އެހެންމީހުންނާއި ގުޅުވައިގެން ޔާމީން ވާހަކަފުޅު ދައްކަވާއިރު، ޔާމީންގެ ގެ އިމާރާތްކުރަށްވަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.
ރާއްޖޭގެ އަމިއްލަ ޓީވީޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް ވަނީ ''ޔާމީން ގޭ ހަދަނީ ކޮންތާކުން ހޯދާ ފައިސާއަކުންތޯ؟'' ސުވާލުކުރައްވާފައެވެ.
''އަޅުގަނޑު އުފައްދާ ސުވާލަކީ ޔާމީން ގޭ ހަދަނީ ކޮންތާކުން ހޯދާ ފައިސާއަކުންތޯ، ވެރިކަމަށް ވަޑައިގެންއިރު އެކައުންޓްގައި ފައިސާއެއްނެތް، އަޅުގަނޑުމެން މީ އެންމެ ގާތުގައި މަސައްކަތްކުރި މީހުން، ކެމްޕޭންކުރަން ފައިސާނެތިގެން ދަރަންޏަށް ފައިސާ ނަގައިގެން މަސައްކަތްކުރީ، ކޮށްގެން ވެރިކަމަށް އައީ'' އަބުދުއްރަޙީމް ވިދާޅުވިއެވެ.
އަބުއްރަޙީމް ވިދާޅުވީ، ޔާމީންގެ ފަސް އަހަރުގެ ދައުރު ނިންމާލިއިރު އެކައުންޓަށް ތިން ހަތަރު ސަތޭކަ މިލިއަން ރުފިޔާ ވަދެފައިވަނީ އެއީ ކާކު ދިން، ކޮންގޮތަކުން ހޯދި އަދި ކޮން މަސައްކަތެއްކޮށްގެން ހޯދި ފައިސާއެއްތޯ ސުވާލު ކުރައްވާފައެވެ.
''ފަސް އަހަރު ދުވަސްވަންދެއް ވެރިކަންކޮށްފަ ދިޔައިރު، މިއަދު އަޅުގަނޑު ބޭނުން މިވާހަކަ ދަންނަވަން ކީއްވެގެންތީ ތިން ހަތަރު ސަތޭކަ މިލިއަން ރުފިޔާ އެކައުންޓަށް ވަނީ، ކޮން ގޮތަކުން ހޯދި ފައިސާއެއްތޯ، ކާކުދިން ފައިސާއެއްތޯ، ކޮން މަސައްކަތެއްކޮށްގެން ހޯދި ފައިސާއެއްތޯ،" -އަބުދުއްރަހީމް-
އަބުދުއްރަހީމް ވިދާޅުވަނީ ޔާމީން ލޯނެއް ވެސް ނުނަންގަވާ މާލޭގައި 3000 އަކަފޫޓްގެ ބިމެއްގައި ސޯޅަވަރަކަށް ބުރިއަށް ގެއެއް އަޅުއްވާއިރު ރައްޔިތުން އެކަމާ ސުވާލުއުފައްދަން ނުޖެހޭތޯ ވެސް ސުވާލު ކުރަށްވާފައެވެ.
''ލޯނެއް އެއްޗެއް ނުނަގާ 3000 އަކަފޫޓްގެ ބިމެއްގައި ގެއެއް ފަނަރަ ސޯޅަ ބުރިއަށް ނަގާއިރު ރައްޔިތުން ސުވާލުއުފައްދާކަށް ނުޖެހޭތޯ، އެހެންވީމަ އަބުދުއްރަޙީމް 2.5 މިލިއަނަށް އެޕާޓްމަންޓެއް ގަތް ވާހަކައެއްނޫންތާ ދައްކަންވީކީ'' އަބުދުއްރަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!