ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް ބަލިކޮށް ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހަނިމާދޫ ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ އަލީ ހުސެއިން (ދަގަނޑޭ) އެވެ. ހަނިމާދޫއިން ލީޑު ނެގުމާއިއެކު ހިރިމަރަދޫ ޓީމުން ވަނީ އެޓޭކް ވަރުގަދަކޮށް ހަނިމާދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހާފު ނިމުމުގެ ކުރިން ހިރިމަރަދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ވިހިމިނެޓްގެ ތެރޭ ހަނިމާދޫއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ގަދަނޑޭ ނަގައިދިން ކޯނަރަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އާލިފް އިބްރާހީމް (ކޮއްކޮ) އެވެ. ހަނިމާދޫއަށް މާގިނަ ވަގުތު ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. އަރިމަތިން ހިރިމަރަދޫ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް ހުރަސްކުރި ބޯޅަ ހަނިމާދޫ ޓީމްގެ ޑިފެންޑަރ މުހައްމަދު އަބްދުލް ޤަފޫރުގެ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. އެއަށް ފަހުވެސް ދެ ޓީމުން ލަނޑުޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ އެއްވަރު ވެގެންނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީއެވެ. އިތުރަށް ޖެހި ޕެނަލްޓީގައި ހިރިމަރަދޫގެ ޕެނަލްޓީ ނާކާމިޔާބުވެ ހަނިމާދޫ ޕެނަލްޓީ ކާމިޔާބުކޮށް ހަނިމާދޫ މޮޅުވީ 5-4 ގެ ނަތީޖާއިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ދަގަނޑޭއެވެ. މުޅި މުބާރާތުގައި ހަނިމާދޫ ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމްގެ އެޓޭކްގައި ދަގަނޑޭވަނީ ވަރަށް މޮޅަށް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން މުބާރާތުގެ ގިނަ ވަނަތަކެއް އޭނާ ވަނީ ހޯދާފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިތާ، ހަނިމާދޫ ޓީމްގެ ދަގަނޑޭ

މުބާރާތުގެ ވަނަތައް

  • މުބާރާތުގެ އެންމެ މޮޅު ފޯވާޑް - އަލީ ހުސެއިން (ދަގަނޑޭ) ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ - އަލީ ހުސެއިން (ދަގަނޑޭ) ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • މުބާރާތުގެ ބެސްޓް ޔަންގް ޕެލޭއާ – ނައުފަލް އަބްދުލް ރައޫފް / ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • މުބާރާތުގެ މޮޅު ކޯޗް – ޖާދުﷲ އަލީ / ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • މުބާރާތުގެ އެނެމް މޮޅު ޑިފެންޑަރ – މޫސާ ކައުޔަޝް ކައިލް / ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • މުބާރާތުގެ އެނެމް މޮޅު ކީޕަރު – ހަސަން މޫސާ / ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް
  • މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ – އިބްރާހީމް / ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް
  • މުބާރާތުގެ ފެއާޕްލޭ ޓީމް – ކްލަބް ތިލަދުންމަތި / ނޮޅިވަރަމް

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމަށް 3 ކުޅުންތެރިން ހޮވިފައިވޭ

  • އަލީ ހުސެއިން (ދަގަނޑޭ) - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • ޕްރިންސް ލާބީ - ޒިގްޒެގް ފޯ ޔޫތު ލިންކޭޖް
  • މައިކަލް – ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 75000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ރަނަރަޕް ޓީމަށް ވަނީ 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ތިންވަނަ ފަހަރެވެ.