ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި މަހު 12 ވަނަ ދުވަހު ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބަލައި، މެޗުން ނެއްލައިދޫ ބަލިވި ކަމަށް ކަނޑައެޅުމަށް ފަހު ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގާފައި ވީ ނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ ގްރޫޕްގެ ފަހު މެޗު ކުޅުމުގެ ފުރުސަތު ނުދީ މެޗުން އެ ޓީމް ބަލިވި ކަމަށް ކަނޑައަޅައިފިއެވެ.
މި މައްސަލައާއި ގުޅިގެން މިއަދު އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނެއްލައިދޫ ޓީމުން މެޗު ފުރިހަމަނުކޮށް ފޭބި މައްސަލައާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި، އެ ޓީމުން ދައްކާފައި ނުވާތީ މިއަދު ނެއްލައިދޫއާއި އިންފިނިޓީ އެކަޑަމީ ކުޅެން ހަމަޖެހިފައިވާ މެޗު ކުޅުމުގެ ފުރުސަތު ނެއްލައިދޫއަށް ގެއްލިފައިވާ ކަމަށެވެ.
މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުން އިންފިނިޓީ އެކަޑަމީ މޮޅުވީކަމަށް ކަނޑައަޅައި ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު އެ ޓީމަށް ދިނުމަށް ވެސް މުބާރާތު ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ ކަމުގައި އެ ބަޔާނުގައި ވެއެވެ.
ނެއްލައިދޫއާއި ހިރަފުސް ބައްދަލުކުރި މެޗުގައި ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ހިރަފުހަށް ޕެނަލްޓީއެއް ދީފައެވެ. ޕެނަލްޓީ ދިނުމާއިއެކު ނެއްލައިދޫ ކުޅުންތެރިން ރެފްރީ ވަށާލައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އެއަށްފަހު މެޗު ކުރިއަށް ގެންދަން އެއްބާރުލުން ނުދީ ދަނޑުން ފޭބުމުން ރެފްރީ ވަނީ މެޗު ނިންމާލާފައެވެ.
އެ މައްސަލަ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު ނިންމާފައިވާ ގޮތުގެ ބަޔާން މި މަހުގެ 13 ވަނަ ދުވަހު އަތޮޅު ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ނެއްލައިދޫއާއި ހިރަފުސް ބައްދަލުކުރި މެޗު ފުރިހަމަނުކޮށް ނެއްލައިދޫއިން ދަނޑުން ފައިބާފައިވާތީ، މުބާރާތުގެ ގަވައިދުގެ 16.1 ވަނަ މާއްދާގެ ދަށުން ނެއްލައިދޫއިން މެޗު ދޫކޮށްލިކަމަށް ސާބިތުވާކަމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
މުބާރާތުގެ ހިންގާ ގަވައިދުގެ 14.1 ގެ ދަށުން މެޗު ދޫކޮށްލި ފަރާތް މެޗުން ބަލިވީކަމަށް ކަނޑައަޅައި ހިރަފުސް ޓީމް މެޗުން މޮޅުވިކަމަށް ކަނޑައަޅައި އަދި އެ ޓީމަށް ތިން ޕޮއިންޓާއި ދެގޯލު ދިނުމަށް ވެސް އެ ކޮމެޓީން ވަނީ ނިންމާފައެވެ.
މެޗު ދޫކޮށްލުމާއި ގުޅިގެން ނެއްލައިދޫ 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ މި މަހުގެ 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން ދެއްކުމަށް ވަނީ އަންގާފައެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ނެއްލައިދޫއަށް މުބާރާތުގައި ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިންފިނިޓީ މިއަދު މެޗުން މޮޅުވިކަމަށް ކަނޑައެޅުމުން އެ ޓީމަށް ވަނީ 3 މެޗުން 7 ޕޮއިންޓް ލިބ، ގްރޫޕް ބީގެ އެއްވަނާގައި ސެމީން ޖާގަ ކަށަވަރުވެފައެވެ. ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދީ ހިރަފުހެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕްގެ އޭގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި ކުލަބް ކޮރަލްސްއާއި ގްރޫޕް ބީގެ ދެވަނައިގައި ސެމީއަށް ދަތުރުކުރި ހިރަފުސް ސްޕޯޓްސް ކްލަބެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ގްރޫޕްގެ ބީގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި އިންފިނިޓީ އެކަޑަމީ އާއި ގްރޫޕް އޭގެ ދެވަނައިގައި ސެމީއަށް ދަތުރުކުރި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!