މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ.
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ އިއްޔެ ނޮދަން އޮފީސް ކޮމްޕްލެކްސް ހޯލުގައެވެ.
އަށް ޓީމް ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. ސެމީގައި ދެ ގްރޫޕް ކްރޮސްކޮށް ކުޅެ މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
ގްރޫޕް އޭގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ކުމުންދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ކުޅުދުއްފުށީ މަގުލަސް ކްލަބެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޓީމް ނެއްލައިދޫ، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް، އިންފިނިޓީ އެކަޑަމީގެ އިތުރުން ހުރަފުސް ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ބައްދަލުކުރާނީ ކްލަބް ކޮރަލްސްއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 30000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!