ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނިންމި ނިންމުން ބަދަލު ކުރުމަށް ލަފާ ދެއްވީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން މިއަދު ވަނީ ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ނިންމާފައެވެ.
ނަމަވެސް އެމްއެމްއޭއިން ބުނެފައިވަނީ މި ނިންމުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ، މި ނިންމުން ބަދަލު ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުން އިތުރަށް ބުނެފައިވަނީ ބީއެމްއެލްގެ ކާޑުގެ ޕޭމަންޓް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން އެ ބޭންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މީގެ އިތުރުން، ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީ އިތުރުވުމަކީ ކާޑުގެ މުއާމަލާތް އިތުރުވި ސަބަބެއް ކަމަށެވެ.
އެމްއެމްއޭގެ ބަޔާނުގައި ބޭންކިން ދާއިރާގެ ޕާސަނަލް ލޯނުތަކުގެ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު ނިމުނުއިރު 2.9 ބިލިއަން ރުފިޔާގައި ހުރި ޕާސަނަލް ލޯނުގެ މިންވަރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 6.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. 2022 ވަނަ އަހަރު ނިމުނުއިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2023 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިވެއެވެ. މިއަހަރުވެސް މި އަދަދު އިތުރުކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ދޫކޮށްފައިވަނީ ބީއެމްއެލްއަށެވެ.
ބީއެމްއެލްގެ އިތުރުން، ބައެއް އެހެން ބޭންކުތަކުންވެސް ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ޚިދުމަތް ދެމުންދާކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި، ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ފައިނޭންޝަލް ދާއިރާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ބޭރުގެ ސީދާ އިންވެސްޓްމަންޓަށް (އެފްޑީއައި) ފަހި މާހައުލެއް އުފެދިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!