ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޣައްޒާގައި ހިންގި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 90 އިންސައްތަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޕެލެސްޓީނިއަން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ)ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 1 ގައި ފެށުނު މި ކެމްޕޭނުގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން މިހާރު 446،000 އަށްވުރެ ގިނަ ކުދިންނަށް މެދު އަދި ދެކުނު ޣައްޒާގައި ވެކްސިން ދެވިފައިވެއެވެ. އަދި އުތުރު ޣައްޒާގެ 200،000 ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ސެޕްޓެމްބަރު 10 ގައި ފެށިފައިވެއެވެ.
މި ކެމްޕޭން ފެށުނީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޣައްޒާގައި ޕޯލިއޯގެ ކޭސްއެއް ފެނުމާ ގުޅިގެންނެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔޫއެޗްއޯ) އިން މިދިޔަ މަހު ހާމަކުރި ގޮތުގައި ކުޑަކުއްޖެއްގެ ގައިގެ ބައެއް ބާރު ދޫވެފައިވަނީ ޓައިޕް 2 ޕޯލިއޯ ވައިރަހުގެ ސަބަބުންނެވެ.
ލަޒަރީނީ ވިދާޅުވީ ވެކްސިން ދިނުމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯސް ދިނުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދިޔައީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ތެރެއިން ލިބޭ ދަނޑިވަޅުތަކުގެ ތެރެއިންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 41،200 އަށްވުރެ ގިނަ މީހުން ފަލަސްތީނުން މަރުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!