ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ބަންކަރިންގެ ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ.

Ad
rt

ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމް.ޕީ.އެލް) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ.

އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އިސް ތަރުޖަމާނު ހީނާ މި މޭރުމުން މިއަދު ވިދާޅުވެފައިވާއިރު، ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެއް ބޯޓު އިއްޔެ ވަނީ ކުޅުދުއްފުށީ ސިޓީގައި ބަނދަރުކޮށްފައެވެ. އަނެއްބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.

އުތުރުގައި، އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ނިންމާފައި އޮތީ މި ސެޕްޓެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުއެވެ.

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.