އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން އާއި ފްރާންސް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ސްޕެއިން އާއި މޮރޮކޯއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ސްޕެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މި ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ ރަހީމީއެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރީ 65 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ޖަހައިދިން ލަނޑުންނެވެ. އެ ޓީމުން މެޗުގެ ނަތީޖާ އަނބުރާލީ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ޔުއަންލޫ ޖަހައިދިން ލަނޑުންނެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ފްރާންސާއި އިޖިޕްޓް (މިސްރު) ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ޖެހި ދެ ލަނޑުން (3-1) މޮޅުވެ ފްރާންސް ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިޖިޕްޓުންނެވެ. މި ލަނޑު 62 ވަނަ މިނެޓުގައި ސަބަރ ޖަހައިދިންއިރު ފްރާންސުން ނަތީޖާ ހަމަހަމަ ކުރި ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަޓޭޓާއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މަޓޭޓާ ވަނީ އިތުރު ލަނޑެއްޖަހައި ފްރާންސަށް ލީޑު ހޯދައިދީފައެވެ. ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ އޮލީސޭއެވެ.

ފްރާންސާއި ސްޕެއިން ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ. މި އަހަރު އޮލިމްޕިކް މުބާރާތް ކުރިއަށް ދަނީ ފްރާންސްގައެވެ.