ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުމަށް ނިންމާފައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއާއި އިޖުތީމާއީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.
މި ޕްރޮގްރާމްގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާ ޑަބްލިއުޑީސީތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޑަބްލިއުޑީސީއަށް 50000 (ފަންސާސްހާސް) ރުފިޔާ ދޫކުރުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މި ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތަކުން އަންނަ އޮގްސްޓް މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެމކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އެދެއެވެ.
ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން އަންނަނީ އެ އަތޮޅުގެ ޖަމިއްޔާތަކަށް ވެސް މާލީ އެހީ ދޫކުރަމުންނެވެ. އެ އަތޮޅު ޖަމިއްޔާތަކަށް އަތޮޅު ކައުންސިލުން ދޫކުރާ ފަންޑް މި އަހަރު 100000 (އެއްލައްކަ) ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮށްފައި ވަނީ 75000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ގްރާންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!