ޖަނާޒާގެ ކަންތައްތައް ނިމި، އެންމެން ގެއަށް ދިޔަ އިރު ވެސް އަރޫޝާ ހުރީ ގަބުރުސްތާނުގައެވެ. ފާރުގައި ލެނިގިލައިގެން ހުރި އިރު އޭނާގެ ދެ ލޮލުގައި އޭރުވެސް ވަނީ ކަރުނައިގެ ތެތްކަމެވެ. ބައްޕަގެ މަހާނައަށް ބަލަހައްޓައިގެން ހުރި އިރު، ބައްޕަގެ ހަނދާންތައް ކުރިމަތީގައި ސިފަވަމުން ދާ ކަހަލައެވެ. ތުއްތުއިރު މަންމަ ނިޔާވުމުން، މައެއްގެ ގޮތުގައި ވެސް އޭނާއަށް ފެނިފައިވަނީ ހަމައެކަނި ބައްޕައެވެ. ކުއްލި ގޮތަކަށް ބައްޕަ ވަކިވެ ދިޔުން ބަރުދާސްތުކުރަން އަރޫޝާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
ބައްޕާއެވެ. މި ނުބައި ދުނިޔެއަށް އަހަރެން އެކަނި ދޫ ކޮށްފައި ދިޔައީ ހެއްޔެވެ؟ ބައްޕަ ނެތުމުގެ ފަޅުކަން މުޅި އުމުރަށް ވެސް އަހަރެންގެ ހަޔާތުގައި ވާނެއެވެ. ބައްޕަ ނެތް ދުނިޔެ އެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ވެސް ނޫނެވެ. އަހަންނާމެދު ބައްޕަ ތާއަބަދު ފިކުރު ކޮށްކޮށް ހުރެ، މިއަދު މުޅި އުމުރަށް ލޯ މަރާލީ ހެއްޔެވެ؟ ނޫނެކެވެ. އެނބުރި އަންނާށެވެ. ބައްޕާއެވެ. ތެދުވާށެވެ. އަހަރެން އަދިވެސް ބައްޕަ ބޭނުމެވެ.
އަރޫޝާގެ ހިތަށް އަރާ ފައިބަމުންދާ ޝަކުވާތަކާއެކު މަހާނައާ ދިމާލަށް އޭނާއަށް ހިނގައިގަނެވުނެވެ. އެ ވަގުތު މީހަކު އައިސް އޭނާއާ ދާދި ގާތުގައި ހުއްޓިއްޖެއެވެ. އެއީ ދުވަހަކުވެސް އަރޫޝާއަށް ފެނިފައި ނުވާ މޫނެކެވެ. ނުދަންނަ ފަދަ ގޮތަކަށް އަރޫޝާ އޭނާގެ މޫނަށް ބަލަން ފެށިއެވެ.
"އަރޫޝާ!" އޭނާ ގޮވާލިއެވެ.
އެ އަންހެން މީހާ އަރޫޝާގެ އަތުގައި ހިފައި ގަބުރުސްތާނުން ނެރުނު އިރުވެސް އަރޫޝާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ގަބުވެފައެވެ. އާރެއްބާރެއް ނެތް މީހަކު ފަދައިން އަރޫޝާ އޭނާއާ އެކު ދިޔައެވެ. ކުއްލިއަކަށް އަރޫޝާގެ ލޮލުގައި އަޅައިގަތީ ރިޒާބެއެވެ. އެއީ މާ ކުރިއްސުރެ ބައްޕަގެ ގާތް ރައްޓެއްސެއްކަން އަރޫޝާއަށް އެނގެއެވެ. ދެ އަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް ބައްޕަ ގާތަށް ރިޒާބެ އަބަދުވެސް ޒިޔާރަތް ކުރިއެވެ. އެހެންވެ އަރޫޝާއަށް ރިޒާބެ އަލެއް ނުވިއެވެ.
"ދަރިފުޅާ އަރޫޝާ" އަރޫޝާގެ ބޮލުގައި ފިރުމާލަމުން ރިޒާ ގޮވާލިއެވެ.
ރިޒާގެ އަންހެނުން މަދީހާ ވެސް އަރޫޝާގެ ހިތާމަތަކަށް ލުޔެއް ހޯދައިދެވޭތޯ އޭނާއަށް ވިސްނައިދެމުން ދިޔައެވެ.
"އަހަރެން ކެތްކުރާނީ ކިހިނެއް؟ މި ދުނިޔޭގައި ދެން އަހަރެންގެ ހުރީ ވަކި ކާކު؟ " އަރޫޝާ ބުންޏެވެ.
"އަހަރެން މި ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެންގެ އެކުވެރިޔާގެ ދަރިފުޅު އެކަނިވިޔަކަ ނުދޭނަން." ރިޒާ ބުންޏެވެ.
އޭރު މަދީހާވެސް ހުރީ އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލަޖަހާލައެވެ.
ނުދަންނަ އާއިލާއެއް ގާތަށް އަންނަން ޖެހޭތީ އޭނާއަށް ކުރެވެމުން ދިޔައީ ބީރައްޓެހިކަމުގެ އިހުސާސެވެ. ހިތުގައިވާ ހިތްދަތިކަން މޫނުމަތިން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އޭނާގެ މޫނުމަތީގައި ހިތްހަމަ ޖެހުމުގެ އެއްވެސް ކުލައެއް ނެތެވެ. މިލާމޯޅިވެފައިވާ މޫނާއި ވަރުބަލިވެފައިވާ ދެލޮލުން ހާމަވަނީ ދުނިޔެމަތިން ފޫހިވެފައިވާކަމެވެ.
މަކުނުދޫ ފަޅަށް ލޯންޗް ވަނުމާއެކު އަރޫޝާއަށް ރަށުގެ މަލަމައްޗަށް ނަޒަރު ހިންގައިލެވުނެވެ. އާނުގަނޑު މަތީގައި މަސްބާނަން ތިބި ދެ ތިން މީހުން ފެނި، ބައްޕަގެ ހަނދާންތައް އަނެއްކާވެސް އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ. ނަމަވެސް ކަރުނައިގެ މައްޗަށް ހިތް ގަދަކޮށް އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
ލޯންޗް ޖެޓީއާ ގާތް ކުރުމާއެކު ދުރުން އައި ބަގީ ޖެޓީ ކައިރީ މަޑުކޮށްލިއެވެ. ރިޒާވެސް އަވަސް އަވަހަށް ގޮސް ލޯންޗުގެ ކުރީކޮޅުގައި ހުއްޓިއްޖެއެވެ.
"އެ ސޮރު އައީތަ؟" މަދީހާ ގޮވާލީ ރިޒާއަށް އަޑު އިވޭހާ ބާރަށެވެ.
ނަމަވެސް ރިޒާގެ ޖަވާބެއް ނުލިބުމުން އަރޫޝާ ގާތު އަންނާށޭ ބުނެ، މަދީހާ ތެދުވެއްޖެއެވެ. ލަދުން ހުރެ، އަރޫޝާވެސް ތެދުވެ ހިނގައިގަތެވެ. ލޯންޗުން މަދީހާ ފޭބުމާއެކު އަރޫޝާއާ ދިމާލަށް ދިއްކޮށްލި އަތަށް އޭނާއަށް ބަލައިލެވުނެވެ. އަދި އަވަސް އަވަހަށް އިސް އުފުލައިލެވުނެވެ. އެއީ ޒުވާން ފިރެހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. އަރޫޝާގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރި އިރު، އެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދެއެވެ. އޭނާގެ އަތުގައި ހިފަން ބޭނުން ނުވި ނަމަވެސް، ދިޔަވަރު ހިކި ވަގުތެއް ކަމުން ޖެޓީއަށް އަރަން ފަސޭހަ ނުވާނެކަން އަރޫޝާއަށް އެނގުނެވެ. ހިންދިރުވާލަމުން އޭނާ ޒުވާނާގެ އަތުގައި ހިފިއެވެ.
"ދަރިފުޅު ދޭ މި އެއްޗެހި ހިފައިގެން ގެއަށް. މަންމަ މިދަނީ އަރޫޝާ ގޮވައިގެން." ކުއްލިއަކަށް އަރޫޝާގެ ކަންފަތުގައި ޖެހުނީ މަދީހާގެ އަޑެވެ.
އެ ވަގުތު އޭނާއަކީ މަދީހާގެ ދަރިއެއްކަން އަރޫޝާއަށް އެނގުނެވެ. އޭރުވެސް އަރޫޝާގެ ކުރިމަތީގައި ސިފަވަނީ އޭނާ އަރޫޝާއަށް ބަލައިލި ގޮތެވެ. އެ ނަޒަރުގައި ތަފާތުކަމެއް ހުރިކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ.
ގެއަށް ދެވުނު އިރު ވެސް ހުއްޓާނުލައި މަދީހާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ދޫ ހަރަކާތްކޮށްލާނެ ހިތްވަރުވެސް އަރޫޝާގެ ނެތް ކަހަލައެވެ. ބައްޕައާއެކު ދިރިއުޅުނު ފަސްގަނޑު ދޫކޮށް އެހެން ރަށަކަށް ދާން ޖެހުމުގެ ހިތްދަތިކަން ވެސް އަރޫޝާ ދަނީ ތަހައްމަލް ކުރަމުންނެވެ. ނަމަވެސް މިއަދު އޭނާގެ ފައިގައިވަނީ މަޖުބޫރީގެ ކަސްތޮޅު އެޅުވިފައިކަން ހުދު އޭނާ ގަބޫލު ކުރެއެވެ.
އެނދުމަތީގައި އޮތް ރަތްކުލައިގެ ކޭކަށް ބަލަހައްޓައިގެން ޒައިނާ އިނީ ރުޅިގަދަ ވެފައެވެ. ހެޑްބޯޑުގައި ބޯ ޖައްސާލުމަށްފަހު އޭނާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ. ރަތްކުލައިގެ ކަރުދާހުން ޕާރްސަލް ކޮށްފައި އޮތް ކުޑަ ފޮށިގަނޑަށް އިރުއިރުކޮޅުން އޭނާއަށް ބަލައިލެވެއެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލައިލުމަށްފަހު ފުންމައިގެން އޭނާ ތެދުވިއެވެ. އަވަސް އަވަހަށް މާނޭވާ ލަމުން ގޮސް، އެނދުމަތީގައި އޮތް ޕާރްސަލް ނަގައި ދޮރުބުޑަށް ހޫރާލިއެވެ. ވަގުތަކީ ބޭރުން އައިސް ނަދީމް ދޮރު ހުޅުވާލި ވަގުތެވެ.
ނަދީމް ފެނުމާއެކު ދެ އަތް އުރާލުމަށްފަހު ޒައިނާ ފުރަގަސްދީ ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. ހިނިތުން ވެލަމުން ނަދީމް އެތެރެއަށް ވަދެ، ދޮރު ލައްޕާލިއެވެ. އަދި ފައި ކައިރީގައި އޮތް ޕާރްސަލް ނެގުމަށްފަހު ޒައިނާގެ ފުރަގަހުގައި ހުއްޓުނެވެ.
"ހޫމް... ހާދަ މީރު ވަހެކޭ." ނަދީމް ބުނެލިއެވެ.
"ގަޑިއަށް ނައީމަ އަހަރެން މި ހުރީ ވަރަށް ރުޅި އައިސްފައި." ޒައިނާ ބުންޏެވެ.
"ކޮންއިރަކު ޒައި ރުޅި ނައިސް ހުންނަނީ؟" ސަމާސާ ރާގަކަށް ނަދީމް ބުނެލިއެވެ. އެއާއެކު ޒައިނާ އަވަސް އަވަހަށް އެނބުރުނެވެ.
"ދެން ނަދީމޫ. ވަރަށް ފޫހިވޭ. އަބަދުވެސް އަހަރެން ރުޅި އަރުވާނީ." ޒައިނާ ބުންޏެވެ.
"އޯހް. އަދި ކޭކް މި ފެނުނީ. ވަރަށް ސަޕްރައިޒް ވެއްޖެ." ޒައިނާގެ ގައިގައި ބައްދާލަމުން ނަދީމް ބުންޏެވެ.
އެ ހިނދު ޒައިނާގެ ދޮންދޮން މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ދެ މީހުން އެކުގައި ގޮސް އެނދުގައި އިށީނީވެސް އެކަތިގަނޑަކަށްވެ ތިބެއެވެ.
"ހެޕީ ސެކަންޑް އެނިވާރސަރީ،" ޒައިނާ ބުނެލިއެވެ.
"އަބަދުވެސް އެނިވަރސަރީ ފާހަގަ ކުރާނީ ޒައި. އަހަރެން ހުންނާނަން މިހެން ސަޕްރައިޒް ވާން. ވަރަށް އުފާވެއްޖެ." ނަދީމް ބުންޏެވެ.
"އަހަރެމެން ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ވީ ހެން ހީވެސް ނުވެ ދޯ. ޒައިގެ މަންމަމެން ބުނީ އަވަހަށް މެރީ ކުރަން އުޅޭށޯ." ކަތި ނަޒަރަކުން ނަދީމްއަށް ބަލައިލަމުން ޒައިނާ ބުންޏެވެ.
"ޒައި ގާތު ބުނީމެއްނު މަންމަމެންނަށް ވިސްނައިދޭށޭ ކޯސް ނިންމާފައޭ އަހަންނަށް ކައިވެނި ކުރެވެން އޮތީ." ނަދީމްގެ މޫޑު ބަދަލުވިކަން ޒައިނާއަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް ޒައިނާ ހުރީ ނަދީމްގެ މޫޑު ރަނގަޅު ކުރާ ކަހަލަ ގޮތަކަށް ނޫނެވެ.
"ޒައި ބުނަމޭ ތިހެން ވެސް. އެކަމަކު ކޯސް ނުނިމުނަސް އޯކޭ ވީމަ އެއްނޫންތަ މަންމަމެން އެހެން އެ ބުނަނީ. އެހެން ނޫނަސް ނަދީމްއަށް އެނގޭނެ ކައިވެނި ކޮށްގެން ވެސް އަހަރެން ދިރިއުޅޭނީ އަހަރެންގެ ގޭގައިކަން. ނަދީމް ޖޮބަކަށް ނުދިޔަޔަސް އަހަރެންގެ މައިންބަފައިން އަހަރެމެން ދެ މީހުންނަށް ވެސް ހަރަދު ކުރާނެކަން." ޒައިނާ ބުންޏެވެ.
އެ ވާހަކަތައް އަޑު އަހަން އިނދެ، ޒައިނާގެ އަތުން ދޫ ކޮށްލުމަށްފަހު ނަދީމް ކޮޅަށް ތެދުވެ، ފުން ނޭވާއެއް ދޫކޮށްލިއެވެ.
" އަހަންނަށް ތިކަން އެނގޭ. އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތް ނޫންކަން ޒައިއަށް ވެސް އެނގެއެއްނު. އަހަރެންގެ އަނބިމީހާގެ ހަރަދުތައް ބަލަހައްޓާނީ ހުދު އަހަރެން. ކޯސް ނިމެންދެން މަޑުކޮށްލަބަލަ ދޫނި." ނަދީމް ބުންޏެވެ.
"ތި ދުވަހެއް އަންނާނެތަ؟ ކޯސް ނިމެން އަދިވެސް އެބައޮތް ހައެއްކަ މަސް. އެހެން ނޫނަސް ނަދީމް އަދިވެސް ނަދީމްގެ މަންމަމެން ގާތު އަހަރެމެން ދެ މީހުންގެ ގުޅުމުގެ ވާހަކައެއް ނުބުނެ. ބައެއް ފަހަރު ހިތަށް އަރާ އަނެއްކާ ސީރިއަސް ނުވަނީ ބާވައޭ؟" ރުޅިގަދަވެފައި ޒައިނާ ބުންޏެވެ.
"ޒައިގެ ވާހަކަ އަހަރެން ބުނާނީ ކައިވެނި ކުރަން ވީމަ. މިހާ އަވަހަށް ބުނީމަ، ކަމަކު ނުދާނެ. އަހަރެން ކިޔެވުމަށް ސަމާލުކަން ނުދީފާނެތީ ދެން އަބަދު ލެކްޗަރ އަޅާނީ. ކޯސް ނިންމާފަ ރަށަށް ގޮސް އަހަރެން ބުނާނަމޭ." ނަދީމް ބުންޏެވެ.
"ނުބުނިއްޔާ އަހަރެން ހަމަ އެހެން މީހަކާ އިންނާނީ." ޒައިނާ ބުންޏެވެ.
ޒައިނާގެ ޖުމްލައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ނަދީމް އަވަސް އަވަހަށް ޕާރްސަލް ކަނޑާލިއެވެ.
" ކްލެވެންޓީ ގަޑިއެއް؟" އުފާވެރި ކަމަށް ވުރެ ނަދީމްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.
ހެވިފައި ހުރެ، ޒައިނާ ނަދީމްގެ އަތުގައި އެ ގަޑި އަޅުވައިދިނެވެ.
"ނަދީމްއަށް މީގެ ގަޑިއެއް ގަނެވޭނީ އަދި ކިހާ ދުވަހެއް ފަހުން؟ އަހަރެން އަބަދުވެސް ބޭނުންވަނީ އަހަރެންގެ ނަދީމް ވަރަށް ފިރެހެންވަންތަކޮށް ފެންނަން. އެހެންވެ އަހަރެން މި ބްރޭންޑް ޗޫޒް ކުރީ." ޒައިނާ ވާހަކަ ދެއްކީ ނަދީމްގެ އަތުކުރީގައި އޮތް ގަޑީގައި ފިރުމަމުންނެވެ.
" ބްރޭންޑެޑް ގަޑިއެއް އޮތީމަތަ ފިރެހެންވަންތަ ވަނީ؟ " ޒައިނާގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން ނަދީމް ބުންޏެވެ. އޭނާއަށް ބުނެވުނީ "ރޫޑް" ރާގަކަށެވެ. އެއާއެކު ޒައިނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ.
" ނަދީމް އަނެއްކާވެސް މަށާ މެދު ނުބައިކޮށް ވިސްނަން ފެށީތަ؟ އަހަރެން މި ބުނީ އަތުގައި ގަޑިއެއް އޮތީމަ ޑީސެންޓްވާނެ ވާހަކަ. ނަދީމް ތި ހުންނަނީ ޖޮބްއަށް ގޮސް ފައިސާ ލިބުނީމަ ނޫނީ މިވަރުގެ އެއްޗެއް ވެސް ނުގަންނަން. އަހަރެން މިހެން މި ކިޔަނީ ކޮންމެހެން އަހަރެންގެ މުއްސަނދިކަން ދައްކާކަށް ނޫނޭ. އަހަރެން ނަދީމް ދެކެ ވާ ލޯބި އެނގޭ ނަމަ..." ޒައިނާއަށް ރޮވިއްޖެއެވެ.
އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ނަދީމަ ޒައިނާއާ ގާތަށް ޖެހިލިއެވެ. އަދި ޒައިނާގެ ދެ ކޮނޑުގައި ހިފައި، ގެނެސް އެނދުގައި ބޭންދިއެވެ.
" އޯކޭ. އެކަމަކު މިހާ އަގުބޮޑެތި އެއްޗެހި އަހަރެންގެ ފަރާތުން ޒައިއަށް ދޭން ނުލިބޭ އިރު ޒައިގެ ފަރާތުން މި ކަހަލަ އެއްޗެހި ލިބޭތީ އަހަރެން ވަރަށް ލަދުގަނޭ. ދެރަވެސް ވޭ." ނަދީމް އިސްޖަހާލިއެވެ.
" ދެން ނަދީމް. ތިހެން ނުވިސްނަބަލަ. އަހަރެން ނަދީމްދެކެ ހާދަ ލޯބި ވަމޭ. " އަސަރާއެކު ޒައިނާ ބުނެލިއެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލަހަައްޓައިގެން އިންދާ، ނަދީމްގެ ކޮނޑުގައި ޒައިނާ ބޯ އަޅާލިއެވެ. އެއާއެކު ނަދީމްއަށް ވެސް ހިނިތުންވެވުނެވެ.
މަޣްރިބް ނަމާދުކޮށް އަވަދި ވެގެން އަރޫޝާ ނިކުތީ ސިޓިންރޫމަށެވެ. ހަތަރު ކޮޓަރީގެ އެ ބޮޑު ގޭގެ އެކި ދިމަދިމާލަށް ބަލަމުން އޭނާ ބޭރަށް ނިކުތެވެ. ބަގީޗާ ގަސްތަކުން ގޯތިތެރެ އޮތީ ފުރިފައެވެ. ގެއަށް ވަދެގެން އައި އިރު ވެސް އޭނާގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވީ އެ މާ ގަސްތަކެވެ. ތަންކޮޅަކަށް ހިނގާލުމާއެކު އުސްކޮށް ރާނާފައި ހުރި ވަށާފާރުގެ ބުޑުގައި ހުރި ހަތަރު ގޮޅީގެ ޖޯލިފަަަައްޗެއް ފެނިއްޖެއެވެ. ތަންކޮޅެއް ބާރަށް ގޮސް އޭނާ ޖޯލީގައި އިށީނދެލިއެވެ. ހަމަ އެ ވަގުތެވެ. ދޮރާށި ހުޅުވުނު އަޑަށް އަރޫޝާއަށް ބަލައިލެވުނެވެ.
އެތެރެއަށް ވަދެގެން އައީ ކުރިން ވެސް ބައްދަލްވި ޒުވާނާއެވެ. އަރޫޝާ ފެނުމާއެކު އޭނާ ހުރި ފިޔަވަޅުމަތީ ހުއްޓުނެވެ. އޭނާގެ ނަޒަރު ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެ ވަގުތު އަރޫޝާގެ ހިތުގެ ވިންދު އަވަސް ވެއްޖެއެވެ. ކުޑަކޮށް ގޭ ތެރެއަށް ނަޒަރު ހިންގާލުމަށްފަހު އޭނާ އަނެއްކާވެސް އަރޫޝާއާ ދިމާލަށް ބަލައިލިއެވެ.
"މި...މި ގަޑީގަ ބޭރުގައި އިންނާކަށް ނުވާނެ. އެތެރެއަށް ވަންނަން ވީނު." އޭނާ ބުންޏެވެ.
އެ އަޑު އިވުނު ނަމަވެސް އަރޫޝާއަށް އިނދެވުނީ ތެދުވަން ނުކެރިފައެވެ. އިސްޖަހާލި ގޮތަށް އޭނާ އިނީއެވެ.
"ދާއިން؟" ކުއްލިއަކަށް އިވުނީ މަދީހާގެ އަޑެވެ.
އެ އަޑަށް އަރޫޝާއަށް ވެސް ކޮޅަށް ތެދުވެވުނެވެ. ދާއިން ވެސް އަވަސް އަވަހަށް އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"މިސްކިތަށް ނުވަދެ ދޯ ތި އައީ؟" މަދީހާ ބުނެލިއެވެ. ރުންކުރު ގޮތަކަށެވެ.
"ނަމާދު ކޮށްގެން މިއައީ. " ދާއިން ބުނެލީ ހިތްހަމަ ނުޖެހޭ ރާގަކަށެވެ.
އެ ދެ މައިންގެ ވާހަކަ އަޑުއަހަން އަރޫޝާ ހުރީ ބޭރުގައެވެ.
"ވަލުގައި ހުރި ދަރުތައް ނެރެގެން ގެއަށް ގެނެސްދެއްޗޭ ބައްޕަ ބުނެފައެއްނު އެ ރަށަށް ދިޔައީ. ކީއްވެ ދާއިންއަށް އެކަން ނުވީ؟ ބައްޕަ ހުރީ ވަރަށް ރުޅި އައިސް." މަދީހާ ބުންޏެވެ.
"އަހަރެން ދިޔައީމޭ އެތަނަށް. އަހަންނަށް އެކަނި ނެރެވޭ ވަރަށް ވުރެ މާ ގިނައިން ހުރީމަ ގެއަށް އައީ. މަންމައަށް ވެސް އެނގޭނެ އެއީ އެކަނި މީހަކަށް ވާނެ ކަމެއް ނޫންކަން. އަހަންނަށް ޔަގީން ބަގީގައި ފަސް ބުރުން ވެސް އެ ދަރުތަކެއް ނުގެނެވޭނެކަން." ދާއިން ވާހަކަ ދެއްކިއެވެ.
"ދެން ކީއްކުރަން ބަގީ އަތުލައިގެން ތި އުޅެނީ؟ އެވަރުގެ ކަމެއް ކޮށް ނުދެވެންޏާ ބަގީ ތަޅުދަނޑި ގެނޭ. ބަގީއަށް ލިބޭ ލާރިއަށް ވެސް ދާއިން ހަދާ ގޮތެއް ނޭނގެ." މަދީހާ ބުންޏެވެ. ރުޅިގަދަ ވެފައި ހުރެއެވެ.
މަންމަގެ ރުޅިވެރި އަޑުން ދައްކަމުން ދާ ވާހަކަތައް އަޑުއަހަން ސޯފާގައި އިން ދާއިން ފުންމައިގެން ތެދުވެ، ޖީބުން ތަޅުދަނޑި ނެގިއެވެ. އަދި އޭނާގެ މަންމަގެ އަތުގައި ހިފައި އަތުގެ ތެރެއަށް ތަޅުދަނޑި ލައިދިނެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ފެންކަޅި ވެފައެވެ. ދާއިންއަށް ކޮށްފައި ހުރި އަސަރު އޭނާގެ މޫނުމަތިން ހާމަވަމުން ދެއެވެ.
ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން ދިޔަ ދޮރާއްޓަށް ބަލަން އޭނާއަށް ހުރެވުނީ ކަންބޮޑުވެފައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!