ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ނޭކުރެންދޫ ކްލަބް ސެނޮން ބައްދަލުކުރި މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނޭ ކޮރަލްސްއާއި ސެނޮން އެވެ. މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ސެނޮން އިންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ޖިނާހް އާދަމް ޖަހައިދިންއިރު އޭގޭ ދެ މިނެޓް ފަހުން މުހައްމަދު ރިސްވާން ވަނީ ސެނޮން އަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮރަލްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ތައުމީން ނޫހް އެވެ. ކޮރަލްސް އިން މެޗު އެއްވަރުކުރި ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމަށް ކުޅޭ ލަންކާ ކުޅުންތެރިޔާ ޗަމޮދް ދިލްޝަންއެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ކުޅުދުއްފުށީ މަންތާ ސްޕޯޓްސް އެކަޑަމީއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
މި މުބާރާތުގައި އަށް ޓީމް ވާދަކުރެއެވެ. ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ކްލަބް ކޮރަލްސް، ކްލަބް ސެނޮން، މަންތާ ސްޕޯޓްސް އެކަޑަމީގެ އިތުރުން ކްލަބް ޑޮމިނޭޓާސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، މާއްޓޭ ސްޕޯޓްސް އެކަޑަމީ، ކްލަބް ތިލަދުންމަތީގެ އިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ.
މުބާރާތް ރާވާލާފައިވަނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީން ޖާގަ ލިބޭ ގޮތަށެވެ. ދެ ގްރޫޕް ކްރޮސްކޮށް ސެމީ ކުޅުމަށްފަހު މޮޅުވާ ޓީމަށް ފައިނަލުން ޖާގަ ލިބޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކަށް އަމާޒު ކޮށްގެން 2022 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. 2023 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ އެޑިޝަން ބާއްވާފައިވާއިރު، އެ މުބާރާތުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 60000 (ފަސްދޮޅަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.
މި އަހަރު މުބާރާތުގެ ފައިސާގެ އިނާމް ވަނީ ފާއިތުވި ދެ މުބާރާތަށްވުރެ ބޮޑުކޮށްފައެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ގައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!