް ހުއްޓިދާނެ. " ޒައިނާ ބުންޏެވެ.

އޭނާ އަނެއްކާ ވެސް ނަދީމްގެ ގައިގައި ބައްދާލީ ދެއަތުން އޭނާގެ ބަނޑުގައި އަތް އަޅުވާލަމުންނެވެ. ނަދީމަށްވެސް ބާރަށް ހެވިއްޖެއެވެ.

އެކެއް ޖަހައި ބޮޑުވި އިރު ވެސް އަރޫޝާއަށް ނިދޭ ގޮތެއް ނުވިއެވެ. އެހެންވެ މަޑުމަޑުން ތެދުވެ، ބޮލުގައި ހުޅިއެއް ޖަހާލީ ބޭރަށް ނިކުމެލާ ހިތުންނެވެ. އޭސީގެ ރިމޯޓު ނަގައި، ފިނި ދަށްކޮށްލުމަށްފަހު އޭނާ ނިކުތީ ސިޓިންރޫމަށެވެ. އެ ވަގުތު ތަނަށް ވެރިވެފައިވާ ހިމޭންކަން އަރޫޝާގެ ހިތާ ކުޅެލިއެވެ. ބޭރަށް ނިކުމެ ތާޒާ ވައިގެ ފިނިކަން އިހްސާސްކޮށްލަން ހިތް އެދެން ފެށިއެވެ. އެހެންވެ، މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އޭނާ ބޭރަށް ނިކުމެއްޖެއެވެ. އެއާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސާދަވިލޭރޭގެ ފުރިހަމަ ހަނދެވެ. ތެތްފިނިކަމެއް ޖައްވުގައި އެކުލެވިގެންވާ ހިނދު، އަރޫޝާގެ ހަށިގަނޑު ފިނިކޮށްލާކަށް މާ ގިނަ ވަގުތު ތަކެއް ނުނެގިއެވެ. ދެ އަތުން މުޅި ހަށިގަނޑު ވަށާލަމުން އަރޫޝާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ.

އެ ވަގުތު ދުރުގައި ހުރި ޖޯލިފަތީގައި ދާއިން ބަލަން އިން މަންޒަރު އަރޫޝާއަށް ފެނުނެވެ. ގެއަށް ވަންނަން ބޭނުންވި ނަމަވެސް ހިތް އެދުނީ މަޑުކޮށްލުމަށެވެ. އެހެންވެ، މާ ބޮޑު ކަމަކަށް ނަހަދާ އަރޫޝާ މަޑުމަޑުން ދާއިންއަށް ފުރަގަސް ދިނެވެ. އަދި ގާ ޖަހާފައި އޮތް ހަނި މަގުން ކުޑަކޮށް ކުރިއަށް ހިނގައިގަތެވެ. ބޮޑެތި ޕޮޓުތަކުގައި ހުރި ސައިމަލާއި ފިނިފެންމާ ގަސްތައް ކައިރިން ގޮސް އޭނާ ދާއިންއަށް ނުފެންނަ ގޮތަށް ހުއްޓުނެވެ.

އިރުކޮޅަކު އެތާ ހުރުމަށްފަހު. ގަސްތަކުގެ ހިމަ ގޮފިކޮޅުތަކުގެ ދޭތެރެއިން ޖޯއްޔާ ދިމާލަށް އަރޫޝާ ބަލައިލީ ދާއިން އިންތޯއެވެ. ނިތްމަތީ އަތް ބާއްވާލައިގެން ޖޯލީގައި އޮށޯވެ އޮތް ދާއިން ފެނި އަރޫޝާގެ ހިތުގައި އޭނާއާ މެދު ހަމްދަރުދީ އުފެދެން ފެށިއެވެ. ނަމަވެސް އަނެއްކާވެސް ދާއިންގެ ރުޅިގަނޑާއި ގޮތް ދޫ ނުކުރާ ވާހަކަތައް ހަނދާނަށް އަތުވެއްޖެއެވެ.

ފުންނޭވާއެއް ބޭރު ކޮށްލުމަށްފަހު އަރޫޝާ އަވަސް އަވަހަށް ގޮސް ގެއަށް ވަނީ އިސްޖަހައިގެން ހުރެއެވެ. އޭރުވެސް ދާއިން އޮތް ގޮތަށް އޮތެވެ.

ހެނދުނުގެ ވަގުތެވެ. އަރޫޝާ ބަދިގެއަށް ދިޔައިރު މަދީހާ ހުރީ ރޮށި ފިހާށެވެ. އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ކޮންމެވެސް ކަމެއް ވެއްޖެކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ. ލަސް ހިނގުމެއްގައި ގޮސް އަރޫޝާ ހުއްޓުނީ މަދީހާއާ ދާދި ގާތުގައެވެ. އޭރު މަދީހާގެ ހަރަކާތްތައް ކުރިއަށް ވުރެ ވެސް އަވަހެވެ.

"ދައްތާ." އަރޫޝާ ގޮވާލިއެވެ.

ޖަވާބެއް ދިނުމެއް ނެތި މަދީހާ ދިޔައީ ރޮށި ދަމަމުންނެވެ. އޭނާ ނޭފަތް ދަމާލި ގޮތުން ރޮނީކަން އަރޫޝާއަށް އެނގުނެވެ.

"ކިހިނެއްވީ ދައްތާ؟ އަހަރެން ގާތު ބުނެބަލަ." އޯގާތެރިކަމާއެކު އަރޫޝާ އެހިއެވެ.

"ފަތިހު ބޭރަށް ނިކުތް އިރު ދާއިން އޮތީ ޖޯލިފަތީގައި ނިދާފަ. އެތެރެއަށް ދާށޭ ބުނީމަ އަހަންނާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތް." މަދީހާ ބުންޏެވެ.

އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

"އަހަންނަކީ ރަނގަޅު މަންމައެއް ނޫނޯ. އަހަރެން އެއްވެސް ވަރަކަށް ދާއިން ދެކެ ލޯތްބެއް ނުވެޔޯ. ބަގީ އަތުލީމަ ރުޅި އައިސްގެން އެ އުޅެނީ. އެކަމަކު... އެކަހަލަ އެއްޗެހި ކީމަ އަހަރެން ދެރަވާނެ ދޯ؟" މަދީހާ ބުންޏެވެ.

އަރޫޝާ އަވަސް އަވަހަށް މަދީހާގެ އަތުގައި ހިފެހެއްޓުމަށްފަހު އޭނާގެ މަސައްކަތް ހުއްޓުވިއެވެ. އަދި މަދީހާގެ އަތުގައި ހިފައިގެން ގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

"ދައްތާ. ދެރަ ނުވޭ. ދާއިންއަށް އަދި ވިސްނޭނެ. ރުޅި އައިސްގެން ދާއިންއަށް އެ ބުނެވުނީ ކީކޭ ކަން އޭނައަށް ފަހުން ވިސްނޭނެ. ރުޅި މަޑުވީމަ.." އަރޫޝާ ވާހަކަ ދެއްކިއެވެ.

އިސްޖަހައިގެން އިނދެ މަދީހާ މަޑުމަޑުން ރޮމުން ދިޔައެވެ.

"ހިތަށް އައިހާ އެއްޗެއް މަންމައާ ދިމާލަށް ކިޔާލާއިރު މަންމަ ދެރަވާނެކަން ދާއިންއަށް އެނގެން ވާނެ ދޯ؟ އަހަރެން ހިތަށް އަރާ އަހަރެންގެ މަންމަ ދުނިޔޭގައި ހުރި ނަމައޭ. ދުވަހަކު ވެސް ހިތަކު ނުޖައްސާނަން. ދައްތަ އެހާ ރަނގަޅު އިރު ވެސް ދާއިން ކީއްވެތަ އެ ގޮތަށް ކަންތައް އެ ކުރަނީ؟" އަރީޝާއަށް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހޭ ރާގަކަށެވެ.

މަދީހާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު އޭނާ މަދީހާގެ ދެއަތުގައި މަޑުމަޑުން ހިފާލިއެވެ. އެ ވަގުތު ކުއްލިއަކަށް ދޮރާ ދިމާލަށް ބަލައިލުމަށްފަހު މަދީހާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އަރޫޝާއަށް ވެސް ސިހިފައި ފަހަތް ބަލައިލެވުނީ މަދީހާގެ ހަރަކާތްތަކަށް އައި ބަދަލުންނެވެ. އެއާއެކު ދޮރުމަތީގައި ހުރި ދާއިން އޭނާއަށް ފެނުނެވެ. ދާއިންގެ ނަޒަރު އަމާޒު ވެފައި ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެ ހިނދު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)