ސަރުކާރުން މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަށް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީކޮށް ރާއްޖެ ހިންގުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށް ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

Ad
rt

އާތިފް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތައް މާލީގޮތުން އިތުރަށް ބާރުވެރިކޮށް، ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތަކާއި ޤަވާއިދުތައް އިސްލާހުކޮށް، ކައުންސިލްތަކަށް ފެންވަރު ރަނގަޅު މުވައްޒަފުން ހޯދޭނޭގޮތަށް މުސާރައިގެ އޮނިގަނޑު ބަދަލު ކޮށްދެއްވުން ކަމަށެވެ.

ލާމަރުކަޒީކޮށް ރާއްޖެ ހިންގަން ފެށުމާއިއެކު ލިބިގެންދިޔަ ފައިދާތައް ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވީ ވެރިކަމުގެ ބައެއް ބާރުތައް ރައްޔިތުންނާއި ގާތަށް އަތުވެއްޖެ ކަމަށާއި، ރަށްރަށުން ސިޔާސީ ޒުވާނުން މިހާރު އުފެދެން ފަށާފައިވާ ކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރަށްކުރާ ޑިމާންތައް ކުރިއަށްވުރެ ބޮޑުތަނުން އިތުރުވެ ރައްޔިތުންނާއި ގުޅިގެން ކައުންސިލްތަކުން އަމިއްލަޔަށް ކަންކަން ކުރާންފަށައިފި ކަމަށާއި، ސަރުކާރުން ހަމަ ހިތުހުރިހާގޮތަކަށް ރަށެއްގެ ކަންކަން ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ބަހެއް ކަންކަމުގައި ކޮންމެވެސް މިންވަރަކަށް ހިމެނެން ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ ހިޔާލާ މަޝްވަރާ ރަށުފެންވަރުގައި ހިންގާ ކަންކަމުގައި އިތުރުވެއްޖެކަން ފާހަގަ ކުރަމުން އާތިފް ވިދާޅުވީ އަޅާނުލެވި ދޫކޮށްލާފައި ހުރި މިސްކިތްތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ޕާކްތަކާއި އާންމު މައިޒާންތަކާއި މުނިސިޕަލް މަސައްކަތްތަކަށް ރަނގަޅު މިންވަރެއްގެ ކުރިއެރުމެއް ގިނަ ރަށްރަށުގައި ހޯދިފައިވާ ކަމަށެވެ.