ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު މާލޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ސަބަބުން، މާލޭގައި ނުގަވާއިދުން އުޅޭ ބިދޭސީން ފިލުމަށް ހދ. ކުޅުދުއްފުށި ސިޓީ އާއި އެނޫންވެސް އަތޮޅު ތެރޭގެ ރަށްރަށަށް އަންނަނީ ދަތުރު ކުރަމުންނެވެ.
ހދ. ކުޅުދުއްފުށި ސިޓީއަށް ނުގަވައިދުން އެތެރެވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު މޯލްޑިވްސް އިމިގްރޭޝަންގެ ނޯތު ރީޖަނަލް އޮފީހާއެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީ ޕޮލިހުން ފާހަގަކޮށްފައިވާ ކަންކަމާއި، މި މައްސަލަ ހައްލުކުރުމަށް އަޅަން ހުށަހަޅާ ފިޔަވަޅުތަކާ ބެހޭގޮތުން އިމިގްރޭޝަނާ މަޝްވަރާކުރެވުނެވެ. މީގެ ކުރިން ވެސް މި މައްސަލައާ ގުޅޭގޮތުން ސިޓީ ކައުންސިލުން އޮޑިވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް ހަރުދަނާކުރުމަށް އެދި މި މަހުގެ ކުރީކޮޅު މޯލްޑިވްސް އިމިގްރޭޝަންގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށާއި މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކޮށްދެއްވުމަށް އިމިގްރޭޝަންގައި އެދިފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް މޯލްޑިވްސް އިމިގްރޭޝަންގެ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ހިއްސާކުރަމުން ގެންދިޔުމަށް ކައުންސިލުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ ދަށުންނާއި 'އިމިގްރޭޝަން ވޮޗް' ޕޯޓަލްއަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް، ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން އަތުލައިގަތުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!