އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ބުރުގާ ޕިނެއް އިއްޔެ ނަގައިފިއެވެ.
އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. މުހައްމަދު އިސްމާއިލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅި ތެރެއިން ބުރުގާ ޕިނެއް ނަގާފައިވާ ކަމަށެވެ. އެކަން އެހެންވީ އަނގައިގެ ތެރެއަށް ޕިނެއް ލައިގެން އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
Today we removed a buruga pin from a young girl's airway, It's a sincere advice for parents to instruct their growing kids, avoid holding pins in their mouth while wearing their headscarf. pic.twitter.com/msYDFrYrxi
— M. Ismail (@drmodismail) July 23, 2024
"މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް މައިންބަފައިން އިރުޝާދު ދޭންވީ ޝޯލް ނުވަތަ ބުރުގާ އަޅާއިރު އަނގަޔަށް ޕިން ލައިގެން ނޫޅުމަށް،" މުހައްމަދު ވިދާޅުވިއެވެ.
ހަށިގަނޑު ތެރެއަށް މިގޮތަށް ދާ ޕިން ނެގުމަށް، ޑޮކްޓަރުން ބުރަ މަސައްކަތެއް ކުރަން ޖެހެއެވެ. ބައެއް ފަހަރަށް އެކަމަށް ދެ ތިން ގަޑިއިރު ވެސް ނަގައެވެ. މިއީ މީހާ ހޭނައްތާލައިގެން ކުރަން ޖެހޭ، އުނދަގޫ އަދި ނުރައްކާ ވެދާނެ ފަދަ ޕްރޮސީޖާއެކެވެ. ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރެއަށް މިގޮތަށް ދާ ޕިން ނަގަނީ ނޭފަތުން ނުވަތަ އަނގައިން ބްރޮންކޮސްކޮޕީއެއް ލައްވައިގެންނެވެ.
ޑރ. މުހައްމަދު ހިއްސާ ކުރެއްވި ފޮޓޯ އިން ފެންނަނީ ނޭވާ ހޮޅި ތެރޭގައި ޕިން އޮންނަ ތަނެވެ. އަދި ދެވަނަ ފޮޓޯގައި ބޮޑު ޕިނެއް ނަގާފައިވާ ތަން ފެނެއެވެ.
މީގެކުރިން ވެސް ކުޑަކުދިންގެ ނޭވާ ހޮޅިންނާއި ބަނޑު ފަދަ ތަންތަނުން ޕިން ނަގަން ގިނަ ޕްރޮސީޖާތަކެއް ފުރިހަމަ ކުރަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!