އާސަންދައިން އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެސްޓަރ ސީއެމްއައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އެހީ ހުއްޓާލި ކަމަށް ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދު ދީފިއެވެ.
އާސަންދައިން ވަނީ ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދުދީ ބަޔާނެއް ނެރެ މި މައްސަލައާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހާމަކޮށްފަ އެވެ.
އާސަންދައިން ނެރުނު ބަޔާނުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނެނީ 65 އަހަރުގެ ބަލިމީހެކެވެ. މި ބަލިމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދެވުނު ފަރާތެކެވެ. ދައުލަތުގެ ފަރާތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެ މީހާއަށް އެހީގެ ގޮތުގައި ހަމަޖައްސައިދެވިފައިވާކަން އާސަންދައިން ފާހަގަކޮށްފައިވެއެވެ.
ބަލިމީހާގެ ބަލީގެ ބާވަތާ ގުޅޭގޮތުން އާސަންދައިން ބުނެފައިވަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ފަރުވާދެމުންދާ ކަމަށެވެ. އިންޓެންސިވް ރިހެބިލިޓޭޝަނަށް އެޑްމިޓްކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ 2024 މާރިޗު 14 ގައި ކަމަށާއި، އޮގަސްޓު 18 އާ ހަމައަށް ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގާތްގަނޑަކަށް 5 މަސްދުވަހުގެ ފަރުވާއަށްފަހު، ބަލިމީހާގެ ހާލަތަށް އެދެވޭ ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އާސަންދައިން ހާމަކޮށްފައިވެއެވެ. މިގޮތުން، 2024 އޮގަސްޓު 14 ގައި ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ރާއްޖެ ގެނައުމާ ގުޅޭގޮތުން ޢާއިލާއާއެކު މަޝްވަރާކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި، އޮގަސްޓު 18 ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދުތަކުގެ ފައިނަލް ބިލު ލިބިފައިވެއެވެ. މި ބިލުގެ ޖުމްލަ އަދަދަކީ 89،339.91 އެމެރިކާ ޑޮލަރެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު، އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މަޢުލޫމާތުތަކާއެކު، އާސަންދައިން ވަނީ ބަލިމީހާއަށް އެހީ ހުއްޓާލި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!