ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު، ޙަރާމްވެގެންވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަން'' އެވެ.
މިއަދުގެ ޚުތުބާގެ މުހިންމު ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.
އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ
ﷲ تعالى މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިވާއިރު، އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭއެވެ. ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވައެވެ. މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސް އުޅެއެވެ. ''އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ!''
ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދެއެވެ. ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެއެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا (އަލް އިސްރާ 32) މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއް
ޒިނޭ އަކީ ޙައްދު ކަނޑައެޅިފައިވާ ކުށެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ (ނޫރު 2) މާނައީ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާ (މުޙުޞަނަކު ކަމުގައި ނުވާނަމަ) ދެ މީހުން ކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ﷲއަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، ﷲގެ دينގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمنންގެ ބަޔަކު ދެކޭހުށިކަމެވެ."
ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅެއެވެ. އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެކެވެ. މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށެވެ. އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ.
މާތް ﷲ ރުއްސުންލެއްވި އަބްދު ﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި رسول الله صلى الله عليه وسلم ގެ އަރިހުގައި ތިމަން ދެންނެވީމެވެ. އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ތިބާ ހައްދަވައިފައިވާ ހިނދު، އެކަލާނގެއަށް ޝަރީކުކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަޤީރުވެދާނެކަމަށް ބިރުން، ތިބާގެ ދަރިން މެރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "ތިބާގެ އަވަށްޓެރިއާގެ އަނބިމީހާއާ ޒިނޭކުރުމެވެ." އަދި ވެސް ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (مَا ظَهَرَ فِيْ قَوْمٍ الرِّبَا وَالزِّنَى إِلَّا أَحَلُّوا بِأَنْفُسِهِمْ عِقَابَ اللهِ عَزَّ وَجَلَّ) "ބަޔެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެ ނަމަ، އެ ބަޔަކު އަމިއްލައަށް އެ ބަޔެއްގެ މައްޗަށް އަރަހުށި ﷲގެ ޢަޛާބު ވެރިކުރުވައިފިއެވެ."
ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ
ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނައެވެ. އެއީ ނުރައްކާތެރި ބަލިތަކެކެވެ. ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނެއެވެ. ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެކެވެ.
ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެގެންނެވެ. ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެންނެވެ. މާތް ﷲ މި ކަމުގެ އިން ބަޔާންކުރައްވައި ވަޙީކުރައްވައިފައި ވެއެވެ. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ، لَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ، فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ (އަލް މުމުމިނޫން 5-7) ''އަދި އެއުރެންނީ، އެއުރެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެ ކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ."
މި ކަމަށް އިންޒާރު ދެއްވަމުން ލޮބުވެތި ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (لَـمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَـمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِيْنَ مَضَوْا މާނައީ: "ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ބަޔެއްގެ ތެރޭގައި ފާޅުވެ، އެ ކަންތައްތައް ފާޅުގައިކޮށް އެ މީހުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، އެ މީހުންގެ ކުރީގެ މީހުންގެ ތެރެއަށް ފާޅުވެފައި ނުވާ ޠާޢޫނާއި ވޭންދެނިވި ބޮޑެތި ބަލިތައް ފާޅުނުވެ ނުދާނެތެވެ." ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޒިނޭއާއި ފާޙިޝްޢަމަލުތަކުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ!''
ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތު
ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނެވެ. އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެންނެވެ. ކީރިތި رسول الله صلى الله عليه وسلم ގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ. ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެކެކެވެ. ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ޤަބޫލު ކުރައްވައެވެ.
ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން
ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވައެވެ. އެއް ދުވަހު ކީރިތި رسول الله صلى الله عليه وسلم ގެ އަރިހަށް ޒުވާނަކު އައިސް ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ތިމަންނާ ޒިނޭކުރުމަށް ހުއްދަދެއްވާށެވެ! އެ ހިނދު މީސްތަކުން އޭނާ ވަށައިލައި އޭނާއަށް ޢައިބުގެ ބަސްތައް ރައްދުކުރަމުން ބުންޏެވެ. "ތިބާ ތިޔަވާހަކަ ނުދައްކައި ހަނު ހުންނާށެވެ!" ދެން ކީރިތި ރަސޫލާ z އެ ޒުވާނާއަށް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!" ދެން އޭނާ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އަދި އެތާނގައި އިށީނެވެ. އިތުރު އެކަލޭގެފާނު އޭނާއަށް ހަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައާ އެކު މީހަކު ޒިނޭކުރުމަށް ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ އަންހެންދަރިފުޅު ޒިނޭކުރާން ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ އުޚުތާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އުޚުތުންނާ އެކު މީހަކު ޒިނޭ ކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ ބަފާފުށު ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ ބަފާފުށު ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ މައިފުށުގެ ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އެއަށްފަހު ކީރިތި رسول الله صلى الله عليه وسلم ޒުވާނާގެ ގައިގައި އަތްޕުޅު އަޅުއްވައިފައި ދުޢާ ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ޒުވާނާގެ ފާފަ ފުއްސަވައި، އޭނާގެ ހިތް ޠާހިރުކުރައްވައިފާނދޭވެ! އަދި އޭނާ ޢިއްފަތްތެރިކުރައްވައިފާނދޭވެ!" އޭގެ ފަހުން އެ ޒުވާނާ ދުވަހަކު ވެސް އެފަދަ ކަމަކާ މެދު ނުވިސްނައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!