ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން އެރަށު ސްކޫލުގެ ހުރިހާ ކުލާހެއް ޑިޖިޓަލް ކުރުމަށް ބޭނުންވާ ޓީވީ ހަދިޔާކޮށްފިއެވެ.
އެ ސްކޫލުގައި ހުރި 11 ކްލާސް ރޫމް ޑިޖިޓަލް ކުރުމަށް 65 އިންޗީގެ 11 ޓީވީ ކައުންސިލުން ވަނީ ސްކޫލަށް ހަދިޔާކޮށްފައެވެ. މި ޓީވީތައް ގަތުމަށް އެ ކައުންސިލުން ވަނީ 129420 (އެއްލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ ރައްޔިތު މާލިއްޔާއިން ހަރަދުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުލިގަމު ކައުންސިލުގެ ރައީސް އަހްމަދު މުއާޒް މުހައްމަދު ބުނީ ކައުންސިލުން ކޮންމެ އަހަރެއްގެ ވެސް މަސައްކަތު ތާވަލު އެކުލަވާލައި، އެ ކައުންސިލުން ބަޖެޓް އެކުލަވާލަނީ ރައްޔިތުންނަށް މުހިންމުވާ ދާއިރާތަކަށް ވިސްނައި ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ މަސްވަރާގެ މަތީން ކަމަށެވެ.
މިގޮތުން އުލިގަމު ސްކޫލް ޑިޖިޓަލް ކުރުމަށް އެހީތެރިކަން ހޯދަން އެދިފައިވާތީ، އެއީ ރަށުގެ ކުރިއެރުމާއި ރައްޔިތުންނާއި ސީދާ ގުޅުންހުރި ކަމަކަށް ވުމުން ކައުންސިލުން އެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައި އެކަން ކުރިއަށް ގެންދިޔައީކަމަށެވެ.
އުލިގަމު ސްކޫލަކީ ގްރޭޑް 10 އާއި ހިސާބަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ކިޔަވައިދިނުމަށް މިވަގުތު ބޭނުން ކުރަމުން އަންނަނީ އެގާރަ ކްލާސް ރޫމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!