އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރަށްވައިފިއެވެ.

ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ މިރޭ ރާއްޖެ ގަޑިން 8:20 ހާއިރު، އިންތިޚާބު ކާމިޔާބުވީ އަނޫރާއަށް ކަން ޢިއުލާންކޮށްފައެވެ.

Ad
rt

ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ފުރަތަމަ ގުނިއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުނެވެ. ނަމަވެސް އަނޫރާ ވަނީ 42 އިންސައްތަ ހޯއްދަވައި ޒަމާނުއްސުރެ އެ ޤައުމުގައި ސިޔާސީ ރަސްކަން ކުރަމުން އައި ބޮޑުން ފަހަތަށްޖައްސައި ހައިރާންކަން ގެނުވާފައެވެ.

މިއިންތިޚާބާއި ކުރިމަތިލިއިރު އެ ޤައުމުގައި ނެގި ގިނަ ޕޯލުތަކުން ކުރި ހޯދައި، މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ފުރަތަމަ ވޯޓު ގުނުމުގައި ސަޖިތަށް ލިބިވަޑައިގަތީ 32 އިންސައްތައެވެ.

އިންތިޚާބު ކާމިޔާބުކުރެވޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ މަތިން ވޯޓު ނުލިބުމުން ދެވަނަ ފަހަރަށް ވަނީ ވޯޓު ގުނާފައެވެ. މި ގުނުމުން އަނޫރާއަށް އިންތިޚާބު ކާޔާބުވީ 55.89 އިންސައްތަ ވޯޓުންނެވެ.

އަނޫރާ ހިމެނޭހެން ޤާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރަނީ އެންމެ ތިން މެންބަރުންނެވެ. ނަމަވެސް، އަނޫރާ އިންތިޚާބުގައި ވާދަކުރެއްވީ ކުދި ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނަކުންނެވެ. އެއީ "ނެޝަނަލް ޕީޕަލްސް ޕަވާ" (އެންޕީޕީ) އެވެ.

ލަންކާ އިންތިޚާބުގައި ސިޔާސީ ބޮޑުން ފަހަތަށްޖައްސައި އަނޫރާ ކުރީގައި

ދެވަނަ އަށް ގުނި ވޯޓުން ސަޖިތު ޕްރެމަދާސަ އަށް ލިބިފައި ވަނީ 44.11 އިންސައްތައެވެ.

އަނޫރާގެ މި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަނޫރާ އަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަން ވަނީ ހާމަކުރަށްވާފައެވެ.