ޖީލު (Generation) އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެކެވެ. އެއީ އެއް ދުވަސްވަރެއްގައި ދުނިޔެއަށް އުފަންވާ މީހުން ނުވަތަ އެއް އުމުރުފުރައެއްގެ މީހުންނެވެ.

އެހެންކަމުން އެއް ޖީލެއްގެ މީހުންނަކީ އެއް ދުވަސްވަރެއްގެ ތެރޭގައި އުފަންވެ، ބޮޑުވާ އަދި އާންމު ތަޖުރިބާތަކާއި ގިޔަމުތަކާއި ސަގާފީ ނުފޫޒުތައް ހިއްސާކުރާ މީހުންނެވެ.

Ad
rt

މިގޮތުން ޖީލުތައް ބައިކުރާއިރު މައިގަނޑު ހަތަރު ބަޔަކަށް ޖީލުތައް ބެހިގެން ދެއެވެ. އެއީ ބެބީބޫމަރސް، ޖެނެރޭޝަން އެކްސް، މިލިނިއަލްސް، އަދި ޖެނެރޭޝަން ޒެޑް (ޖެން ޒީ) އެވެ.

މިއިން ކޮންމެ ޖީލެއްގައި ވެސް އެ ޖީލެއް ނިސްބަތްވާ ދުވަސްތަކުގެ ތަޖުރިބާތަކާއި ހިނގާފައިވާ ހާދިސާތަކާއި ވައްޓަފާޅިތަކުން ބައްޓަންކޮށްފައިވާ އަމިއްލަ ވަންތަކަމަކާއި ސިފަތަކެއް ހުރެއެވެ. ގިނަ ޖީލުތަކެއްގެ ބަޔަކު އެކުގައި މަސައްކަތްކުރާއިރު އެނގެންޖެހޭ އަދި ގަބޫލުކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މި ޖީލުތަކުގައި ތަފާތުތަކެއް ހުންނަކަމެވެ. ޖީލުތައް އެ ޖީލެއްގެ ގޮތުގައި ބަލައިގަނެގެން މަސައްކަތްކުރުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފައިދާހުރި، އަދި އާއިލާތަކާއި އޮފީސްތަކާއި މުއައްސަސާތަކުގެ ކަންތައްތައް ވެސް ރާވާ ހިންގައި އިންތިޒާމުކުރަން ފަސޭހަވާނެކަމެކެވެ. މަސައްކަތުގެ މާހައުލުގައި އާ އުފެއްދުންތަކާއި، އެއްބާރުލުން އިތުރުވެ، ނެރެވޭ ނަތީޖާއާއި ހޯދޭ ކާމިޔާބީ އިތުރުވާނެ ކަމެކެވެ.

* ބޭބީބޫމަރސް

ޖީލުތަކުގެ ވިސްނުމާއި ފިކުރުގައި ހުންނަ ތަފާތުތައް ދެނެގަތުމަށް ދިރާސާތައް ކުރެވެއެވެ. 2023 ވަނަ އަހަރުގެ މާރިޗުމަހު އާކާޑިއާއިން ކުރި ދިރާސާއެއްގައި 1945 އާއި 1964 އާ ދެމެދުގައި އުފަންވެފައިވާ ޖީލުކަމުގައިވާ ބޭބީބޫމަރސްއާ ބެހޭގޮތުން ބުނެފައިވަނީ މިއީ އެހެން ޖީލުތަކަށްވުރެ ގިނައިން އެ މީހުންގެ ސަގާފީ ވިސްނުންތަކުގެ ސަބަބުން އެ މީހުންނަށް އެންމެ ކަމުނުދާ ވަޒީފާތަކުގައި ވެސް ދެމިތިބޭ ބައެއްކަމަށެވެ. މި ޖީލުގެ މީހުން ބާރާއި އިޚްތިޔާރަށް އިޙްތިރާމްކޮށް، ދަރަޖަވެރި ލީޑަރޝިޕަށް ތާއީދުކުރެއެވެ. މި މީހުން ގަބޫލުކުރާގޮތުގައި މިއަދުގެ ދުނިޔެއަކީ އަނިޔާވެރިތަނެކެވެ.

* ޖެނެރޭޝަން އެކްސް

ޖެނެރޭޝަން އެކްސް (1965-1980) އަކީ ދެމަފިރިން ވަޒީފާއަށް ގޮސް މަސައްކަތްކުރާ މައިންބަފައިންނާއެކު ގޭގޭގައި ތިބެގެން ބޮޑުވި ދަރިންގެ ފުރަތަމަ ޖީލެވެ. ނަތީޖާއެއްގެ ގޮތުން މި ޖީލުގެ މީހުން ގިނަ ފަހަރަށް ސިފަކުރެވެނީ މިނިވަން އަދި އަމިއްލައަށް ދިރިއުޅޭ ޖީލެއް ގޮތުގައެވެ. މިއީ ވަޒީފާއާއި ދިރިއުޅުމުގެ ހަމަހަމަކަމަށް އެންމެ އިސްކަމެއްދޭ ޖީލެވެ. މި މީހުން މަސައްކަތްކުރަން ބޭނުންވަނީ ހަރުދަނާ ރަނގަޅު އޮފީސްތަކާއި މުއައްސަސާތަކުގައެވެ. މި މީހުން ގަބޫލުކުރާ ގޮތުގައި މި މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ، ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމުތަކަށް ތަބާވާ އަދި ގިޔަމުތައް ހިފަހައްޓާ ބައެކެވެ.

* މިލިނިއަލްސް

މިލިނިއަލްސް (1981-1995) އަކީ މި މީހުންގެ އިޖުތިމާޢީ ހޭލުންތެރިކަމާއި ވިސްނުން ހުޅުވިފައިވާ ބައެކެވެ. މި ސިފަތައް މި ޖީލަށް ލިބިފައިވަނީ ދަތުރުފަތުރުގެ ފަސޭހަކަމުންނާއި، ސޯޝަލް މީޑިއާގެ ޒަރީޢާއިން ކުޑައިރުއްސުރެ ތަފާތު ސަގާފަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިތައް ފެނިދެނިވެފައިވާތީއެވެ. މި މީހުން ގަބޫލުކުރާ ގޮތުގައި ދުނިޔެ ބަދަލުވެއްޖެއެވެ. އިންޓަނެޓާއި މޯބައިލް ފޯނާއެކުގައި ނޫނީ އެއްވެސްކަމެއް ނުކުރެވޭނެއެވެ.

* ޖެން ޒީ

ޖެނެރޭޝަން ޒެޑް ނުވަތަ ޖެން ޒީ (1996-2010) އަކީ ޑިޖިޓަލް ޒަމާނެއްގައި އަވަސް ސްޕީޑާއި، ސްކޭލާއި ސްކޯޕްގައި ހިނގަމުންދާ ދުނިޔެއަކަށް ދިރިއުޅުން ހޭނިފައިވާ މީހުންނެވެ. މިއީ އަބަދުވެސް ކުރިއަރާ ތަރައްޤީވަމުން އަންނަ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް އާދަވެފައިވާ ޕްރެގްމެޓިކް ބައެކެވެ. މި މީހުންނަކީ ހަރުކަށި އުސޫލުތަކާއި ނިޒާމުތައް ބަލައިގަންނަން ފަސޭހަބައެއް ނޫނެވެ. ތަނުގެ ނިޒާމުތަކާއި އުސޫލުތަކާއި ގިޔަމުތަކުގައި ވެސް ފަހެލިކަން ބޭއްވުމަށް މި މީހުން ބޭނުންވެއެވެ. އެހެން ޖީލުތަކުގެ މީހުންނާ ޚިލާފަށް މި ޖީލުގެ މީހުންގެ ސުވާލުތައް ގިނަ ވާނެއެވެ. މި ޖީލުގެ މީހުން، ކުރާ ކޮންމެ ކަމެއްގައި މާނައެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރެއެވެ. އަދި ހައިރާކީއަކާ ނުލައި ލީޑަރޝިޕް އެކްސަސައިޒްކުރަން ބޭނުންވެއެވެ. މި މީހުން ގަބޫލުކުރާގޮތުގައި މި މީހުންނަށް ބޭނުންވާވަރަށް ކޮންމެ ކަމެއްގެ ވެސް ފުރިހަމަ މަޢުލޫމާތާއި އެ މީހުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބެންވާނެއެވެ.

މިލިނިއަލްސް އާއި ޖެން ޒީއަށް ނިސްބަތްވާ ޒުވާން ޖީލަކީ ގިނަ ކަންތައްތަކެއްގައި އެއް ވިސްނުންތަކެއް ގެންގުޅޭ ބައެކެވެ. މުއައްސަސާތަކުގައި ޒަމާނުއްސުރެ ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވެގެން އުޅުމަކީ މި މީހުންނަށް އުނދަގޫ ކަމެކެވެ. ގަޑިޖެހުމުން މާގިނަ ސުވާލުކުރުންފަދަ ކަންތައްތަކާއި ނުރަސްމީ ގަޑިތަކުގައި ރަސްމީ ކަންކަން ކުރަންޖެހުމާއި ސީދާ އެ މީހަކާ ގުޅުމެއްނެތް އެހެން ދާއިރާއެއްގެ ކަމެއްގައި އުޅެންޖެހުމަކީ މި ޖީލުގެ މީހުންނަށް އުނދަގޫ ކަމެކެވެ. ނަމަވެސް އިއްޔެ އެތައް ވަގުތަކާއި ހަކަތައެއް ބޭނުންވި ކަންކަން މިއަދުގެ ޒުވާން ޖީލުން ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފަސޭހައިން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށް ނިންމާލައެވެ.

ކޮންމެ ޖީލަކީ ވެސް ތަފާތު ނަޒަރިއްޔާތަކާއި ތަޖުރިބާތަކާއި ގިޔަމުތަކުގެ މައްޗަށް ބިނާވެފައިވާ މުހިންމު ޖީލެއްކަން ގަބޫލުކުރުން މުހިންމެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ މާޙައުލެއް އުފައްދައި، ކޮންމެ ޖީލެއްގެ ވަރުގަދަކަންތައްތައް ބޭނުންކޮށްގެން ކޮންމެ މުއައްސަސާ އެއްވެސް ވަރުގަދަ ކުރެވޭނެއެވެ. ޖީލުތައް ބަދަލުވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މުއައްސަސާތަކުގައި ހުންނަ އުސޫލުތައް ދޫކޮށްނުލައި ހަރުދަނާކަމާއެކު ދެމެހެއްޓުމެވެ. ޤައުމުތަކުން ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ހަރުދަނާކަމަށް ގަބޫލުކުރި އުސޫލުތަކާއި ގޮތްތައް ދެމެހެއްޓުމެވެ.

މަޢުލޫމާތު:

ފްރެޔާ އޮވެން، އެންޑީ ޕެޓަރސަން. (2023). ލީޑިންގ އެކްރޮސް ޖަނަރޭޝަން. ނެގީ https://arcadiaconsulting.com/leading-across-generations/