ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.
ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު މިއަދުގެ އިންތިޚާބުގައި ކުރި ހޯދީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާއި ވާދަކޮށެވެ.
އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު ޕީއެންސީގެ އަބްދުލްޙަމީދަށް 285 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ޝިހާމަށް ވަނީ 250 ވޯޓު ލިބިފައެވެ.
ހއ.މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ pic.twitter.com/m7WwF095d7
— Elections Commission (@ElectionsMv) September 14, 2024
މާރަންދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ މެންބަރު، އަދި ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު ރަމީޒު 13 ޖުލައި 2024 ގައި ނިޔާވުމާއި ގުޅިގެންނެވެ. ރަމީޒު ނިޔާވީ ފުޓްބޯޅަ ކުޅެން ހުއްޓާ ހާޓްއެޓޭކެއްޖެހިގެން، ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ރަމީޒު މާރަންދޫ ކައުންސިލްގެ ގޮނޑި ތަމްސީލް ކުރަށްވާފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
މިއަދުގެ ބައި-އިލެކްޝަން ގޮނޑި ކާމިޔާބުކުރުމަށް ބޮޑު ދެ ޕާޓީން ވެސް ވަނީ ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!