ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

"އަންވެއިލިން ވިޝަން 2024" ގެ ނަމުގައި އާޓް ގެލަރީގައި ކުރިއަށް ގެންދިޔަ މައުރަޒު ބައްލަވާލެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި އެ ދާއިރާ އަށް ވަންނަން ޝައުގުވެރިވާ މީހުންނަށް މި ސަރުކާރުން ފުރުސަތު ހުޅުއްވައި ދެއްވާނެ ކަމަށެވެ.

Ad
rt

އެއް ކަމަކަށް ފަންނު ދަސްކުރަން ބޭނުންވާ މީހުންނަށް މޯލްޑިވްސް އާޓްސް ކޮމިއުނިޓީ (އެމްއޭސީ) އާއި ސަރުކާރުގެ އެކި ޕްރޮގްރާމުތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އެހީގައި ފަންނު ދަސްކުރަން ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިވަގުތު މާ ބޮޑު ބަޖެޓެއް ނެތް. އެކަހަލަ ފުރުސަތުތައް މިހާރު ވަރަށް ހަނި. އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީއަށް ހަރަދުކުރުމަށް، ތިބޭފުޅުންނަށް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.

ފަންނުވެރިކަން ދައްކާލުމަށް މާލޭގައި އޮންނަ ޖާގަ އިތުރު ކުރުމާއެކު މާލެ އަށް ވުރެ ބޮޑު ޖާގައެއް ހުޅުމާލެއިން ހަމަޖައްސަވާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވިއެވެ. އަދި އެތަނުން ފަންނުވެރިންނަށް މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުރަޒުން ފެނިގެން ދިޔަ މަސައްކަތްތަކަކީ ފަންނުވެރިން ކެރިއާއެއްގެ ގޮތުގައި ކުރިޔަށް ގެންގޮސް އޭގެން އާމްދަނީ ލިބޭނެ މަސައްކަތަކަށް ހަދަން ސަރުކާރުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފައެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި ރާއްޖެއިން ބޭރުގެ އެކި ފޯރަމްތަކަށް ދިވެހި އާޓިސްޓުންގެ މަސައްކަތް ގެންގޮސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ މެނިފެސްޓޯގެ ދަށުން ފަންނުވެރިން ކުރާ މަސައްކަތް އިންޓަނެޓު މެދުވެރިކޮށް ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.