ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން އެ އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

ހދ.އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އެ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

އެ އަތޮޅުގެ ހަނިމާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް ހދ.އަތޮޅު ކައުންސިލުން ބުންޏެވެ.

ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ނިިންމުމުގެ ރަސްމިއްޔާތު 28 ސެޕްޓެމްބަރ 2024 ގައި ވަނީ ބާއްވާފައެވެ.

މި ތަމްރީނު ޕްރޮގްރާމް އަތޮޅުގެ 7 ރަށަކުން 13 ބައިވެރިން ފުރިހަމަ ކޮށްފައިވާކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން އުތުރުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރަށް މިހާރު ހަވާލުކޮށްފައިވާއިރު،އަދި އިފާޑު އާއި ދިވެހި ސަރުކާރު ގުޅިގެން މެޕްގެ ދަށުން ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގާ، "ދަނޑުވެރި މަންފާ" ޕްރޮގްރާމަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ބޮޑުތިލަދުންމަތީގެ ރަށްތަކަށް މި އަހަރުގެ މޭ މަހު ވަނީ ހުޅުވާލާފައެވެ.