މެރިއަޓް އިންޓަނޭޝަނަލްގެ ޑޭޓާ ބްރީޗްތަކާ ގުޅިގެން މެރިއަޓް އިންޓަނޭޝަނަލް ހޮޓެލް ޗެއިނަށް ބޮޑެތި ޖޫރިމަނާތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ އެ ކުންފުނީގެ 344 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންގެ މަޢުލޫމާތު ހާމަވި ގިނަ ޑޭޓާ ބްރީޗްތަކަކާ ގުޅިގެން ކުރިމަތިވި މައްސަލައެކެވެ.

އެމެރިކާގެ 50 އެޓަރނީ ޖެނެރަލުންގެ ގްރޫޕަކާއެކު 52 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް މެރިއަޓް އައިސްފައިވެއެވެ. ކަނެކްޓިކަޓްގެ އެޓަރނީ ޖެނެރަލް ވިލިއަމް ޓޮންގް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ 131.5 މިލިއަން ހޮޓެލް ކަސްޓަމަރުންގެ މަޢުލޫމާތު ހާމަވެފައިވެއެވެ.

Ad
rt
މީގެ އިތުރުން، ފެޑެރަލް ޓްރޭޑް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މެރިއަޓް އަދި އޭގެ ސަބްސިޑިއަރީ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިން އައު އިންފޮމޭޝަން ސެކިއުރިޓީ ނިޒާމެއް ތަންފީޒުކުރަން ޖެހޭނެއެވެ. މި ނިޒާމުގެ ދަށުން ޑޭޓާ މިނިމައިޒޭޝަން، ލޯޔަލްޓީ ޕްރޮގްރާމްތަކަށް އެކައުންޓް ރިވިއު ޓޫލްސް، އަދި މެހުމާނުންނަށް އެމީހުންގެ އަމިއްލަ މަޢުލޫމާތު ފުހެލުމަށް އެދެވޭނެ ލިންކެއް ހިމެނެއެވެ.
މިއަދުގެ މި އެއްބަސްވުންތަކުގެ އަމާޒަކީ 2014 އާއި 2020 އާ ދެމެދު މެރިއަޓް އަދި ސްޓާވުޑްގައި ހިނގި ވަކިވަކި ތިން ޑޭޓާ ބްރީޗްއެވެ. މި ބްރީޗްތަކުގައި ނުރަނގަޅު ނިޔަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ޕާސްޕޯޓު މަޢުލޫމާތު، ޕޭމަންޓް ކާޑު ނަންބަރުތައް، ލޯޔަލްޓީ ނަންބަރުތައް، އުފަން ތާރީޚްތައް، އީމެއިލް އެޑްރެސްތައް އަދި އެހެނިހެން އަމިއްލަ މަޢުލޫމާތުތަކަށް ވާސިލުވެވުނެވެ.
ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި މި ދެ ވިޔަފާރިއަށް ސައިބަރ ސެކިއުރިޓީގެ މައްސަލަތައް ދިމާވަމުން އައިސްފައިވެއެވެ. މީގެ ތެރޭގައި ހެކަރުން "ސޯޝަލް އިންޖިނިއަރިންގ ޓެކްނިކްސް" ބޭނުންކޮށްގެން މުވައްޒަފެއްގެ ކޮމްޕިއުޓަރަށް ވަދެ 20ޖީބީގެ ކަސްޓަމަރ ޑޭޓާ ވަގަށްނެގި ހާދިސާވެސް ހިމެނެއެވެ. އަދި 2019 ގައި ޕިރަމިޑް ހޮޓެލް ގްރޫޕަށް ދިމާވި ބޮޑު ހަމަލާގައިވެސް މެރިއަޓް ހިމެނުނެވެ.