ހއ.އުލިގަމް ކައުންސިލުން އެ ރަށުގައި ތަރައްގީކުރާ ޕިކްނިކް އޭރިއާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ބޭނުން ކުރަންފަށައިފިއެވެ.

މިތަން ތަރައްގީ ކޮށްފައިވަނީ ދޮންވެލި އަތިރިމައްޗާއި ތިލަފަޅު ހިމެނޭ އުލިގަމުގެ ކުޑަދޫކޮޅު ސަރަހައްދުގައެވެ. ފުރަތަމަ ފިޔަވަހީގެ އެތަނުގައި ވަނީ ފެންވެރޭނޭ އިންތިޒާމާއި ބާބަކިއު ގްރިލްތަކާއި ހަޓްހަދައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓާފައެވެ.

Ad
rt

ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކައުންސިލުން އަންނަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެއްމުން އުލިގަމް ކައުންސިލްގެ ރައީސް އަހްމަދު މުއާޒް މުހައްމަދު ބުނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށާއި، ދެވަނަ ފިޔަވަހީގައި އެތަނުގައި ޖެޓީއަކާއި އިށީއިންނާނެ ބެންޗާއި ރެސްޓްރޫމެއްގެ އިތުރުން އިންޑޯ ފެންވެރާ ތަނެއް ވެސް ތަރައްގީ ކުރާނެކަމަށެވެ.

މުއާޒް އިތުރަށް ބުނީ އެ ރަށުގައި ކުރިން އާންމުކޮށް މޫދަށް އެރެން ބޭނުން ކުރަމުން އައިސްފައިވަނީ ތުނޑި ހިމެނޭ ކޮށީކޮޅު ސަރަހައްދު ކަމަށާއި، އެ ސަރަހައްދަކީ މިހާރު ލޯކަލް ޓްއަރިޒަމްއަށް ބިންތައް ދޫކޮށްފައިވާ ސަރަހައްދަށް ވުމުން މުސްތަގުބަލުގައި އާންމުން މޫދައް އެރެން އެ ސަރަހައްދަށް ވަނުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާތީ އެކަމަށް އެކަށީގެންވާ ހައްލެ ހޯދުމުގެ ގޮތުން ޕިކްނިކް އޭރިއާ ތަރައްގީ ކުރަނީކަމަށެވެ.

މި ޕްރޮޖެކްޓަކީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއިއެކު އުލިގަމް ކައުންސިލް ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.