މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުގެ ޒުވާނުންގެ ޖީލަކީ ޖެންޒީގެ ވިސްނުންތައް ކަމަށާއި، މި ޖީލުގެ ތަޖުރިބާތައް އޭގެ ކުރީގެ ޖީލުތަކާ އިންތިހާޔަށް ތަފާތު ކަމަށެވެ. އަދި އަދުގެ ޖީލު ވިސްނާގޮތާއި، ފިކުރުކުރާ ގޮތްތައް ވެސް ތަފާތު ކަމަށެވެ.
ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި، އެކި ކަހަލަ ކުރިއެރުންތައް، އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރަށްވަމުން އޭގެ ތެރޭގައި، އިސްތިޢުމާރީ ޙަރަކާތްތަކުގެ ދައުރު ކުޑަ ނޫންކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި ދުނިޔޭގައި ހިނގާ ސިޔާސީ އިޤްތިޞާދީ އެކިއެކި އޮއިވަރުތަކުގެ ރޯލުވެސް ވަރަށް ފުޅާކަން ފާހަގަކުރަށްވައި، މި ބަދަލުތަކުގެ ތެރެއިން، ޖެންޒީއަކީ ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ، ލުއި އަވަސް ގޮތްތައް ފަހިވި ޖީލުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މިއަދު އަޅުގަނޑުމެން ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރަމުން ދާއިރު، މިކަންކަމަށް ވެސް ވިސްނާލަން ޖެހޭކަމަށާއި، މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށްޓަކައި، މިޒުވާން ޖީލުގެ ވިސްނުމާ ގުޅުވައިލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
''ދިވެހީންގެ ތާރީޚާއި، ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް ޙަޤީޤަތްތައް، އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަޚްޞިއްޔަތާއި، ދިވެހި ޤައުމިއްޔަތަކީ، އެ ޒުވާނުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ. ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ތިމަންނާއަކީ ވެސް މި ޤައުމާ އެއްކޮޅަށް ބަސްބުނާން، މި ޤައުމުގެ ތަރައްޤީއަށްޓަކައި ދާ އޮހޮރުވާން ހުރި ޒުވާނެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް، ކަމަރު ބަންނަ ޒުވާނަކަށް ހެދުމުގެ ޤައުމީ، ދީނީ މަސައްކަތް ކުރަން އެބަ ޖެހޭ.'' ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭކަމަށާއި، ޚާއްޞަކޮށް، އަޚްލާޤީ ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވިގޮތުގައި ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''ދުނިޔޭގެ ވަޔާއި އޮޔާއެކު، އެ ބަޔަކަށް އަމާޒު ދައްކައިދޭ އާރުކާޓީއަކަށް އޭރުން ވާނީ ޝައިޠާނާ. ނުވަތަ އިންސާނާގެ ހަވާ ނަފުސު. މި ޙަޤީޤަތަށް ބަލާއިރު، މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުން. ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަޖެހޭ. އީމާނާއި ބުއްދިޔާއި ޢަމަލު އެއްފަސްކުރަން އެބަޖެހޭ.'' ރައީސް ވިދާޅުވިއެވެ.
މި ކަމަށްޓަކައި މާތްވެގެންވާ އިސްލާމްދީން، އޭގެ ޙަޤީޤީ މާނައިގައި އުނގަންނައިދީ، މި މާތް ދީން ފޮނުއްވުނު މަތިވެރި މަޤުޞަދާ އެއްގޮތަށް، އެ ކަންކަން ދަސްކޮށްދޭން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިކަންކަމަށް ޢަމަލީ ގޮތުން ޒުވާނުން ހާނަން ޖެހިފައިވާ ކަމަށާއި، މިގޮތުން ދީނަކީ ގަބޫލުކުރުމާއި ޢަމަލުކުރުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
''ޙަޔާތުގެ ކޮންމެ ކަމެއް ކުރުމާއި ނުކުރުމުގައި، ގޮތް ނިންމާދޭ ޙުކުމްދާރަކީ މާތްވެގެންވާ އިސްލާމްދީންކަން، އަމިއްލަ ވިސްނުމުން ކޮންމެ ދިވެއްސަކަށްމެ ކަނޑައަޅާލަން އެބަ އެނގެންޖެހޭ. މި ދީނަށް އަޅުގަނޑުމެން އުޅޭކަމަށް ވާނީ، އަދި މި ދީނަށް އުޅޭތީ، މުޖުތަމަޢުން އޭގެ ސޫރައެއް ސިފައެއް، އޭރުން ނޫނިއްޔަކާ ނުފެންނާނެ. އަމާންކަމާއި، ރައްކާތެރިކަމާއި، ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުވާނީ ވެސް އޭރުން.'' ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!