ރޭ ކުދި ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ހާދިސާ ހިނގާފައިވާ ކަމުގައި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް، ހދ ކުޅުދުއްފުށީގެ 57 ގެއަކަށް، ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ އެކިވަރިގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބޮޑުތިލަދުންމައްޗަށް ރޭ އިރާކޮޅު މޫސުމާއި ބެހޭ އިދާރާއިން ވަނީ އޮރެންޖް ސަމާލު ވެސް ނެރެފައެވެ.
ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުމުގެ ސަބަބުން ރޭ ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ކޮށްފައެވެ.
ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ރޭ ވަގުތީ ހޮޓްލައިން އެއް ވެސް ގާއިމްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!