ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލާފައިވާ ކަމުގައި މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަގުތީގޮތުން ހަނިމާދޫ އެއާޕޯޓްގެ އޮޕަރޭޝަން މާދަމާ ހެނދުނު 06:00 އާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތުގައި ހަނިމާދޫއަށް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކުޅުދުއްފުއްޓަށް ބަދަލު ކުރެވިފައިވާ ކަމުގައި މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

Ad
rt

މޯލްޑިވިއަނުން ބުނީ މިރޭ ހަނިމާދޫއިން އިންޑިއާގެ ޓްރިވެންޑްރަމްއަށް ކުރަން ހަމަޖެހިފައިވާ ދަތުރު މިހާރު މާދަމާރެއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. ދަތުރުގެ ޝެޑިއުލަށް އައި ބަދަލާއި ގުޅިގެން އިންޑިއާއިން ހަނިމާދޫއަށް މާދަމާ ރޭ ދަތުރުކުރާ ފަރާތްތަކުން 8136914666 ނަމްބަރަށް ގުޅައި އެހީތެރިކަން ހޯދުމަށް މޯލްޑިވިއަނުން އެދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫ ދަތުރުތަކަށް ބްރޫ އަރާފައި ވަނީ އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް ބޭނުން ކުރެވޭ ހާލަތައް ގެނެވިފައި ނުވާތީއެވެ.

ހަނިމާދޫ އެއާޕޯޓުގެ އިސް އޮފިސަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ފަޔަރ ވެހިކަލް އަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ރޭއްސުރެ ހުއްޓައިނުލާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް ހައްލުވެފައި ނުވާކަމަށެވެ.

މިހެން ދިމާވުމުން މޯލްޑިވިއަނުން ހަނިމާދޫ އަށް ޝެޑިއުލްކޮށްފައިވާ ދެ ފްލައިޓެއްގެ ރޫޓް ވަނީ ބަދަލުކުރަން ޖެހިފައެވެ.