އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި، އެ ޤައުމުގެ ސިޔާސީ ބޮޑެތި ޕާޓީތަކުގެ މައްޗަށް ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކުރި ހޯއްދަވައިފި އެވެ.
ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބުގައި 17 މިލިއަންނަށް މީހުން ވޯޓު ލުމުގެ ހައްގު ލިބުނުއިރު، މިއަދު ހެނދުނު 8:00 އާއި ހަމައަށް ސާފުވި ނަތީޖާއިން ކުރީގައި އޮތީ ލަންކާގެ ކުޑަކުޑަ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕެރެމޫނާ (ޖޭވީޕީ)ގެ، އޭޑީއޭގެ ގޮތުގައި މަޝްހޫރުވެފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ. އޭނާ އަށް ވަނީ 42 ޕަސެންޓް ވޯޓު ލިބިފައެވެ.
އިއްޔެގެ އިންތިޚާބުގައި ދެން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަށް ކުރިން ބެލެވުނު އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށެވެ. އޭނާ އަށް ވަނީ 30 ޕަސެންޓް ލިބިފައެވެ. ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ ތިންވަނައިގައި 16 ޕަސެންޓް ވޯޓާ އެކުގަ އެވެ.
އަނޫރާ ހިމެނޭހެން ޤާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރަނީ އެންމެ ތިން މެންބަރުންނެވެ. ނަމަވެސް، އަނޫރާ އިންތިޚާބުގައި ވާދަކުރެއްވީ ކުދި ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނަކުންނެވެ. އެއީ "ނެޝަނަލް ޕީޕަލްސް ޕަވާ" (އެންޕީޕީ) އެވެ.
އަނޫރާގެ މި ކާމިޔާބަށް ލަންކާގެ މިހާރުގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވަނީ މަރުހަބާ ކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!