ލަކުޑީގައި އަތުން ލިއެފައިވާ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ފޮތް

WhatsApp-Image-2019-12-24-at-1.26.59-PM

ތަފާތު ތަންތަނާއި އެއްޗެހީގައި ރީތި ގޮތްތަކަށް ކީރިތި ޤުރުއާން ލިއުމަކީ އެކި ގަރުނުއްސުރެއް ކުރަމުން އަންނަ އަދި
މިފަހަކަށް އައިސް ހަލުވިކަމާއެކު އެކި ކަންކޮޅުތަކުގައި އާންމުވެފައިވާ ކަމެކެވެ. މިގޮތުން މިފަހަކަށްއައިސް ލިއެވުނު މިފަދަ ޤުރުއާން ގެ ލިއުންތަކުން އެންމެ ފާހަގަ ކޮށްލެވޭ ލިއުމަކީ އިންޑޮނޭޝިއާގައި ބެހެއްޓިފައިވާ ލަކުޑިގައި ލިޔެވިފަވާ ދުނިޔޭގެ އެންމެ ބޮޑު ކީރިތި ޤުރުއާންގެ  ސޫރަތްތަކެވެ.

ބައިނަލް އަޤްވާމީ މީޑިއާގެ ސަމާލްކަމަށް އައިސްފައިވާ ޤުރުއާންގެ ސޫރަތްތަކުގެ މިލިއުން އަތުން ލިއެފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތެއްކަމަށްވާ ޝޮފްވަތިﷲ މޮހްޒައިބް އެވެ. މީނާ ވަނީ ކީރީތި ޤުރުއާންގެ ހުރިހާ ސޫރަތްތަކެއް ޓެމްބަސޫ ގަހުގެ ލަކުޑީގައި ލިއެފައެވެ.
ފުޅާމިނުގައި 1.77 އާއި 1.40 މީޓަރު ، އަދި އުސްމިނުގައި 5.8 އާއި 4.6 ފޫޓު ހުންނަ ކީރިތި ޤުރުއާންގެ މި ލިއުމަކީ މިހާތަނަށް ލަކުޑީގައި ލިއެވުނު ދުނިޔާގެ އެންމެ ބޮޑު ލިއުމެވެ.

ކީރިތި ޤުރުއާންގެ މިލިއުން ބެހެއްޓިފައިވަނީ އިންޑޮނޭޝިއާގެ ދެކުނު ސުމާޓްރާ ޕްރޮވިންސްގެ ވެރިކަން ކުރާ އަވަށް ކަމުގައިވާ ޕަލެމްބާންގް ގައެވެ. މޮހްޒައިބް އަށް މިގޮތަށް ގުރުއާން ލިއުމުގެ ހިޔާލު އުފެދުނީ 2000 ވަނަ އަހަރު ޕަލެމްބާންގް ގެ ގްރޭޓް މޮސްކް ނަމަކަށް ކިއާ މިސްކިތުގައި ކެލިގްރަފީ ދަސްކުރަމުން އައިއުރުއެވެ.

މުސްލިމުންގެ ބިނާތަކުގައި އަދި ލިއުންތަކާ ފޮތްތަކުގައި އަބަދުވެސް ދައްކުވައި ދީފައިވާ ސަގާފީ ކެލިގްރަފީގެ މިމަސަތްކަތައް އަޖައިބު ކުރުވާފަދަ އިތުރު ފުރިހަމަކަމެއް ޝޮފްވަތިﷲ މޮހްޒައިބް ގެ އަތުން ލިއެފައިވާ ކީރިތި ޤުރުއާންގެ މިލިއުމުން ވަނީ ދައްކުވައިދީފައެވެ.
މޮހްޒައިބް ގެ ހިޔާލު ހަގީގަތަކަށް ހެދުމުގެ ފެށުމެއްގެ ގޮތުން އޭނާވަނީ ކަރުދާސް ފޮށީގައި ޤުރުއާންގެ އާޔަތްތައް ލިއެ ދީނީ އިލްމުވެރިންގެ ހުއްދަ ހޯދުމަށްފަހު ކޮޕީ ކަރުދާހަށް މިއާޔަތްތައް ކޮޕީ ކުރުމަށްފަހު ޓެމްބަސޫ ލަކުޑީގައި މިލިއުންތައް ލިއެފައެވެ.

ކީރިތި ޤުރުއާންގެ މިލިއުމުގެ އެއްގަނޑުނިންމަން 1 މަސްދުވަސް ނަގާފާވާއިރު ، ޝޮފްވަތިﷲ މޮހްޒައިބް ކީރިތި ޤުރުއާންގެ 30 ފޮތް ނިންމާފައިވަނީ 9 އަހަރުދުވަސް ތެރޭގައެވެ. އަދި މި 9 އަހަރުތެރޭގައި މޮހްޒައިބް އަށްވަނީ ފައިސާ އަދި ލަކުޑި ލިބުމުގެ ދަތިކަންފަދަ ތަފާތު އުނދަގޫތަކާ ކުރިމަތިވެފައެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުން ވަނީ މިމަސަތްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މޮހްޒައިބް އަތުން ލިއެފައިވާ ޤުރުއާންގެ މިފޮތް ބެހެއްޓިފައި ވަނީ ޕްލަމްބާންގްގެ އަލް ޤުރުއާން އަލް އަކްބަރް ކިއާ ދާރުލްއާސާރް ގައެވެ. މި ލިއުން ބަލާލުމަށް ތުރުކީ ، ސައުދީ އަރޭބިއާ ، އިރާޤް ، މެލޭސިއާ ، ސިންގަޕޯރ ، އެމެރިކާ އަދި ކެނެޑާ ފަދަ ގައުމުތައް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެމަހަކުވެސް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

މިދާރުލް އާސާރުން މިހާރު ދަނީ މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކީރިތި ޤުރުއާންގެ މުއުޖިޒާތްތަކާ ބެހޭ މައުލޫމާތު ފޯރު ކޮށްދިނުމުގެ ގޮތުން ތިއޭޓަރެއް ތައްޔާރު ކުރަމުންނެވެ. ލަކުޑީގައި ލިއެފައިވާ އެންމެ ބޮޑު ޤުރުއާންގެ ލިއުމުގެ ސަބަބުން އިންޑޮނޭޝިއާގެ އިޤްތިޞާދައްވަނީ އެތައް ފައިދާއެއްވެ ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަ ޖެހުން ގެނެސްދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *