ކްރައުޑްސްޓްރައިކް އިން ދިމާވި އައި.ޓީ މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރ މަހު ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ސައިބަރ ސެކިއުރިޓީ ނިޒާމުތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ.

ޖުލައި 19 ގައި ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މައްސަލައެއްގެ ސަބަބުން 8.5 މިލިއަން ވިންޑޯސް ޑިވައިސްތަކަށް އަސަރުކޮށް، އެއަރލައިންތަކާއި ބޭންކުތަކާއި ހެލްތްކެއަރ ދާއިރާއަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ބައްދަލުވުމަކީ މި މައްސަލައާ ގުޅިގެން މައިކްރޯސޮފްޓުން އަޅާ ފުރަތަމަ ބޮޑު ފިޔަވަޅެވެ.

Ad
rt

ބައްދަލުވުން އޮންނާނީ ސެޕްޓެމްބަރ 10 ގައި މައިކްރޯސޮފްޓްގެ މައި އޮފީސް ހުންނަ ރެޑްމަންޑް، ވޮޝިންގްޓަންގައެވެ. މި ބައްދަލުވުމަށް ބޮޑެތި ކުންފުނިތަކަށާއި، އެމެރިކާއާއި އެހެނިހެން ގައުމުގެ ތަކުގެ ސަރުކާރުގެ ބައެއް ޓެކްނޮލޮޖީގެ އިސް ފަރާތްތަކަށް ވެސް ދަޢުވަތު ދެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިން ގިނަ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ޑެލްޓާ އެއަރލައިންސް އިން ބުނެފައިވަނީ މި މައްސަލައިގެ ސަބަބުން އެ ކުންފުންޏަށް މަދުވެގެން 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ކްރައުޑްސްޓްރައިކް އަދި މައިކްރޯސޮފްޓާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކްރައުޑްސްޓްރައިކްގެ މާކެޓް ވެލިއު އިން 9 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ. އަދި ހިއްސާދާރުން ވަނީ އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.