ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މެދުކަނޑާލާފައިވާ ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓު އޮޕަރޭޝަން މިރޭ އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީގޮތުން އިއްޔެ މެދުކަނޑާލީ އެތަނުގެ ފަޔަރ ސާވިސްގެ ފަޔަރ ލޮރީއަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

Ad
rt

ހަނިމާދޫ އެއާޕޯޓުގެ އިސް އޮފިޝަލެއް ‘’ތިލަދުން’’ އަށް މިއަދު ބުނީ އެ ފަޔަރ ލޮރީއަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުވުމާއެކު މޯލްޑިވިއަނުން ހަނިމާދޫން ޓްރެވެންޑްރަމަށް ފުރަން މިރެއަށް ރީ-ޝެޑިއުލްކުރި ފްލައިޓާއެކު އެއާޕޯޓުގެ އޮޕަރޭޝަން އަލުން ފަށަން ނިންމާފައިވާ ކަމަށް އެ އޮފިޝަލް މައުލޫމާތު ދިނެވެ.

މޯލްޑިވިއަނުން ހަނިމާދޫއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި

މޯލްޑިވިއަނުން ހަނިމާދޫ-ޓްރެވެންޑްރަމަށް ބާއްވާ ފްލައިޓް އޮންނަނީ ރޭގައި ނަމަވެސް، އެއާޕޯޓު އޮޕަރޭޝަން މެދުކަނޑާލަން ޖެހުމުން އެ ފްލައިޓް މިރެއަށް ވަނީ ބަދަލުކޮށްފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހުއްޓުމަކަށް އައުމުން މޯލްޑިވިއަނުން ހަނިމާދޫއަށް ތާވަލުކޮށްކުރި ޑޮމެެސްޓިކް ފްލައިޓްތަކުން ފަސް ފްލައިޓެއް ވަނީ ކުޅުދުއްފުއްޓަށް ބަދަލުކުރަން ޖެހިފައެވެ.