އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ހުއްޓުވި ނަމަވެސް ދެން މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކާނި ހޮޓެލްސް އަށް ދީފައި ވަނިކޮށެވެ. ކާނި ހޮޓެލްސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ވެސް ކުރަމުން އަންނަ ދިވެހި ކުންފުންޏެކެވެ.

Ad
rt

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ މީގެކުރިން އެމްޑީޕީން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތައް ހުއްޓުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. އެ މާޒީ ތަޖުރިބާ ކުރި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާތީ، އެ ރަށުގައި ތިބި ބަޔަކު ލައްވައި "ކުޅި" ހިމާޔަތް ކުރުމުގެ ނަމުގައި މުޒާހަރާއެއް ކުރި ކަމަށެވެ. ސިނަމާލެ ބްރިޖު މަޝްރޫއު ފެށީމަ، ރާޅާ އަޅަން އުޅޭ ޒުވާނުން ލައްވައި މުޒާހަރާއެއް ކުރި ކަން ވެސް ފާހަގަ ކުރެއްވިއެވެ.

ވ. އަތޮޅުގެ ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ފަށަން އުޅޭތީ އެކަމާ ދެކޮޅު ހަދަނީ އެމްޑީޕީ ބަޔަކު ކަމަށާއި އެކަން ހުއްޓާލެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ދައުލަތަށް ލިބޭ ފައިދާ އަށް ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމުގެ އިންޒާރު ވެސް ޝުޖާއު ދެއްވިއެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ ތިކަން ހުއްޓާލާށޭ. މި ސަރުކާރަށް، ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާ އަށ ލިބޭ ފައިދާ ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ." ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގައި ވެސް ހިމެނިވަޑައިގަންނަވާ އެންމެ އިސް އެއް މެމްބަރު ޝުޖާއު ވިދާޅުވިއެވެ.

"މިކަމަށް ހިތްވަރުދޭ މީހުން ވެސް، އެއީ ވެރިކަންކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލާ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސް ނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން."

ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރީ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދުގެ ކުންފުނި ކާނި ހޮޓެލްސްއަށެވެ. އެ ފަޅު އަބްދުﷲ ހޯއްދަވާފައި ވަނީ ރިސޯޓުތަކެއް ތަރައްގީ ކުރަން މިދިޔަ މެއި މަހު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތެއްގައި ބިޑް ކާމިޔާބު ކުރައްވައިގެންނެވެ. އެ ފަޅު ކުއްޔަށް ދީފައި ވަނީ 11 މިލިއަން ރުފިޔާއަށެވެ.

ބޮޑުފިނޮޅު ކުއްޔަށް ދޫކުރަން ހުޅުވާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ވ. އަތޮޅުގެ ކައުންސިލްތަކުން ނުރުހުން ފާޅުކޮށް މިއަދު މުޒާހަރާ ވެސް ކުރިއެވެ. މި މުޒާހަރާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނިއުޝާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.