ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ހއ. އުލިގަމުގައި ގާއިމުކޮށްފައިވާ 'އުތުރު އައިއެސްޕީއެސް ގޭޓް' މިރޭ ހުޅުވައިފިއެވެ.
އުލިގަމުގައި މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުވައިދެއްވީ އެރަށުގެ ކުރީގެ މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.
މި ރަސްމިއްޔާތުގައި މި ޚިދުމަތްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި މި ޚިދުމަތުގެ އެއް ބައިވެރިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް އަދި ކަސްޓަމްސްއާއި އިމިގްރޭޝަންގެ ވެރިން ވަނީ ބައިވެރިވެފައެވެ.
އުތުރު އައިއެސްޕީއެސް ގޭޓް، ފޮޓޯ: އުލިގަމު ކައުންސިލް
އިހަވަންދިއްޕޮޅުގައި ފަށާ މި މަޝްރޫޢުގެ ޚިދުމަތަށް ހުޅުވި މި ތަނުގައި އެމްއެންޑީއެފް، އިމިގްރޭޝަން، ޕޯޓްހެލްތް އަދި ކަސްޓަމްސް އިން މަސައްކަތްކުރުމަށް ޖާގަ ކަނޑައަޅާފަވެއެވެ.
މިތަން ހުޅުވިއިރު މިތާނގައި މަސައްކަތް ކުރާ މުވައްޒަފުން ނަގައި ތަމްރީން ދީފައިވާކަމަށް އެމްޕީއެލުން ކުރިން ވަނީ ބުނެފައެވެ.
މިތަން މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދޭން އެމްޕީއެލުން ނިންމާފައިވާއިރު، 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ޚިދުމަތްތައް ބަލާލެވޭނެހެން މި ޚިދުމަތްތަކަށް އެދެވޭނެ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް ވެސް އެމްޕީއެލުން ވަނީ ތައާރުފްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންނާއި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އިންޓަނޭޝަނަލް މާކެޓަށް ލިބޭގޮތަށް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!