ގެސްޓްހައުސް އިޝްތިހާރު ކުރެވި ފަތުރުވެރިންނަށް އެނދުވިއްކޭއިރު ދެވޭ މައުލޫމާތުގައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އައިސް، ފަތުރުވެރިން ރަށުތެރޭގައި އެޅޭއިރު ގެންގުޅެން ޖެހޭ މިންގަނޑުތައް ތަފްސީލުކޮށް ސާފުކޮށްދީ ހަންދާން ކޮށްދިނުމަށް މަކުނުދޫ ކައުންސިލުން ގޮވާލައިފިއެވެ.
މި މަހު 17 ވަނަ ދުވަހު ފަތުރުވެރިކަމުގެ ވުޒާރާއިން ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގެސްޓްހައުސް ފަތުރުވެރިކަމަކީ މީހުން ދިރިއުޅޭ ރަށްރަށަށް ބިނާކޮށް ބައްޓަންވެފައިވާ ފަތުރުވެރިކަމަކަށް ވާތީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އިޖްތިމާއީ މިންގަނޑުތަކަށް ހޭލުންތެރިކުރުވައި އިހްތިރާމް ކުރުމަށް ބާރުއެޅުއްވުމަށް އިލްތިމާސްކޮށް ހަނދާން ކޮށްދޭކަމަށެވެ.
ފަތުރުވެރިން އައިސް މީހުން ދިރިއުޅޭ ރަށްރަށުގެ މޫދާއި ގޮނޑުދޮށްތައް ބޭނުން ކުރާއިރު، އެކަމުގައި އޮންނަ އުސޫލުތަކާއި އެއްގޮތައް އަމަލުކުރުމަށް ބާރު އެޅުމަށް ވެސް މަކުނުދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޓޫރިސްޓް ގެސްޓްހައުސްގެ ގަވައިދުގެ 19 ވަނަ މާއްދާގެ ( 2010/R-12 ) ގެ (ޅ) ގައި ބުނެފައި ވަނީ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން ގެސްޓްހައުސްގެ އޮފީސް ނުވަތަ ރިޝެޕްޝަން އޭރިއާފަދަ އާންމުކޮށް މުވައްޒަފުން އުޅޭ ހިސާބަށް އަންނައިރު، އަދި ގެސްޓްހައުސް ހުރި ރަށުތެރެއަށް ނުކުމެ އުޅޭއިރު ނުވަތަ މީހުން އުޅޭ ރަށްރަށަށް ދާއިރު ހެދުން އަޅަންވާނީ އެކަމާއި ބެހޭ ގަވައިދުގެ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.
އެ މިންގަނޑުގައި ވަނީ ފިރިހެނެއްނަމަ އެންމެ ކުޑަމިންވަރަކީ ޓީޝާޓާއި ސޯޓުބުރިއެވެ. އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓް ބްލައުޒް ނުވަތަ ގަމީހާއި ސްކާޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓުބުރިއެވެ. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއް ކަމުގައި ނުބެލެކަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!