އެކުވެރި ދައުލަތްތައް (އދ) މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 59 އަހަރުގެ ތެރޭގައި އެންމެ ސާބިތުކަމާއެކު، އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވެމުން ޤާސިމް ވަނީ ރައީސަށް މަރުޙަބާ ވިދާޅުވެ އެކްސް އާއި ފޭސްބުކް ގައި ޕޯސްޓެއް ކުރަށްވާފައެވެ.

Ad
rt

މި ޕޯސްޓްގައި ޤާސިމް ވިދާޅުވެފައި ވަނީ، ރައީސް މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ދެއްވި ތަޤްރީރު ދުުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ ކަމަށެވެ. އަދި މި ތަޤްރީރުގެ ސަބަބުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީގައި ރާއްޖެ ޖާގަ ހޯދާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ޤައުމުގެ ވެރިޔަކު އދ ގައި ދިވެހި ޤައުމު ތަމްސީލް ކުރުމުގައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް," ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަޤްރީރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، އަދި މަސްނޫޢީ އިންޓެލިޖެންސްގެ ތެރެއިން ޑިޖިޓަލައިޒް ކުރުން ފަދަ މުހިންމު މައުޟޫޢުތަކަށް ކަމަށެވެ.

"ވަކީން ޚާއްޞަ ގޮތެއްގައި ދިވެހިޤައުމުގެ ވިންދާއި ގުޅިފައިވާ ފަލަސްޠީންގެ މައްސަލައިގައި ސިޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަ ފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރްހީބަކާއި އެކުގައި," ޤާސިމް ވިދާޅުވިއެވެ.

ރައީސް މުޢިއްޒަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤްރީރުކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް ކަމަށްވެސް ޤާސިމް ފާހަގަކުރެއްވިއެވެ. އަދި އދ.ގެ 79 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ "ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން" ދައްކުވައިދެވިފައިވާ ކަމަށެވެ.

ޤާސިމްގެ މި ބަޔާނުގައި، ކުރީގެ ބައެއް ވެރިންވެސް އދ.ގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލްކުރައްވާ، ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި، އަަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާ ގުޅޭ ގޮތުން މުނާސަބު ގޮތެއްގައި އަޑުއުފުއްލަވާފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ މަސައްކަތްތައް ވަނީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށްވުރެ ފުރިހަމަ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މި ބަޔާނުގައި، ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ.ގައި ރާއްޖެ ތަމްސީލްކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައި ނުގަތްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.