ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 4 ބިދޭސީން ރާއްޖެއިން ބޭރުކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިމަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ހިންގާފަކަމަށެވެ.

Ad
rt

މި އިންސްޕެކްޝަނުގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ 3 އަންހެނުންނާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި 4 ބިދޭސީންނާމެދު ތަޙުޤީޤު ކުރުމަށްފަހު، އެމީހުން ވަނީ ރާއްޖެ އަނބުރާ ނާދެވޭގޮތަށް ޑީޕޯޓުކޮށްފައި ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް މޯލްޑިވްސް އިމިގްރޭޝަންގެ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ހިއްސާކުރަމުން ކަމާބެހޭ އިދާރާތަކުން އެދިލައްވަ އެވެ.

މިފަދަ ޣައިރު ޤާނޫނީ ޙަރަކާތްތަކުގައި ބިދޭސީން ޝާމިލުވުމަކީ ރާއްޖޭގެ ޤާނޫނާ ޚިލާފު ކަމެއްކަމާއި، މިފަދަ ޢަމަލުތަކާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެއެވެ. މިފަހުން، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.