މާދަމާ ހެނދުނު 6:00 އިން 7:00 އާ ދެމެދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފި އެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެތީއެވެ.

Ad
rt

މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރ، އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނެއެވެ.

މި އައު އިންފްރާސްޓްރަކްޗަރގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަތައް ހައްލުވެ، ޚިދުމަތުގެ ޔަގީންކަން އިތުރުވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ނަމަވެސް، މި މުހިންމު މަސައްކަތް ކުރިއަށްދާ ވަގުތު ވަގުތީގޮތުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަންގާފައިވެއެވެ.