ޔޫކްރެއިންގެ ޒަޕޮރީޜިޔާގައި ހުންނަ، ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒު ދޫކޮށްލުމަށް އދގެ ޢާންމު މަޖިލީހުން ރަޝިޔާއަށް ގޮވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އދގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރަށް 99 ޤައުމަކުން ތާއީދުކޮށްފައިވާއިރު، 9 ޤައުމަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި 60 ޤައުމަކުން ވަނީ ވަކި ފަރާތަކަށް ވޯޓު ނުދީފައެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް ހަމަލާދިން ފަހުން، ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އދގެ ޤަރާރުގައި ގޮވާލާފައިވަނީ މި ތަނުގައި ތިބި ރަޝިޔާގެ ސިފައިންނާއި އެހެނިހެން ބޭރުމީހުން ނެރުމަށާއި، ޕްލާންޓްގެ ހުރިހާ ބާރުތަކެއް އަނބުރާ ޔޫކްރެއިންގެ އަތްމައްޗަށް ދޫކޮށްލުމަށެވެ.
މި ވަގުތު ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓްގެ ހަކަތަ އުފެއްދުމުގެ މަސައްކަތްތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް، އެތަނުގައި ހުރި ނިއުކްލިޔަރ ރިއެކްޓަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަރަންޓު ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މި ޤަރާރު ފާސްކުރުމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން މިކަމާ މެދު އޮތް މިންވަރު ހާމަވެގެން ދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!