ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެންގުޅުއްވާ އަމާޒަށް މިއަހަރުގެ ނޮވެމްބަރު މަހުގެ މެދަކާއި ހަމައަށް ދާއިރު ވާސިލްވެވި، 75،000 މެންބަރުން އެ ޕާޓީއަށް ހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ބޮޑު ހަރަކާތުގެ ތެރެއިން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އަބުދުއްރަޙީމް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

މި ހަރަކާތުގެ ތެރެއިން މިހަރަކާތް ފެށުނީއްސުރެ މި މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާ އަބުދުއްރަޙީމް، ހުޅުމާލޭގައި ހުންނަވައި އަމިއްލަ ޓީވީޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

''މިހާތަނަށް އައިއިރު އިރާދަކުރެއްވީ ރައީސްގެ އަމާޒަށް، އެމަނިކުފާނު ކަނޑައެޅުއްވި މުއްދަތަށް ވާސިލްވެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް، މިއަދާއި ހަމައަށް އަޅުގަނޑުމެން ހިސާބު ބަލާލާއިރު 60 ހާހަށްވުރެ މައްޗަށް އަޅުގަނޑުމެންގެ އަދަދުތައް މައްޗަށް ހިނގައްޖެ މިހާރު،'' އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވޯ، ރައީސް މުޢިއްޒު ބޭނުންފުޅު ވަނީ މި އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހާއި ހަމައަަށް ދާއިރު، ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުންގިނަ ޕާޓީއަށް ހައްދަވައި، އެ ޕާޓީއަކީ 75 ހާސް މެންބަރުން ތިބި ޕާޓީއަކަށް ހައްދަވަން ކަމަށެވެ.

''އެ އަމާޒަށް ދެވޭނެކަމާމެދު އަޅުގަނޑުމެންނަށް މިހާރަކު އެއްވެސް ސުވާލެއްނެތް، ޔަގީންކަމާއެކު ދަންނަވަންކެރޭ މިއަހަރުގެ ނޮވެމްބަރުމަހުގެ މެދަކާއި ހަމައަށްދާއިރު، އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީ ވެގެންދާނީ 75 މެންބަރުންތިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް'' އަބުދުއްރަޙީމް ވިދާޅުވެފަވެއެވެ.

އަބުދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރުމުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެންބަރުން ވަދެފައިނުވާކަމަށާއި، އެހެންކަމުން ޕީއެންސީއަށް އެހާ ގިނަ މީހުން ވަނުން ދޭހަކޮށްދެނީ ރައީސް މުޢިއްޒުގެ ސިޔާސަތަށް ރައްޔިތުން ތާއީދުކުރާ މިންވަރުކަމަށް ކަމަށެވެ.

އަބުދުއްރަޙީމް ވަނީ އެމަސައްކަތުގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ކުރަމުން ގެންދަވާ މަސައްކަތް ފާހަގަކުރަށްވާފައެވެ. އަދި ޕާޓީގެ ވަޒީރުންނާއި އެހެނިހެން ގުނަވަންތަކުގެ މެންބަރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރަށްވައި، އަބުދުއްރަޙީމް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.